މެސީ އިންޓަރ މަޔާމީގެ އެއްބަސްވުން އައުކޮށްފި
24 އޮކްޓޯބަރު 2025 - 04:52

އެމެރިކާގެ މޭޖަރ ލީގު ސޮކަރ (އެމްއެލްއެސް) ކްލަބް، އިންޓަރ މަޔާމީ އާއިއެކު ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ލިއޮނެލް މެސީ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު 2028 ވަނަ އަހަރުގެ ނިޔަލަށް އިތުރުކޮށްފި އެވެ. މަޔާމީ ދޫކޮށްލާނެކަމަށް މީގެކުރިން ބެލެވުނު މެސީ މި އެއްބަސްވުން އައުކުރުމުގެ އިއުލާނާކުރުމާއެކު އިތުރު ތިން އަހަރު މަޔާމީ އިން ފެނިގެންދާނެއެވެ. މިކަމުގެ ސަބަބުން މޭޖަރ ލީގުގެ މަގުބޫލުކަން އިތުރަށް ބޮޑުވެ، މުޅި އެމެރިކާގެ ފުޓުބޯޅައަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
އިންޓަރ މަޔާމީ އިން އިއްޔެ މިކަން ރަސްމީކޮށް އާންމުކޮށްފައިވާއިރު، އާޖެންޓީނާގެ ކެޕްޓަން އަދި ބެލޮންޑިއޯ އެވޯޑް އެތައް ފަހަރެއްގެ މަތިން ހޯދާފައިވާ މި ކުޅުންތެރިޔާއަކީ އެ ކްލަބުގެ މުސްތަގުބަލަށް އާދަޔާޚިލާފު ބޮޑު ބަދަލެއް ގެނެސްދޭނެ ކުޅުންތެރިޔެއް ކަމަށް އެ ކްލަބުން ދެކެއެވެ. އެގޮތުން މީގެކުރިން ވަނީ މެސީގެ ކެޕްޓަނުކަމުގައި މަޔާމީއިން އެކުލަބުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސަޕޯޓާސް ޝީލްޑް ކާމިޔާބުކޮށްދީފައެވެ އުމުރުން 38 އަހަރުގެ މެސީ، އިންޓަރ މަޔާމީ އާއި ގުޅިފައިވަނީ 2023 ވަނަ އަހަރު ފްރާންސްގެ ޕީއެސްޖީ އިންނެވެ. އޭނާ އެމްއެލްއެސް އަށް ބަދަލުވުމާއެކު ލީގަށް އާންމުންގެ ސަމާލުކަން ވަނީ އެތައް ގުނައެއް ބޮޑުވެފަ އެވެ.

Ad by Hajj Corporation
އެއްބަސްވުން އައުކުރިކަން އިޢުލާންކުރިއިރު، މިހާރު އިންޓަރ މަޔާމީ އޮތީ އެމެރިކާގެ މޭޖަރ ލީގުގެ އީސްޓަރން ކޮންފަރެންސްގައި ތިންވަނައިގަ އެވެ. އެ ކްލަބަށް މެސީ ގެނެސްފައިވަނީ މުބާރާތުގެ ކާމިޔާބީ ހޯދުމުގެ އަމާޒުގަ އެވެ. .
މެސީ ވަނީ ނިމިގެންދިޔަ މޭޖަރ ލީގުގައި އާދަޔާޚިލާފު މޮޅު ކުޅުމެއް ދައްކާފަ އެވެ. ޖުމްލަ 29 ލަނޑު ޖަހައިގެން މެސީ ވަނީ މި ސީޒަނުގެ ރަން ބޫޓް ހޯދާފަ އެވެ. އަދި މި ސީޒަނުގެ އެންމެ މޮޅު ކުޅުންތެރިޔާ (އެމްވީޕީ)ގެ މަގާމުވެސް އޭނާއަށް ލިބުން ވަރަށް ކައިރި އެވެ. މިދިޔަ އަހަރުވެސް މި ޝަރަފު ހޯދާފައިވާއިރު، މި ސީޒަނުގައިވެސް އެމްވީޕީގެ މަގާމު ލިބިއްޖެނަމަ އެމްއެލްއެސްގެ 30 އަހަރުގެ ތާރީޚުގައި ޖެހިޖެހިގެން މި މަގާމް ހޯދާ ފުރަތަމަ ކުޅުންތެރިޔާ އަށް މެސީ ވެގެންދާނެއެވެ.


