ތުރުކީ އަސްކަރިއްޔާގެ ވައިގެ އުޅަނދެއް ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސްގެ ތައުޒިޔާ
12 ނޮވެމްބަރު 2025 - 06:35

ތުރުކީ އަސްކަރިއްޔާގެ ވައިގެ އުޅަނދެއް ވެއްޓުނު ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަސްކަރީ ވައިގެއުޅަނދު ވެއްޓުނު ހާދިސާއާ ގުޅިގެން އެ ޤައުމުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާނާއި އެ ޤައުމުގެ ރައްޔިތުންނަށް އަދި ޚާއްސަކޮށް އެ ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ދަންނަވާކަމަށެވެ.
ރައީސް ވަނީ މި ހާދިސާގައި މަރުވި މީހުންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި ދުޢާ ކުރައްވާ ކަމަށާއި އެ ފަރާތްތަކުގެ އާއިލާތަކަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން ދުޢާ ކުރައްވާފައެވެ.

Ad by Hajj Corporation
ސަރޗް އެންޑް ރެސްކިއު ޓީމުތަކުން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ތައުޒިޔާގެ މެސެޖުގައި އެ މަސައްކަތުގެ ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހިރާއްޖެ އޮތީ ތުރުކީއާއެކުގައި ކަމަށްވެސް އެމަނިކުފާނު ފޮނުއްވެވި މެސެޖުގައި ވިދާޅުވިއެވެ.
ތުރުކީގެ ޑިފެންސް މިނިސްޓްރީން މައުލޫމާތުދީފައިވާ ގޮތުގައި. 20 މީހުންނާއެކު ދަތުރުކުރަމުންދިޔަ މި ބޯޓު ވެއްޓިފައިވަނީ ޖޯޖިއާއާއި އަޒަރުބައިޖާން ގުޅޭ ބޯޑަރު ކައިރިއަށެވެ. މި ބޯޓު ފުރާފައިވަނީ އަޒަރުބައިޖާންގެ ގާންޖާ ސިޓީއިން އަންގާރަ ދުވަހުއެވެ. ތުރުކީގެ ބައެއް މީޑިއާތަކުން ޖޯޖިއާގެ އޭވިއޭޝަން އޮތޯރިޓީއާ ހަވާލާދީ ބުނެފައިވަނީ ޑިސްޓްރެސް ސިގްނަލެއް ނުލިބެނީސް ތުރުކީގެ އުޅަނދު ރާޑަރުން ގެއްލުނު ކަމަށެވެ.


