ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ ކިބައިގައި އެބަހުރި: ސީޕީ
14 ނޮވެމްބަރު 2025 - 04:09

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ މުއައްސަސާގެ މުވައްޒަފުންގެ ކިބައިގައި އެބަހުރިކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ. ކޮމިޝަނަރ މިފަދައިން ވިދާޅުވީ ރ. އިންނަމާދޫ ޕޮލިސް ޕޯސްޓު ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"އަޅުގަނޑުމެންގެ ޒިންމާއަކީ ހަމައެކަނި ގާނޫނު ތަންފީޒުކުރުމެއްނޫން. އޭގެ ތެރޭގައި މުޖުތަމައާ ގުޅުންބަދަހިކުރުން ހިމެނޭ. އަދި ދިވެހި ފުލުހުންގެ ހިދުމަތަކީ ތަހުޒީބުވެފައިވާ މުޖުތަމައަކަށް ހިދުމަތްކުރުމަށް ތަމްރީނުވެ، ތައްޔާރުވެ ފައްކާވަމުންދާ ހިދުމަތެއް. ޒަމާނީ ބަދަލުތަކަށް ތަމްރީނުހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ މުއައްސަސާގެ މުވައްޒަފުންގެ ކިބައިގައި އެބަހުރި" ކޮމިޝަނަރ ވިދާޅުވިއެވެ.

Ad by Hajj Corporation
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އިތުރަށް ވިދާޅިުވީ މިރެއަކީ ދިވެހި ފުލުހުންގެ ޚިދުމަތުގައި ރަންއަކުރުން ފަވައިލެވޭނެ ތާރީހީ ރެއެއް ކަމަށާއި 2004 ވަނަ އަހަރުން ފެށިގެން ފުލުހުންގެ ހިދުމަތް ވަކި މުއައްސަސާއެއްގެ ގޮތުގައި ކަނޑައެޅި އޭގެ 21 އަހަރު ފަހުން، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ރައްޔިތުންނާ ގާތުން ދިނުމަށް، މީހުން ދިރިއުޅޭ 187 ރަށުގައި ފުލުހުންގެ ހިދުމަތް ގާއިމުކޮށް އިންނަމާދޫގައި ޕޮލިސް ސްޓޭޝަން ހުޅުވުމަކީ ލިބިގެންދިޔަ އުފާވެރިކަމެއް ކަމަށެވެ. އަދި މި ކާމިޔާބީއަކީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ފުލުހުންގެ ހިދުމަތް ހަރުދަނާކޮށްދެއްވައި ފުލުހުންގެ ހިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތް ފުރިހަމަކޮށްދެއްވުމަށް ކޮށްދެއްވާ މަސައްކަތްފުޅުގެ ނަތީޖާކަމަށް ވިދާޅުވިއެވެ. އަދި 2004 ވަނަ އަހަރު، މި ހިދުމަތަކީ މަދަނީ ހިދުމަތަކަށް ބަދަލުވެ ފުލުހުންނާ ރައްޔިތުންނާ ގާތުން ގުޅިގެން ހިދުމަތް ދިނުމަށް ދެކެމުންދިޔަ ހުވަފެން ހަގީގަތަކަށް ހައްދަވައިދެއްވި ކަމަށްޓަކައި ރައީސުލް ޖުމްހޫރިއްޔާއަށް ފުލުހުންގެ ނަމުގައި ޝުކުރު އަދާކުރެއްވިއެވެ.
އަދި ރައްޔިތުންނާ ގާތުން ދިވެހި ފުލުހުންގެ ހިދުމަތް ދިނުމަށް ވެލައްވާފައިވާ ވައުދުފުޅާ އެއްގޮތަށް، ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާންގެ ވިސްނުންފުޅާއި ކުރައްވާ މަސައްކަތްޕުޅާއި، ފުލުހުންގެ ޚިދުމަތުން ރިޓަޔާކުރައްވާފައިވާ ބޭފުޅުންގެ އިތުރުން ފުލުހުންގެ އެކި ބަހާތަކުން އެކި ފުލުހުން ވެދެއްވި އެހީތެރިކަން ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވިއެވެ. އަދި އެމްޓީސީސީއަށާއި އިންނަމާދޫ ކައުންސިލަށް ވެސް ޝުކުރު އަދާކުރެއްވިއެވެ.
"ވަރަށް ދަތި އުނދަގުލާއެކު ފުލުހުންގެ ހިދުމަތް ދިނުމަށް ފެށި މި ހިދުމަތް އަޅުގަނޑު ހަނދާން އެބަހުރި. ވަރަށް މަދު ތަނެއްގައި ވަރަށް މަދު ވަސީލަތާއެކު ފެށި މި ހިދުމަތް މިހާރު މިވަނީ ބަދަލުވެފައި" ސީޕީ ވިދާޅުވިއެވެ.
