ބުރު ބަލިކޮށް ނިއުއިން މުހިންމު މޮޅެއް
2 ނޮވެމްބަރު 2025 - 04:58

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ބުރު ސްޕޯޓްސް ކުލަބު ބަލިކޮށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން މުހިންމު މޮޅެއް ހޯދައިފިއެވެ. މިމެޗު ނިއުރޭޑިއަންޓުން ކާމިޔާބުކުރީ 2-1 އިންނެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗުން ނިއު މޮޅުވުމާއެކު ލީގުގެ ތާވަލުގައި އެޓީމުން ވަނީ 16 ޕޮއިންޓް ހަމަކޮށްފައެވެ. ނަމަވެސް ފައިދާ ގޯލުގެ ތަފާތުން އޮޑި ސްޕޯޓްސް ކުލަބު ކުރީގައި އޮތުމާއެކު، ނިއުއަށް އަލުން ތާވަލުގެ ދެވަނަ މަގާމު އަތުލެވޭ ގޮތް ނުވިއެވެ. މެޗުން ބަލިވި ބުރު ސްޕޯޓްސް ކުލަބު 6 މެޗުން ހޯދި 7 ޕޮއިންޓާ އެކު އޮތީ ތާވަލުގެ 5 ވަނައިގައެވެ.
މެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ ފުރަތަމަ ނުރައްކާތެރި ހަމަލާ ފޮނުވާލީ ބުރު ސްޕޯޓްސް ކުލަބުންނެވެ. އެގޮތުން މެޗުގެ 7 ވަނަ މިނިޓުގައި މުހައްމަދު ނާއިމް އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. ނިއުއިން ލީޑު ނެގީ ބުރުގެ ޑިފެންޑަރ އަހަމަދު އަބްދުﷲ ހެދި ގޯހެއްގެ ފައިދާ ނަގައި އޭރިޔާ ބޭރުން ލިބުނު ބޯޅައެއް އޭރިޔާ ތެރެއަށް ވަދެ މޫސާ ޔާމީން ގޯލަށް ވައްދާލައިގެންނެވެ.

Ad by Hajj Corporation
ބުރުން ނަތީޖާ ހަމަހަމަކުރީ މެޗުގެ 35 ވަނަ މިނިޓުގައި އޭރިއާ ބޭރުން އަލީ އިޝްފާގް ހަސަން މަޖީދު ފޮނުވާލީ ހިތްގައި ބޯޅައެއް ގޯލަށް ވައްދާލައިގެންނެވެ. އިޝްފާގު ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ބޯމަތިންނެވެ. ނަމަވެސް ނިއުއިން މެޗުގައި އަލުން ލީޑު ނެގީ 68 ވަނަ މިނިޓުގައި އަލީ ފާސިރު އޭރިއާ ތެރެއިން ހުރަސްކޮށްލި ބޯޅައެއް އޭރިއާ ތެރޭގައި ހުރި ހަސަން ރާއިފް ގޯލުގެ މަތީ ކަނަށް ވައްދާލައިގެންނެވެ.
މިގޯލަށްފަހުވެސް ބުރަށް ވަނީ ލަނޑުޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން އަލީ ހަމްދާން ފޮނުވާލި ބޯޅައެއް ކީޕަރު އޭރިއާ ތެރެއިން ނުކުމެ ދިފާއުކޮށްފައިވާއިރު، މެޗުގެ ފަހުކޮޅު ނިއުގެ ބްރެޒިލްގެ އެޓޭކިން މިޑްފީލްޑަރ ލުއިސް ގޯމޭސް ޑެ ސިލްވަރ ފޮނުވާލި ހަމަލާއެއް ވެސް ކީޕަރު ވަނީ މަތަކޮށްފައެވެ. މެޗުގެ އިތުރު ވަގުތުތެރޭގައި އޭރިޔާ ބޭރުން އަލީ ފާސިރު ފޮނުވާލީ ޖެހުމެއް ވެސް ކީޕަރު ވަނީ ދިފާއުކޮށްފައެވެ.
މި މޮޅަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ލީގުގެ ކުރިއަށް އޮތް މެޗުތަކަށް ވަރަށް މުހިންމު ހިތްވަރެއް ލިބިގެންދާނެ މޮޅެކެވެ. ލީގުގައި ދެން ބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. ނިއު ނުކުންނާނީ ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.


