ސަރުކާރުގެ 2 އަހަރުގެ އަދާހަމަ ހިއްސާކުރެއްވުމަށް މިއަހަރުވެސް ރައީސްގެ ބައްދަލުވުމެއް!
12 ނޮވެމްބަރު 2025 - 12:13

ސަރުކާރަށް ދެ އަހަރު ފުރުމާއި ގުޅިގެން، ސަރުކާރުގެ މަސައްކަތްތަކުގެ އަދާހަމަ ހިއްސާކުރެއްވުމަށް ޚާއްސަ ބައްދަލުވުމެއް މިއަހަރުވެސް ބާއްވަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ޖުމްހޫރީ ދުވަހު ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation
ސަރުކާރުން ރައްޔިތުންނަށްވީ ވަޢުދުތައް ވެފައިވާގޮތަށް ފުއްދަމުންދާނެކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ މިއަދާ ހަމައަށް އައިއިރުގައިވެސް އެމަނިކުފާނު މަސައްކަތް ކުރައްވަމުންއަންނަނީ އެގޮތަށްކަމަށެވެ.
ރައްޔިތުންނަށްވީ ހުރިހާ ވަޢުދަކީ، ފުއްދުން އެމަނިކުފާނުގެ މައްޗަށް ޒިންމާއެއްކަމަށް ވިދާޅުވިއެވެ.މުޅި ސަރުކާރު އެކުގައި، ސިވިލްސަރވިސްގެ މުވައްޒަފުންނާއި މުޅި ނިޒާމު އެކުގައި، ގުޅިގެން މިކުރަނީ އެ ވައުދުތައް ފުއްދުމުގެ މަސައްކަތްކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިދިޔަ އަހަރަކޭ އެއްގޮތަށް، ސަރުކާރުގެ މަސައްކަތްތަކުގެ އަދާހަމަ ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށް ޚާއްސަ ބައްދަލުވުމެއް ނޮވެންބަރު 17 ވަނަ ދުވަހު ބާއްވަވާނެކަމަށެވެ.
"ކޮންމެ ދާއިރާއަކުން ހާސިލުކުރެވުނު ވަރާއި، ވީ ވަޢުދުތައް ހާސިލުކުރެވުނުވަރު ހިމެނޭ ތަފްސީލު ޕްރެޒެންޓޭޝަނަކާ އެކީގައި، އަޅުގަނޑު ގަސްދުކުރަން މިދިޔަ އަހަރު ނޮވެންބަރު 17 ގައި ބޭއްވިފަދަ ބައްދަލުވުމެއް ހަމަ މި މާލަމުގައި، މި މަހުގެ، ނޮވެންބަރު 17ގައި ބާއްވައި، އިރާދަކުރެއްވިއްޔާ، އެ ދުވަހު އެ ތަފްސީލަށް ދާން. ކޮންމެ ދާއިރާއަކުން ކުރެވިފައި ހުރި ކަންކަމުގެ މަޢުލޫމާތާއި، ނަތީޖާ އޭގެ ފެކްޓްސްތަކާ އެކީގައި ރައްޔިތުންނަށް ފޯރުކޮށްދިނުން، ދަންނަވާލަދިނުން، އަޅުގަނޑު ހިތުން ވަގުތުގެ ގޮތުންވެސް އެންމެ ރަނގަޅުވާނީ ވަކި ހަފުލާއެއްގެ ގޮތުގައި އެކަން ކުރުން." ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު
ރައީސް ވިދާޅުވީ ހުރިހާ ދާއިރާއަކުންވެސް ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށްވީ ވަޢުދުތައް ފުއްދަވާނެކަމަށެވެ.


