ހުއްދަ ނުނަގައި އެކި ބާވަތްތަކުގެ އިންވެސްޓްމަންޓް ސްކީމްތައް ނުހިންގަން އަނެއްކާވެސް އިލްތިމާސްކޮށްފި
12 ނޮވެމްބަރު 2025 - 05:41

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ހުއްދަ ނުނަގައި އެކި ބާވަތްތަކުގެ އިންވެސްޓްމަންޓް ސްކީމްތައް ނުހިންގުމަށް އެ އޮތޯރިޓީން އިލްތިމާސްކޮށްފިއެވެ.
ސީއެމްޑީއޭއިން މިފަދަ އިލްތިމާސެއް ކޮށްފައި މިވަނީ، މީގެކުރިން ވެސް އެތައް އިންވެސްޓްމަންޓް ސްކީމްތަކެއް ހިންގައި، އެތައް ބަޔަކަށް ގެއްލުންވި ސްކީމްތަކެއް ހިންގި ކުރީގެ ޕޮލިޓީޝަން އަލްޙާން ފަހުމީ، އަނެއްކާވެސް އެފަދަ އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް އެއަށް އިންވެސްޓްކުރާނެ މީހުން ހޯދަމުންދާ ދަނޑިވަޅެއްގައެވެ.

Ad by Hajj Corporation
މީގެކުރިން ވެސް ދެ ފަހަރެއްގެ މަތިން މިފަދައިން ބޮޑު ސްކީމެއް ހިންގައި، އެތައް ބަޔަކަށް ލައްކައިން ގެއްލުންވި ސްކީމްތަކެއް އަލްހާން ހިންގާފައިވެއެވެ. އެ މައްސަލައިގައި އޭނާއާ ދެކޮޅަށް އެތައް ބަޔަކު ދައުވާ ވެސް ކޮށްފައިވެއެވެ. އޭރު އިންވެސްޓްކުރި މީހުންނަށް އޭނާ ބަދަލު ދީފައިވާތީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ދައުވާ އަނބުރާ ގެންގޮސްފައެވެ. ޕީޖީން ބުނެފައިވާ ގޮތުގައި އޭނާ ބަދަލު ދީފައިވަނީ 13 މީހަކަށެވެ. އެހެންނަމަވެސް އަލްހާނަށް އިންވެސްޓްކޮށްގެން ގެއްލުންލިބުނު މީހުންގެ އަދަދު އެތައް ގުނައެއް އިތުރުވާނެއެވެ.
މިފަދަ ދަނޑިވަޅެއްގައި ސީއެމްޑީއޭއިން ބުނީ، ޤާނޫނީ ހުއްދަ ނެތް ފަރާތްތަކުން އެކި ބާވަތްތަކުގެ ސެކިއުރެޓީޒް ނުވަތަ އިންވެސްޓްމަންޓް ޕްރޮޑަކްޓް ގަނެވިއްކުމުގެ ހިދުމަތް ދެމުންދާކަމުގެ މައުލޫމާތު އެ އޮތޯރިޓީއަށް ލިބިފައިވާކަމަށެވެ. އަދި މި ހިދުމަތްތައް މެދުވެރިކޮށް މާލީ މަންފާ ހޯދައިދިނުމަށްޓަކައި އާއްމުނަށް އިންވެސްޓްކުރުމުގެ ފުރުޞަތުތައް ހުށަހަޅަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ސީއެމްޑީއޭއިން ބުނެފައިވެއެވެ.
އިންވެސްޓްމަންޓް ފަންޑް ހިންގުމާއި، އިންވެސްޓްކުރުމަށް ލަފާދިނުމާއި، ފަންޑް މެނޭޖްކުރުންފަދަ މާލީ ހިދުމަތްތައް ދިނުމަކީ އެ އޮތޯރިޓީއިން ލައިސަންސް ނަގައިގެން ކުރަންޖެހޭ ކަންކަމެވެ. އެހެންކަމުން، ލައިސަންސް ނެތި، ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭ ގޮތަށް އާންމުކޮށް ފުރުސަތު ހުޅުވާލައިގެން، ޚާއްސަކޮށް ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އެބާވަތުގެ ކަންކަން ނުކުރުމަށް ސީއެމްޑީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.
އާންމުންނަށް އިންވެސްޓްކުރުމަށް ލިބޭ ހުށަހެޅުންތައް ބަލައި، އެފަރާތަކީ ސީއެމްޑީއޭގެ ލައިސަންސް އޮތް ފަރާތެއްކަން ކަށަވަރުކުރުމަށްފަހު ނޫނީ އެފަދަ ކަންކަމުގައި ބައިވެރިނުވުމަށްވެސް އެ އޮތޯރިޓީއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ލައިސަންސް ނެތި އެފަދަ ކަމެއް ކުރާކަން އެނގޭނަމަ، އެ މައުލޫމާތު އެ އޮތޯރިޓީއަށް ހުށަހެޅުމަށްވެސް ވަނީ އެދިފައެވެ.
ސީއެމްޑީއޭއިން ހާމަކުރާ ގޮތުގައި އެ އޮތޯރިޓީގައި ރަޖިސްޓްރީކޮށްދީފައިވާ ފަންޑްތަކުގެ މައުލޫމާތާއި، އިންވެސްޓްކުރުމަށް ލަފާދޭ ފަރާތްތަކުގެ މައުލޫމާތު އެ އޮތޯރިޓީގެ ވެބްސައިޓުން އާންމުކޮށް ފެންނަން ހުންނާނެއެވެ. އިންވެސްޓްކުރުމުގެ ކުރިން މި މައުލޫމާތުތައް ޗެކްކުރުމަކީ އާންމުންގެ ރައްކާތެރިކަމަށްޓަކައި ވަރަށް މުހިންމު ކަމެއްކަމަށް ސީއެމްޑީއޭއިން ބުނެއެވެ.


