"ސްވައިޕް" ކޮށްލައިގެން ދުނިޔެއާއި ރާއްޖެ ގުޅުވާލަދޭން ބީއެމްއެލްއިން ތައްޔާރުވަނީ
29 އޮކްޓޯބަރު 2025 - 06:20

ބޭންކް އޮފް މޯލްޑިވްސް އިން މަލްޓިކަރަންސީ ޑިޖިޓަލް ވޮލެޓެއް ތައާރަފްކޮށް، ދިވެހިރާއްޖެއާއި މުޅި ދުނިޔެ ގުޅުވާލަދޭން ތައްޔާރުވެއްޖެއެވެ.
"ސްވައިޕް" ގެ ނަމުގައި ހަދާ މި ޑިޖިޓަލް ވޮލެޓަކީ، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ފަސޭހަކަމާއެކު، އަވަހަށް އަދި ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތް ކުރެވޭނެ މަލްޓިކަރަންސީ ޑިޖިޓަލް ވޮލެޓެކެވެ.

Ad by Hajj Corporation
މި ވޮލެޓް ތައާރަފްކޮށްފައި ވަނީ ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ބުނީ، މި ވޮލެޓް ވެގެންދާނީ ރާއްޖެއިން ބޭރުން ފައިސާ ލިބިގަތުމަށް އެންމެ ފަސޭހާ މަގަށް ކަމަށާއި، ފައިސާ ފޮނުވުމުން ވަގުތުން މި ވޮލެޓަށް ފައިސާ ލިބޭއިރު އެއްވެސް ފީއެއް ނުނަގާނެކަމަށް އަދި ކޮންމެ ގައުމަކުން ވިޔަސް މި ވޮލެޓަށް އެކްސެސް ވެވޭނެކަމަށް އަދި ފައިސާ ފޮނުވޭނެކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސްގެ މަލްޓިކަރަންސީ ޑިޖިޓަލް ވޮލެޓު، ސްވައިޕް އަކީ ދިވެހީން އުފައްދައި ތަރައްގީކޮށްފައިވާ %100 ދިވެހި އުފެއްދުމެކެވެ. ބީއެމްއެލުން ބުނީ، މި ޑިޖިޓަލް ވޮލެޓަކީ، ދުނިޔޭގެ ޑިޖިޓަލް މާލީ ބާޒާރުގައި ރާއްޖެއާއި ރާއްޖޭގެ ފިންޓެކްގެ ހުނަރުވެރިކަން ދައްކުވައިދޭނެ އުފެއްދުމެއްކަމަށާއި، މިއީ މި ސަރަހައްދުގެ އެންމެ މޮޅު ޑިޖިޓަލް ބޭންކަށް ވުމުގެ ލަނޑުދަނޑި ހާސިލްކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ.
މި ވޮލެޓްގެ ސަބަބުން ދިވެހިން އުފައްދާ ދިވެހި އުފެއްދުންތައް ބޭރު ގައުމުތަކުގެ މާކެޓުގައި ވިއްކަން ބޮޑު ފަސޭހައެއް ލިބިގެންދާނެކަމާއި ވޮލެޓްގެ ސަބަބުން ރާއްޖޭގެ ފަތުުރުވެރިކަމަށް އިތުރު ކުރިއެރުން ގެނެސްދޭނެކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެއެވެ.
ދުނިޔޭގެ ކޮންމެ ބޭންކަކުން ނެރެފައިވާ ޑެބިޓް، ކްރެޑިޓް ނުވަތަ ޕްރީޕެއިޑް ކާޑެއް ބޭނުންކޮށްގެންވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެއެވެ. އަދި ބީއެމްއެލްގެ އެކައުންޓްތަކަށް ފައިސާ ފޮނުވައި އެ އެކައުންޓުން ފަސޭހަކަމާއެކު ފައިސާ ނޭގެނެއެވެ. ވިޔަފާރިތަކަށް ވަގުތުން އެކައުންޓަށް ފައިސާ ޖަމާވާ ގޮތަށް ސްވައިޕް ފަރުމާކޮށްފައިވުމުން، ވިޔަފާރިވެރިންނަށް ކޭޝް ފްލޯ ބެލެހެއްޓުމަށް ފަސޭހަވެގެންދާނެއެވެ.

މިއީ ދުނިޔޭގެ މަޝްހޫރު ޕޭމަންޓް ވޮލެޓްތަކާ އެއް ފެންވަރެއްގެ އުފެއްދުމެއްކަމަށް ބީއެމްއެލް އިން ބުނެއެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ސްވައިޕާއެކު ރާއްޖޭގެ ހުނަރުވެރިންނަށް ދުނިޔޭގެ މާކެޓަށް ދޮރުތަކެއް ހުޅުވި، ފައިސާ އެއްވެސް އިތުރު ޗާޖަކާ ނުލައި ހޯދޭނެ މަގު ފަހިވެގެންދާނެ ކަމަށެވެ.
ސްވައިޕްގެ ބީޓާ ޓެސްޓިންގ އަށް މި އަހަރުގެ ޑިސެންބަރު މަހު ހުޅުވާލާނެކަމަށް ބީއެމްއެލް އިން މައުލޫމާތުދެއެވެ.


