މީޑިއާ ރެގިއުލޭޝަން ބިލުން ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކަނޑައެޅިގެންދާނެ: ހަލީލް
17 ސެޕްޓެމްބަރު 2025 - 16:04

މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުން ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކަނޑައެޅިގެންދާނެކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލްް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ހަލީލް މިފަދައިން ވިދާޅުވީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ހަލީލް ވިދާޅުވީ، މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާއެކު، މީޑިއާތަކުގެ ކަންކަން ބެލެހެއްޓުން މިނިވަން ކޮމިޝަނެއްގެ ދަށަށް ދާނެ ކަމަށެވެ.

Ad by Hajj Corporation
އެގޮތުން އެ ކޮމިޝަނުގެ މެޖޯރިޓީ މެންބަރުން އައްޔަނުކުރާނީ ރަޖިސްޓާޑް މީޑިއާތަކުން ކަމަށާއި، މިކަމުގެ ސަބަބުން ސަރުކާރުގެ ކޮންޓްރޯލުން ވަކިވެ ދެފުށްފެންނަ ގޮތެއްގައި އެ ކޮމިޝަނަށް މަސައްކަތް ކުރެވޭނެ ކަމަށް ހަލީލް ވިދާޅުވިއެވެ. އަދި މި ބިލުން ނޫސްވެރިކަމާމެދު އާންމުންގެ އިތުބާރު ވަރުގަދަކޮށްދޭނެ ކަމަށްވެސް ވިދާޅުވި އެވެ.
ހަލީލް ވިދާޅުވީ، ކުރީގެ ސަރުކާރުތަކުގައި މީޑިއާތަކާމެދު އަމަލުކޮށްފައިވަނީ އިހާނެތިގޮތަކަށް ކަމަށެވެ. އެގޮތުން މީގެކުރީގައި ނޫސްވެރިންނާ ދެކޮޅަށް ފުލުހުން ޝީލްޑާއި ޕެޕަރސްޕްރޭ ބޭނުންކޮށް ހައްޔަރުކޮށް ބަންދުވެސް ކޮށްފައިވާ ކަމަށް ހަލީލް ވިދާޅުވިއެވެ.
މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް މަޖިލީހަށް ހުށަހަޅާފައިވަނީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްޙަންނާން އަބޫބަކުރު އެވެ. މި ބިލު ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅުމުން، އެ ކޮމިޓީން ވަނީ ކަމާ ގުޅުންހުރި އެކިއެކި ފަރާތްތަކާ މަޝްވަރާކުރައްވާ، އިސްލާހުތަކެއް ބިލަށް ގެނެސްފައެވެ. އިއްޔެގެ މަޖިލީހުގައި މި ބިލް ފާސްކޮށްފައިވަނީ 60 މެންބަރުންގެ ވޯޓުންނެވެ.
މި ބިލަކީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި، ތަރައްގީ ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއި ދޮގު ހަބަރު ފެތުރުުން ހުއްޓުވުމުގެ އިތުރުން ގާނޫނުއަސާސީން ލިބިދީފައިވާ ހައްގުތައް ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރު ކުރުމުގެ ގޮތުން މީޑިއާތަކާއި ނޫސްވެރިން އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމަށް ހުށަހެޅުއްވި ބިލެއް ކަމަށް ވަނީ ބަޔާންކޮށްފައެވެ.