ކުރުނބާ ފަނި ފުޅި ތައްޔާރުކުރާ ތަނަކުން 2 ބިދޭސީން ހައްޔަރުކޮށްފި
2 ޑިސެމްބަރު 2025 - 05:09

ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ 2 ބިދޭސީން ހައްޔަރުކޮށްފިއެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފަވާއިރު ފާއިތުވި ދެ އަހަރުގެ ތެރޭގައި ޤަވާއިދާ ޚިލާފަށް އުޅެމުން އައި އަދި ޖިނާޢީ ކުށްތަކުގައި ބައިވެރިވެފައިވާ 9188 ބިދޭސީން ވަނީ ރާއްޖެއިން ފޮނުވާލާފައެވެ.

Ad by Hajj Corporation
ފުލުހުން ކުރި ޕޯސްޓެއްގައި ބުނީ ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން 2025 ޑިސެމްބަރު 1 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ބިދޭސީން ދިރިއުޅެމުންދާ ތަނެއް ބަލައިފާސްކޮށް، ބަންގްލަދޭޝް 2 ފިރިހެނަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށެވެ.
މިތަން ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ ކުރުނބާ، އަދި ހުސްފުޅިތަކެއް ފެނިފައިވާކަމަށާއި މިތަނަކީ ކުރުނބާ އަދި ކުރުނބާ ފަނި ފުޅި ތައްޔާރުކޮށް ފިހާރަތަކަށް ޑެލިވަރީ ކުރުމުގެ މަސައްކަތްކުރަމުންދާ ތަނެއްކަން ވަނީ ފާހަގަކުރެވިފައިކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ގިނަ ބިދޭސީން އަތުގައި އެއްވެސް ބާވަތެއްގެ ރަސްމީ ލިޔެކިޔުމެއް ނެތުމުގެ ސަބަބަން އެފަދަ ބިދޭސީންގެ ޝަހްސު ދެނެގަތުމަށް ދިމާވާ ދަތިތަކެވެ. މި ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުން ދިވެހި ފުލުހުންގެ ޚިދުމަތުގެ އެހީތެރިކަމާއެކު ފޭޝިއަލް ރެކޮގްނިޝަން ސިސްޓަމެއް ކަމުގައިވާ 'އެމް.އައި އައި.ޑީ ޗެކަރ' ވަނީ ފަރުމާކޮށްފައެވެ. މި އެޕްލިކޭޝަނަކީ ބިދޭސީންނާ ގުޅުންހުރި ސިސްޓަމްތަކާ ގުޅިފައިވާ ޒަމާނީ ޓެކްނޮލޮޖީގެ ފުރިހަމަ މިސާލެކެވެ.
މި އެޕްލިކޭޝަންގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، ބިދޭސީއެއްގެ ފޮޓޯ ބޭނުންކޮށްގެން، ވަގުތުން ބިދޭސީއެއްގެ ޝަހްސު ދެނެގަނެ، ކަށަވަރުކޮށް، ބިދޭސީ ފަރާތާ ގުޅޭ އެންމެހާ މަޢުލޫމާތު ލިބިގަތުމުގެ ޤާބިލުކަން ލިބިފައިވުމެވެ. މީގެތެރޭގައި ޕާސްޕޯޓު ނަންބަރު ބޭނުންކޮށްގެން ނުވަތަ ޕާސްޕޯޓް ނަންބަރާއި ވޯކްޕަރމިޓް ނަންބަރު ބޭނުންކޮށްގެން ނުވަތަ ވޯކްޕާމިޓް ފަހަތުގައި ހިމެނޭ ކިއު.އާރު ކޯޑު ސްކޭންކޮށްލައިގެން ވެސް މި އެޕްލިކޭޝަނުން މީހުން ދެނެގަނެވޭނެއެވެ.


