އިމިގްރޭޝަންގެ ވޯކިން އިންޓަވިއުގައި 500 އަށްވުރެ ގިނަ މީހުން ބައިވެރިވެއްޖެ
2 ނޮވެމްބަރު 2025 - 01:44

މޯލްޑިވްސް އިމިގްރޭޝަނަށް 70 އޮފިސަރުން ނެގުމަށްޓަކައި ހޮނިހިރު ދުވަހު ބޭއްވި ވޯކިން އިންޓަވިއުގައި 500 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
މި އިންޓަވިއު ބާއްވާފައިވަނީ ހުޅުމާލެ ފޭސް-2 ގެ ސަލާހުއްދީން ސްކޫލްގައެވެ.

Ad by Hajj Corporation
އިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި، މިފަހަރުގެ ވޯކިން އިންޓަވިއުއަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. އެއީ މި އިންޓަވިއުއަކީ ކުރިއާލާ ހުށަހެޅުމެއް ނެތި، ބުނާ ގަޑިއެއްގައި ބައިވެރިވެވޭ އިންޓަވިއުއަކަށް ވާތީއެވެ.
މި ވަޒީފާތަކަށް ޝަރުތު ހަމަވާނީ 30 އަހަރުން ދަށުގެ ޒުވާނުން ކަމަށް އިމިގްރޭޝަނުން އޮތީ އިޢުލާނުކޮށްފައެވެއެވެ.
މި މަގާމުގެ މުސާރައާއި އިނާޔަތްތަކަށް ބަލާއިރު، އަސާސީ މުސާރައަކީ 6،500 ރުފިޔާއެވެ. އަދި ސާވިސް އެލަވަންސްގެ ގޮތުގައި 1،500 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން، ބޭސިކް ތަމްރީނު ފުރިހަމަ ކުރުމުން، މުސާރައިގެ 35 ޕަސެންޓް ސްޕެޝަލް ސާވިސް އެލަވަންސްގެ ގޮތުގައި ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވެއެވެ.
މިފަދަ ވޯކިން އިންޓަވިއުތަކަށް ޒުވާނުންގެ ފަރާތުން ލިބޭ ތަރުހީބު މިވަނީ އިތުރުވެފައެވެ. މީގެ ކުރިން މިދިޔަ މެއި މަހު 50 ވަޒީފާއަށް ބޭއްވި މިފަދަ އިންޓަވިއުއެއްގައި 876 މީހުން ބައިވެރިވެފައިވެއެވެ.
އިމިގްރޭޝަނުން މިފަދަ ފުރުސަތުތައް ހުޅުވާލުމަކީ، ވަޒީފާގެ ބާޒާރަށް ޒުވާނުން ނެރުމަށް ލިބޭ ބޮޑު އެހީއެކެވެ.


