މާލޭ ސަރަހައްދުގައި 7,000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް ވަނީ ފަށަން ތައްޔާރުވެފައި: ރައީސް
12 ނޮވެމްބަރު 2025 - 06:58

ދިވެހިރާއްޖޭގެ ވެރިކަންކުރާ މާލޭ ސަރަހައްދުގައި 7,000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތްތައް ތަރުތީބުކުރެވިފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މިއަހަރުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad by Hajj Corporation
ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމަށްޓަކައި، ދާދި އަވަހަށް މުހިންމު މަޝްރޫޢުތަކެއް މި އަހަރު ތެރޭގައި ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިކަންކަމުގެ ތަފުސީލު ކުރިއަށް އޮތް ދުވަސްތަކުގައި އާންމުންނަށް ފެނިވަޑައިގަންނަވާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ދެއްކެވި ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މާލޭގައި މި އަހަރު ތެރޭގައި، އެބަހީ، ބާކީ އޮތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި 3,000 ހައުސިންގ ޔުނިޓުގެ އެގްރީމަންޓެއްގައި ކަމާބެހޭ އުސޫލުތަކުގެ ތެރެއިން ސޮއިކޮށް، މަސައްކަތް ހަވާލުކުރެވޭނެ ކަމަށެވެ. މީގެއިތުރުން، ބޭރުގެ އެހީގެ ތެރެއިން ހިމެނިފައިވާ މަޝްރޫޢުތައްވެސް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން، އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން 4,000 ހައުސިންގ ޔުނިޓެއް ހަމަޖެހިފައިވާ ކަމަށާއި، މި މަސައްކަތްތައްވެސް ހިނގަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެހެނިހެން ޤައުމުތަކުގެ އެހީތެރިކަމާއެކީގައިވެސް މަސައްކަތް ކުރަމުންދާ ޕްރޮޖެކްޓްތައް ހުރިކަން ރައީސް ފާހަގަކުރެއްވިއެވެ.
ޖުމްލަކޮށް ބަލާއިރު، މާލޭ ސަރަހައްދުގައި ޢަމަލީގޮތުން، މާގިނަ ދުވަހެއް ނުވެ، ޢަމަލީ މަސައްކަތް ފެށޭނެ ގާތްގަނޑަކަށް 7,000 ހައުސިންގ ޔުނިޓުގެ މަސައްކަތް މިހާރު ތަރުތީބުކުރެވިފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ގޯތި ދޫކުރުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތްތައްވެސް މިހާރު ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން، ހޯމަ ދުވަހު ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބާކީ އޮތް ސަރަހައްދު ހިއްކުމުގެ މަސައްކަތް ފެށިފައިވާ ކަމަށާއި، މިކަމަށް ބޭނުންވާ އެގްރީމަންޓް ސޮއިކޮށް، ފައިސާ ހަމަޖައްސައި، ހުރިހާ ކަމެއް ތަރުތީބުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. ހަމަ އެދުވަހު، ގިރާވަރުފަޅުގެ ބާކީ އޮތްބައި ހިއްކުމަށްޓަކައިވެސް އެގްރީމަންޓް ކުރެވިފައިވާ ކަމަށާއި، މި މަސައްކަތަށް ބޭނުންވާ ޑްރެޖަރު މި މަސް ތެރޭގައި އައުމުން މަސައްކަތް ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
''އެނގިވަޑައިގަންނަވާނެ ފަދައިން، ރިޔާސީ އިންތިޚާބުގައި އަޅުގަނޑު ވީ އެއް ވަޢުދު، ގޯތިތައް ދޫކޮށްފައިވާ ފަރާތްތަކުން، އެ ގޯތިތައް އަތުނުލައި، ގޯތިތައް ހަވާލުކުރާނެ ކަމުގެ ވަޢުދު. އެހެންނަމަވެސް، އެ ގޯތިތައް ދީފައިހުރީ ކަނޑުން ކަމަށްވާތީ، އެތަން ހިއްކާފައޭ ދެވޭނީ. އެހެންވީމާ، ހިއްކުމަށްޓަކައި ގެންނަންޖެހޭ ޑްރެޖަރުތައް ގެނެވި، މިހާރު އެ ހިއްކަނީ. އެހެންވީމާ، މި މަސް ތެރޭގައި ގިރާވަރުފަޅުވެސް ހިއްކަން ފަށާނެ. އަދި މި އަހަރު ނިމުމުގެ ކުރީގައި، އަޅުގަނޑު ރިޔާސީ ބަޔާނުގައި ދެންނެވި، އުތުރުތިލަފަޅުގެ މަސައްކަތްވެސް ފަށާނެ. އަދި ހަމަ ރިޔާސީ ބަޔާނުގައި އަޅުގަނޑު ދެންނެވިން، ރަސްމާލޭގެ ވާހަކަވެސް. މިހާރު ތިޔަބޭފުޅުން މިއަދު ވަޑައިގެން ބެއްލެވިޔަސް ފެނިވަޑައިގަންނަވާނެ، ތިން ސަރަހައްދެއްގައި ރަސްމާލޭގައި ބިން ހިއްކަން ފަށައި، ބައެއް ސަރަހައްދުތައް އެއޮތީ، ހިއްކާ ނިމިފައި، ހިއްކަމުންވެސް އެބަދޭ ނޮންސްޓޮޕް، މެދުނުކެނޑި. އެ މަސައްކަތް ތިންގުނައަށް ބާރުވާނެ، މި އަންނަ މަސް ތެރޭގައި'' ރައީސް ވިދާޅުވެފަވެއެވެ.


