ސްކޭމްގެ މައްސަލަތަކުގައި މިދިޔަ މަހު 1.3 މިލިއަން ރުފިޔާ ގެއްލުނު
1 ނޮވެމްބަރު 2025 - 16:15

މިދިޔަ މަހުގެ ތެރޭގައި 165 ސްކޭމް މައްސަލަ ހުށަހަޅާފައިވާއިރު، މި މައްސަލަތަކުގައި 1.3 މިލިއަން ރުފިޔާ ގެއްލިފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ މަހުގެ ތެރޭގައި ފުލުހުންނަށް ހުށަހަޅާފައިވާ ސްކޭމް މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހަޅާފައިވަނީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރީގެ ސްކޭމްތަކެވެ. އެގޮތުން އީ-ކޮމާސް ގެ 86 ސްކޭމްގެ މައްސަލަ ފުލުހަށް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން ކަރަންސީ އެކްސްޗޭންޖު ސްކޭމްގެ 25 މައްސަލަ، އިންޕާސަނޭޝަން ސްކޭމްގެ 17 މައްސަލަ، ފިޝިން، ވިޝިން އަދި ޖޮބް ސްކޭމްގެ 15 މައްސަލައިގެ އިތުރުން އެހެނިހެން 22 ސްކޭމް ތަކުގެ މައްސަލަ ހިމެނެއެވެ.

Ad by Hajj Corporation
މި ސްކޭމްތަކުން 1.3 މިލިޔަން ރުފިޔާ ގެއްލިފައިވާއިރު އޭގެ ތެރެއިން އަނބުރާ ހޯދިފައިވަނީ އެންމެ ހަތަރު ލައްކަ ރުފިޔާ ކަމަށް ފުލހުން މައުލޫމާތު ދެއެވެ.
އަދި ފުލުހުންނަށް މިދިމަހު ހުށައެޅި 165 ސްކޭމް މައްސަލައިގެ ތެރެއިން އެއްކޮށް ފައިސާ ހޯދިފައިވަނީ 84 މައްސަލައެއްގެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މި ސްކޭމްތަކަށް ބޭނުންކޮށްފައިވަނީ ފޯން ކޯލް، އައިބޭ، އޮންލައިން މެސެޖިން، ފިޝިން ލިންކް އަދި ފޭސްބުކް މާކެޓް ޕްލޭސްކަމަށް ފުލުހުން ބުންޏެވެ.
މިފަދަ ސްކޭމްތަކުގައި ޖެހޭ މީހުންގެ އަދަދު ގިނަކަން ފާހަގަކުރެވޭތީ، ސްކޭމްތަކަށް ސަމާލުވުމަށް މެދުކެންދުމެއްނެތި ފުލުހުންނާއި ކަމާއި ގުޅުން ހުރި އިދާރާތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.


