މަސްތުވާތަކެއްޗާއެކު ރާއްޖެ ސަރަހައްދަށް ވަތް މަސް ބޯޓުން ހައްޔަރުކުރި 5 މީހުން ޝަރީއަށް ނިމެންދެން ބަންދަށް
12 ނޮވެމްބަރު 2025 - 09:24

ޑްރޯން ބޭނުންކޮށްގެން އެމްއެންޑީއެފުން ހިންގި ސަރވެއިލަންސް އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު އަތުލައިގަތް ސްރީލަންކާގެ މަސްބޯޓުގައި ތިބި 5 މީހުންވެސް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
މި ބޮޑު މަސްތުވާތަކެތީގެ ކޮންސައިންމެންޓް އަތުލައިގަތީ ލަންކާގެ އިންޓެލިޖެންސް މަޢުލޫމާތަށް ބިނާކޮށް ދިވެހި އަސްކަރިއްޔާއިން ހިންގި އޮޕަރޭޝަނެއްގައި ނޮވެންބަރު 7 ވަނަ ދުވަހު ވ. ފޮއްތެޔޮމުލީގެ އިރުން 137 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ.

Ad by Hajj Corporation
މިކަމާއި ގުޅިގެން ރަސްމީ މައުލޫމާތު ހާމަކޮށް ދިވެހި ފުލުހުން ހޯމަ ދުވަހުގެރޭ ނެރުނު ބަޔާނެއްގައި ވަނީ، ގާނޫނާ ހިލާފަށް ރާއްޖޭގެ އިގުތިސާދީ ސަރަހައްދަށް ވަދެ އުޅުނު ސްރީލަންކާގެ މަސް ބޯޓު ކަމަށްވާ "އަވިޝްކާ ޕުތާ" ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ގޯނިތަކެއް ފެނުނު ކަމަށް ބުނެފަ އެވެ.
ފުލުހުން ބުނިގޮތުގައި ކޯޓު އަމުރެއްގެ ދަށުން އެ ބޯޓު މިއަދު ފާސްކުރިއިރު 24 ގޯނި ފެނިފައިވާ ކަމަށާއި އޭގެ ވަގުތީ ބަރުދަން 355.9 ކިލޯ އަށް އަރަ އެވެ. އެ ގޯނިތަކުގައި ހުރީ ހެރޮއިން ކަމަށް ޝައްކު ކުރެވޭ 58.6 ކިލޯ ގްރާމް އަދި މެތަމްފެޓަމިން ކަމަށް ޝައްކު ކުރެވޭ 297.3 ކިލޯ ގްރާމްގެ މަސްތުވާތަކެއްޗެވެ. މިއީ ރާއްޖޭގެ ތާރީޚުގައި އަތުލައިގަތް އެންމެ ބޮޑު މަސްތުވާތަކެތީގެ ކޮންސައިންމެންޓްތަކުގެ ތެރޭގައި ހިމެނޭ ކޮންސައިންމެންޓެކެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު 5 މީހުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. އެއީ 28 އަހަރާއި 34 އަހަރާއި 39 އަހަރާއި 42 އަހަރުގެ ފިރިހެނެއްގެ އިތުރަށް 63 އަހަރުގެ ފިރިހެނެކެވެ. އަދި މި މައްސަލަ ދިވެހިރާއްޖޭގެ ގުޅުންހުރި ގާނޫނުތަކުގެ ދަށުން، ދިވެހި ފުލުހުންގެ ޚިދުމަތް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، ސްރީލަންކަން ނޭވީ، އަދި ސްރީލަންކަން ޕޮލިސް ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ.
އަދި ތަހުގީގު ކުރިއަށް ގެންދިއުމުގައި އަމަލުކުރާނެ ގޮތްތަކާ ގުޅޭ މަޝްވަރާތައް ތަހުގީގުގައި ބައިވެރިވާ އިދާރާތަކާއެކު ކުރަމުން ގެންދާކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށްފަހު ދައުވާ ކުރުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވޭނެކަމަށެވެ.


