އަންނަ އަހަރު ހައްޖަށް ދެވޭ މީހުން ކަނޑައަޅާ އެކަން އެ މީހުންނަށް އަންގަންފަށައިފި
25 ސެޕްޓެމްބަރު 2025 - 09:48

އަންނަ އަހަރު ހައްޖުގެ އަޅުކަމަށް ދެވޭ މީހުންނަށް ހައްޖު ކޯޕަރޭޝަނުން އެކަން އަންގަން ފަށައިފިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މި އަހަރު ހައްޖަށް ދިޔަ މީހުންނަށް ވަނީ ބޮޑެތި ލުއިތަކެއް ލިބިގެން ގޮސްފައެވެ. މައްކާ ރޫޓު އިނިޝިއޭޓިވްގައި ރާއްޖެ ހިމެނި، ޖިއްދާގެ އެއާޕޯޓްގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން ނުޖެހި ހޮޓަލަށް ދެވުމަށް ފަސޭހަވިއެވެ.

Ad by Hajj Corporation
ސައުދީ ސަރުކާރުން ހައްޖު ކޯޓާގެ ގޮތުގައި ރާއްޖެއަށް ދޫކުރަނީ 1،000 މީހުންގެ ކޯޓާއެކެވެ. އެ ކޯޓާގެ ދަށުން 850 މީހުންނަށް ކިޔޫ ތަރުތީބުން، ބަލިމީހުންގެ އެހީތެރިންނާއި ކައްކާއިން ހިމެނޭހެން އެހީތެރިންގެ ގޮތުގައި 100 މީހުން، އަދި ފަގީރުންގެ ލިސްޓުގައި ހިމެނިގެން ސަރުކާރުގެ ޚަރަދުގައި ދާ 50 މީހުންނަށް ހައްޖަށް ދެވެއެވެ.
ހައްޖަށްދާ މީހުންނަށް ފުރުސަތު ދިނުމުގައި ސަރުކާރުން ނުފޫޒުފޯރުވާ ކަމުގެ ޝަކުވާތަށް ކުރިނަމަވެސް، އެކަމަށް މިފަހުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވަނީ ރައްދުދެއްވާފައެވެ. މިނިސްޓަރު ވިދާޅުވީ، ސައޫދީ ސަރުކާރުން ރާއްޖެއަށް ދޫކުރާ 1،000 މީހުންގެ ހައްޖު ކޯޓާގެ ތެރެއިން ސަރުކާރުން ރިޒާވްކުރާ ކޯޓާގެ އަދަދު ދަށްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށެވެ.އަދި އިންސާފުވެރިކަމާއެކު، ކޯޓާތައް ތަރުތީބުކުރުމަށް ޓަކައި އަލަށް ހައްޖުވާ މީހުންނަށް އިސްކަންދިނުމާއި ކޮންމެ ފަސް އަހަރަކުން ނޫނީ ތަކުރާރުކޮށް ހައްޖަށް ނުދެވޭ ގޮތް ހެދުމާއި، 65 އަހަރުންމަތީ މީހުންނަށް ހައްޖު ކޯޓާއިން ވަކި ޕަސެންޓެއް ކަނޑައެޅުން ފަދަ ބަދަލުތައް މި އަހަރުގެ ހައްޖު މޫސުމުގައި ތަންފީޒުކުރާނެ ކަމަށް އޭރު މިނިސްޓަރު ވިދާޅުވިއެވެ.
ހައްޖު ކޯޕަރޭޝަނުން އަންނަނީ އަންނަ އަހަރު ހައްޖަށް ދެވޭ މީހުން މެޑިކަލް ހުށަހެޅުމަށް އަންގަމުންނެވެ.އަންނަ އަހަރުގެ ހައްޖު ދުވަހަކީ މޭ މަހުގެ 25 ވަނަ ދުވަހެވެ.


