މިއަދާއި މިރޭ މާލޭގެ އެކި ހިސާބުތައް ބަންދު ކުރަން ފުލުހުން ނިންމައިފި
3 އޮކްޓޯބަރު 2025 - 12:02

ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނަކާ ގުޅިގެން މާލޭގެ އެކި ސަރަހައްދުތައް ބަންދުކުރަން ނިންމައިފިއެވެ.
ފުލުހުން މިއަދު ކުރި އެކްސް ޕޯސްޓެއްގައި ބުނީ ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނަކާ ގުޅިގެން މިއަދާއި މިރޭގެ އެކި ވަގުތުތަކުގައި އާންމު ޓްރެފިކަށާއި ހިނގާ މީހުންނަށް މާލޭގެ އެކި ސަރަހައްދުތައް ބަންދުކުރެވޭނެ ކަމަށެވެ. ނަމަވެސް އޮޕަރޭޝަންގައި މާލޭގައި ބަންދު ކުރާނެ ސަރަހައްދުތަކުގެ ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.

Ad by Hajj Corporation
"މިކަމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމަށް އެދެން. އަދި މިކަމުގެ ސަބަބުން ރައްޔިތުންނަށްް ދިމާވެދާނެ އެންމެހައި ދަތިތަކަށް ނިހާޔަތަށް މާފަށް އެދެން" ދިވެހި ފުލުހުންގެ ހިދުމަތް
އިދިކޮޅު އެމްޑީޕީން މިރޭ ބާއްވާ ހަރަކާތުގެ ތެރެއިން، ކުށްކުރާ ގްރޫޕްތައް މަގުމައްޗަށް ނެރެ ހަމަނުޖެހުން ހިންގަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިން ވަނީ ބުނެފައެވެ.
ފުލުހުން އޭރު ނެރުނު ބަޔާނެއްގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ބޭނުންކުރުމުގެ ހަމަތައް، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި އެ ގާނޫނަށް އިސްލާހު ގެނެސްފައިވާ ގާނޫނުތަކުގައި ބަޔާން ކުރެވިފައިވާކަން ފާހަގަކޮށްފައިވެއެވެ.
ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ސުލްހަވެރިކަމާއެކު ކުރިއަށްގެންދެވޭ ހަރަކާތްތަކަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަމާއި، އެފަދަ ހަރަކާތްތައް ހިންގޭ ސަރަހައްދުތަކުގެ މަގުތަކާއި އެހެނިހެން ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖެއްސުމަކީ ފުލުހުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުންގެންދާ ކަމެއްކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ނަމަވެސް، ދިވެހި ފުލުހުންގެ ޚިދުމަތުން ހުއްދަ ދީފައިވާ ރޫޓާ ޚިލާފަށް، އެމްޑީޕީން ބާއްވާ ހިނގާލުން ކުރިއަށް ގެންދިއުމަށާއި އެކި ބައިބަޔަށް ބެހި، ކުށްކުރާ ގްރޫޕްތައް މަގުމައްޗަށް ނެރެ މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުން ދިނުމަށް ރާވާފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ. މިފަދަ އަމަލުތަކަކީ މާލޭގެ އަމަން އަމާންކަމާއި އާންމު މަސްލަހަތު ގެލިދާނެ ކަންކަން ކަމުގައި ދެކޭކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން، ސުލްހަވެރި ހަރަކާތެއްގެ ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި، ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފު އަދި އަމަން އަމާންކަމަށް ނުރައްކާވެދާނެ އެއްވެސް އަމަލެއް ހިންގުމަށް ހިތްވަރު ނުދިނުމަށް ފުލުހުން ވަނީ ގޮވާލާފައެވެ. އަދި، މާލެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުންދޭން ފުރުސަތު ނުދޭނެކަމަށް ފުލުހުން ބުނެފައިވެއެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި މީގެ އަހަރުތަކެއް ކުރިން އެމްޑީޕީން ބޭއްވި ބައެއް އެއްވުންތަކުގައި ވެސް ހަމަނުޖެހުން ހިންގައި، މުދަލަށާއި ތަންތަނަށް ގެއްލުންދީފައިވެއެވެ.


