އަންރުވާގެ އިމާރާތަކަށް ޔަހޫދީން ވަދެގަތުން އދގެ ސެކެޓްރީ ޖެނެރަލް ކުށްވެރިކުރައްވައިފި
9 ޑިސެމްބަރު 2025 - 04:30

އިރުމަތީ ޤުދުސްގައި ހުންނަ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭ އދގެ ޖަމްއިއްޔާ އަންރުވާގެ އޮފީހަކަށް ވަދެގަނެ އެ ތަނުގައި ޔަހޫދީ ދައުލަތުގެ ދިދަ ނެގުން އދގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ކުށްވެރިކުރައްވައިފިއެވެ.
ޔަހޫދީ ބާރުތަކުން ހުއްދަ ނެތި އަންރުވާގެ އޮފީހަށް ވަނުމަކީ ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފު ޢަމަލެއް ކަމަށް ވިދާޅުވެ، މިކަން ވަރަށް ބޮޑަށް ކުށްވެރިކުރައްވައި ގުޓަރޭސް ވިދާޅުވީ އުންރުވާގެ އިމާރާތާއި ބިމަކީ އދ. އަށް ނިސްބަތްވާ ތަނެއް ކަމަށެވެ. އެ ތަނަށް ރައްކާތެރިކަން ލިބޭ ކަމަށާއި އެއީ ވަދެގަނެވޭނެ ތަނެއް ނޫން ކަމަށް ގުޓަރޭސް ވަނީ ވިދާޅުވެފައެވެ.

Ad by Hajj Corporation
އަންރުވާގެ އިމާރާތަށް ޔަހޫދީން ވަދެގަނެފައިވަނީ ގަދަކަމުން ބާރުގެ ބޭނުންކޮށްގެންނެވެ. އަދި އެ އިމާރާތުގެ ގޯތިތެރެއަށް ވަނުމަށްފަހު އެތަނުގެ ހުރިހާ މުއާސަލާތީ ނިޒާމެއް ކަނޑާލައި މޭޒުކޮޅުތަކާއި، އައިޓީ ސާމާނާއި، އެހެނިހެން މުދާ ވަނީ ހިފަހައްޓާފައެވެ. އަދި އެ އިމާރާތުގައި ނަގާފައިހުރި އދ. ގެ ދިދަ ތިރިކޮށް، އެތަނަށް ޔަހުދީނެގެ ދިދައެއް ވަނީ ނަގާފައެވެ.
އދގެ ޢާންމު މަޖިލީހުން އަންރުވާ އުފެއްދީ ޔަހޫދީ ދައުލަތް އުފެއްދުމަށް ކުރި ހަނގުރާމައަށް ފަހު 1949 ވަނަ އަހަރެވެ. ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މައިބަދައަކީ އަންރުވާއެވެ. ޣައްޒާގެ އިތުރުން ހުޅަނގު އައްސޭރި، ސޫރިޔާ، ލުބުނާން އަދި އުރުދުންގައި ދިރިއުޅޭ އެތައް މިލިއަން ފަލަސްތީންގެ ރައްޔިތުންނަށް ސިއްޙީ، ތައުލީމު އަދި ކާބޯތަކެތީގެ އެހީ ފޯރުކޮށްދޭ އަންރުވާގެ ބަދަލުގައި، އެ މަސައްކަތް ކުރެވޭނެ އެހެން ޖަމްއިއްޔާއެއް ނެތް ކަމަށް އދން ވަނީ މިފަހުންވެސް ބުނެފައެވެ.
2023 އޮކްޓޫބަރު 7 ވަނަ ދުވަހު ދޭން ފެށި އިސްރާއީލް-ފަލަސްތީން ހަމަލާތަކަށް މިއަދަށް 795 ދުވަސްވެގެން ގޮސްފައިވާއިރު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވެ ކޮންމެ ދުވަހަކުވެސް ޣައްޒާގެ އެކި ހިސާބުތަކަށް ޔަހޫދީން އަންނަނީ ހަމަލާތައްދެމުންނެވެ.