ހަމަ މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ކޮމިޝަނަރ ވިދާޅުވީ، މި އަހަރު ކުރީކޮޅު މަސައްކަތް ފަށާފައިވާ އިންނަމާދޫ ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވިގެން ދިއުމަކީ ކޮންމެ ރަށެއްގައި ވެސް ފުލުހުންގެ ހިދުމަތް ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތް ރަމްޒުކޮށްދޭ އަލިގަދަ ހެއްކެއް ކަމަށާ އަދި ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ފޯރުކޮށްދޭ މި ހިދުމަތަކީ ރައްކާތެރިކަން ލިބޭނެ ހިދުމަތެއްކަމަށެވެ. އަދި އިންނަމާދުގައި ޕޮލިސް ސްޓޭޝަން ހުޅުވުމަށް ބޭއްވިގެންދިޔަ ރަސްމިއްޔާތަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުން ގާއިމުވިކަން ފާހަގަވާ ރަސްމިއްޔާތެއް ކަމަށާއި މިއީ ފުލުހުން މުޖުތަމައާ ގުޅިގެން މަސައްކަތް ކުރާކަން ދައްކުވައިދޭ ކަމެއްކަމަށް ވިދާޅުވިއެވެ. އަދި މީގެ ފަހަތުގައި ވަނީ ކޮންމެ މުޖުތަމައެއްގައި ވެސް ސަލާމަތާއި އިންސާފާއި އިތުބާރު ރަމްޒުކޮށްދޭނެފަދަ ފުލުހުން ތިބޭނެކަން ކަމަށް ވިދާޅުވިއެވެ.
“ފުލުހުންގެ މުއައްސަސާއަކީ ފުލުހުން އެކަނި ތިބެގެން ހިދުމަތްކުރެވޭނެ ތަނެއްނޫން. ފުލުހުންގެ ހިދުމަތަށް އެއްބާރުލުންދޭ ބަޔަކީ ރައްޔިތުން. މިއަދު ފުލުހުންގެ ހިދުމަތް ބައްޓަންވެފައިވަނީ އަދި މި ހިދުމަތަކީ ރައްޔިތުންނާއި ފުލުހުންނާ ގުޅިގެންދެވޭނެ ހިދުމަތެއްގެ ގޮތުގައި. ފުލުހުންގެ ހިދުމަތް ފުޅާވަމުންދާއިރު ފުލުހުންނާ ރައްޔިތުންނަކީ ގުޅިލާމެހިފައިވާ ބައެއްގެ ގޮތުގައި ދެކި އިތުރަށް ގުޅުން ބަދަހިކުރަންޖެހޭ. އެކުވެރިންގެ ހައިސިއްޔަތުން އެކަކު އަނެކަކަށް އިހުތިރާމާއި ތައުރީފުކޮށް އެއްބައިވަންތަކަމާއި ޕްރޮފެޝަނަލިޒަމް އެކުލެވިގެންވާ ކަމެއްގެ ގޮތުގައި މި ހިދުމަތާމެދު ދެކެންޖެހޭ” ކޮމިޝަނަރ ވިދާޅުވިއެވެ.
މީގެ އިތުރުން، އެކަކު އަނެކަކަށް އިތުބާރުކޮށް މި ހިދުމަތުގެ އަގުވަޒަންކޮށް މި ހިދުމަތުގެ އަގު ހިފެހެއްޓުމަށް ހުރިހާ ފުލުހުން އަޒުމްކަނޑައަޅަންޖެހޭ ކަމަށާ އަދި އަމަލުން ދައްކަން ވެސް ޖެހޭކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންގެ ޓީމުތައް ބިނާވާންޖެހޭނީ އިތުބާރާއެކު އެކަކު އަނެކަކަށް އިހުތިރާމުކޮށް، ދިމާވާ ދަތި އުނދަގޫތަކުން އަރައިގަތުމަށް ގާބިލުކަންހުރި ހިތްވަރުގަދަ ބަޔަކަށް ކަމަށާއި އިންސާފުވެރިކަމާއި އަމާނާތްތެރިކަމާ އަދި ދެފުށް ފެންނަ ގޮތަށް ހިދުމަތް ދިނުމަކީ ރައްޔިތުންގެ އިތުބާރުހޯދުމަށް މުހިންމު އަސާސްތަކެއް ކަމަށާއި ކޮންމެ ދިމާއަކުން ވެސް ރައްޔިތުންނަށް ލިބޭ ރައްކާތެރިކަން ކަށަވަރުކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންގެ ހިދުމަތް ބިނާވެފައި ވަނީ ތެދުވެރިކަމާއި ނަޒާހަތްތެރިކަމާއި ޒިންމާދާރުކަމުގެ މައްޗަށްކަން ހަނދާންކުރަން ޖެހޭކަން ފާހަގަކުރައްވައި އިންނަމާދޫ ޕޮލިސް ސްޓޭޝަނަކީ ފުލުހުންގެ ހިދުމަތުގެ އައު ބާބެއް ފެށިގެން ދާނެކަމެއް ކަމަށާ އަދި އެއީ މި ހިދުމަތް ދެމިއޮންނާނެ އުންމީދީ ރަމްޒެއްކަމަށް ވިދާޅުވިއެވެ.
ކޮމިޝަނަރގެ ވާހަކަފުޅު ނިންމަވައިލެއްވީ ދިވެހި ރާއްޖެއަކީ އަމާން އިންސާފުވެރި އޯގާތެރިކަމާއެކު އެއްބައިވަންތަ ގައުމަކަށް ހެދުމަށް ގުޅިގެން ކުރަމުންދާ މަސައްކަތުގައި ބަރަކާތްލެއްވުން އެދި ދުޢާކުރައްވަމުންނެވެ.


