އީ-ވިސާއާއި އިމިގްރޭޝަންގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމުން އެމްއެންއޭސީއައިގެ ޝުކުރު ރައީސްއަށް
12 ނޮވެމްބަރު 2025 - 04:14

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ޙާއްސަ އިސްކަމެއް ދެއްވައިގެން ފެއްޓެވި، މޯލްޑިވްސް 2.0 ޤައުމީ ސިޔާސަތުގެ ދަށުން، މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމާއެކު އީ-ވިސާގެ ޚިދުމަތްތައް ތަޢާރަފްކުރުމާ ގުޅިގެން، މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީއިން ރައީސް އަށް ޝުކުރު ދަންނަވައިފިއެވެ.
އެ އެސޯސިއޭޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މި ޚިދުމަތްތައް ތަޢާރަފްކުރުމާއެކު، ބިދޭސީ މަސައްކަތްތެރިންގެ މައުޅުމާތު ދެނެގަނެވޭނެ އެޕްލިކޭޝަނެއް ލޯންޗު ކުރުމަކީ، އިމާރާތްކުރުމުގެ އިންޑަސްޓްރީގެ މަސައްކަތްތަކަށާއި ހިންގުމުގެ ދާއިރާއާއި ކުންފުނިތަކުގައި މަސައްކަތްކުރާ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް ލިބުނު ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ. އެހެންކަމުން މި ޚިދުމަތް ތައާރަފް ކުރެއްވުން ފާހަގަކޮށް، ރައީސް ޑރ. މުޢިއްޒަށް އެ އެސޯސިއޭޝަންގެ މެމްބަރުންނާއި ހިންގާ ކޮމިޓީގެ މެމްބަރުންގެ ނަމުގައި ތަހުނިޔާ ދަންނަވައި، އިޚްލާސްތެރި ޝުކުރެއް ދަންނަވާކަމަށސް އެ ބަޔާނުގައި ބުނެފައިވެއެވެ.

Ad by Hajj Corporation
އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، އެއްވެސް ޝައްކެއްނެތް ގޮތުގައި ބިދޭސީންގެ މައުލޫމާތު އެކުލެވޭ އަދި ފަސޭހައިން ކާކުކަން ދެނެގަނެވޭ އެޕްލިކޭޝަނާއި، އީ- ވިސާގެ ނިޒާމަކީ ދިވެހިރާއްޖެ ކަހަލަ ޖަޒީރާ ގައުމަކަށް ނުހަނު ބޭނުންތެރި، ކޮންމެހެން ބޭނުންވެފައިވާ ޚިދުމަތްތަކެއް ކަމަށެވެ.
ބިދޭސީ މަސައްކަތްތެރިން ބެލެހެއްޓުމުގެ ކަންކަން ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ދެއްވާ ސަމާލުކަމާއި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ފަސީހާއި އިމިގްރޭޝަންގެ އޮފިސަރުން ކުރައްވާ މަސައްކަތާއި ކުރައްވަމުން ގެންދަވާ ޚިދުމަތްތައް އެ އެސޯސިއޭޝަނުން ވަނީ ފާހަގަކޮށްފައެވެ. އަދި މި މަސައްކަތުގައި ދިވެހި ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ފުރިހަމަ ބައިވެރިވުމާއި އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އެ ބަޔާނުގައި އެ އެސޯސިއޭޝަނުން ވަނީ ދީފައެވެ.
ބަޔާން ނިންމާލަމުން ބުނެފައި ވަނީ، އެ އެސޯސިއޭޝަނުން އުއްމީދުކުރަނީ އިމިގްރޭޝަނުގެ މަސައްކަތްތައް ޑިޖިޓަލައިޒްކުރުމާއެކު، ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ކުރިމަތިވެފައިވާ ބިދޭސީން ފިލުމާއި، ޤާނޫނާއި ޤަވައިދާ ޚިލާފަށް މަސައްކަތްކުރުމުގެ މައްސަލައަށް އެކަށީގެންވާ ޙައްލެއް ލިބޭނެ ކަމަށެވެ. އަދި އިމާރާތްކުރުމުގެ މަސައްކަތްތައް ހިންގުން ފަސޭހަވެ، މަސައްކަތްތަކަށް އޭގެ ހެޔޮ އަސަރުކުރާނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ޕާސްޕޯޓް ހެއްދުމަށާއި ވިސާހޯދުމަށް އިމިގްރޭޝަނަށް ދާންޖެހުން ނިމުމަކަށް ގެނެސް، "މޯލްޑިވްސް 2.0" މަޝްރޫޢުގެ ދަށުން ތަރައްޤީކޮށްފައިވާ މޯލްޑިވްސް އިމިގްރޭޝަންގެ ޑިޖިޓަލް ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙުކޮށްފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.
އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް އިމިގްރޭޝަންގެ އައު ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަން އަދި ފޭޝަލް ރެކޮގްނިޝަން އެޕްލިކޭޝަން ވަނީ އިފްތިތާހުކޮށްފައެވެ. މީގެ އިތުރުން މޯލްޑިވްސް އިމިގްރޭޝަންގެ ''އީ-ވިޒާ" ގެ ޚިދުމަތް ވެސް މި ރަސްމިއްޔާތުގައި ވަނީ އިފްތިތާޙްކޮށްފައެވެ.
އެ ރަސްމިއްޔާތުގައި، ބިދޭސީންގެ ޝަހްސު ދެނެގަތުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ފޭޝަލް ރިކޮގްނިޝަން އެޕްލިކޭޝަން، "އެމް އައިޑީ ޗެކަރ"ގެ ނަމުގަ އައު އެޕެއް ވެސް އިފްތިތާޙުކޮށްފައިވެއެވެ.
ދިވެހިރާއްޖެ 2.0 އަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާއަށް ގެންދިއުމަށް އިފްތިތާޙްކުރައްވާފައިވާ ޕްރޮގްރާމެކެވެ. އަދި މޯލްޑިވްސް 2.0 އަކީ ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ގޮތެއްގައި ޚިދުމަތް ދިނުމުގެ އަމާޒު ހާސިލުވާގޮތަށް ދިވެހިރާއްޖެ ޑިޖިޓަލް އައު ޒަމާނަކަށް ވާސިލްކޮށްދިނުމަށް ހިންގަންފަށާފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢަކީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް މުޅި ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތަކާއި މުއައްސަސާތައް އިދާރީ ގޮތުން ހިންގާ ގޮތަށް އިންޤިލާބީ ބޮޑެތި ބަދަލުތައް ގެނައުމަށް އަމާޒުކޮށް، ކުރިއަށް އޮތް 3 އަހަރުން ނަތީޖާ ނެރުމަށް ހިންގާ މަޝްރޫޢެކެވެ.
މި އެޕްލިކޭޝަނަކީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދޭނެ ފުރިހަމަ އެޕްލިކޭޝަނެކެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަކީ ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މި މަޤްސަދު ޙާސިލުކުރުމަށްޓަކައި، ވަޒީރު އިޙްސާންގެ އިސްނެންގެވުމުގެ ދަށުން 'ޓާސްކްފޯސް އޮން އިލީގަލް އެކްސްޕެޓް އޮޕަރޭޝަންސް' އެކުލަވާލައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާ ދާއިރާއެއްގައި ގިނަގުނަ އޮޕަރޭޝަންތަކެއް ދަނީ ހިންގަމުންނެވެ. އެގޮތުން، މިހާތަނަށް މި ސަރުކާރުގެ މަސައްކަތުން 9,000 އަށްވުރެ ގިނަ ގަވާއިދާ ޚިލާފަށް އުޅެމުންދިއަ ބިދޭސީން ވަނީ އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލާފައެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ގިނަ ބިދޭސީން އަތުގައި އެއްވެސް ބާވަތެއްގެ ރަސްމީ ލިޔެކިޔުމެއް ނެތުމުގެ ސަބަބުން އެފަދަ ބިދޭސީންގެ ޝަހްސު ދެނެގަތުމަށް ދިމާވާ ދަތިތަކެވެ. މި ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުން ދިވެހި ފުލުހުންގެ ހިދުމަތުގެ އެހީތެރިކަމާއެކު ފަރުމާކޮށް ތައްޔާރުކޮށްފައިވާ މި އެޕްލިކޭޝަނަކީ ބިދޭސީންނާ ގުޅުންހުރި ސިސްޓަމްތަކާ ގުޅިފައިވާ ޒަމާނީ ޓެކްނޮލޮޖީގެ ފުރިހަމަ މިސާލެކެވެ.


