ލަފާކުރި ތާރީޚުތަކާ އެއްގޮތަށް ފްލެޓްތައް ހަވާލުކުރަން ފަށައިފި
9 ޑިސެމްބަރު 2025 - 06:21

ފަހި ދިރިއުޅުން ކޯޕަރޭޝަން- އެފްޑީސީން ހުޅުމާލޭގައި އިމާރާތްކުރި 4000 ފްލެޓް ލިބުނު މީހުންނަށް، އެ ފްލެޓްތައް ހަވާލުކުރަން ލަފާކުރި ތާރީޚުތަކާ އެއްގޮތަށް ފްލެޓްތައް ޙަވާލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ގެދޮރުވެރިޔާ ސްކީމްގައި ތަރައްޤީކޮށްފައިވާ ފްލެޓްތަކުގެ ތަޅުދަނޑު ހަވާލުކުރަން ފަށާފައިވަނީ ސެޕްޓެންބަރުމަހުގެ 5 ވަނަ ދުވަހުއެވެ. އެގޮތުން އެންމެ ފުރަތަމަ ދޫކުރީ އަމާން އުދަރެސްގެ 14 ވަނަ ޓަވަރުގެ ޔުނިތަކެވެ. އަމާން އުދަރެހުގައި ޖުމްލަ 16 ޓަވަރު ހިމެނޭއިރު އެއީ 2000 ހައުސިން ޔުނިޓްއެވެ.

Ad by Hajj Corporation
ބާކީ ޓަވަރުތަކުގެ ތެރެއިން އަމާން އުދަރެސްގެ ޓަވަރު 11، 12، 13، 15 އަދި 16 ވަނަ ޓަވަރުގެ ފްލެޓްތައް ޙަވާލުކުރަން ނިންމީ ޑިސެމްބަރު ދެވަނަ ހަފްތާގެ ތެރޭގައެވެ. އަދި އެ ތާރީހާ އެއްގޮތަށް މިހާރު ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތްދަނީ ކުރިއަށެވެ.
ބާކީހުރި ފްލެޓްތައް ހަވާލުކުރެވޭނެ ތާރީހްތައް:
-އަމާން އުދަރެސްގެ 8 ވަނަ ޓަވަރުގެ ފްލެޓުތައް ޖެނުއަރީ 3 ވަނަ ހަފުތާގައި.
- އަމާން އުދަރެސްގެ 1، 2، 3، 4 އަދި 7 ވަނަ ޓަވަރުގެ ފްލެޓުތައް ޖެނުއަރީ 4 ވަނަ ހަފުތާގައި.
- އަމާން އުދަރެސްގެ 5 އަދި 6 ވަނަ ޓަވަރު ޖެނުއަރީ 3 ވަނަ ހަފުތާގައި.
- އަމާން އުދަރެސްގެ 9 އަދި 10 ވަނަ ޓަވަރުގެ ފްލެޓުތައް ޖެނުއަރީ 5 ވަނަ ހަފުތާގައި.
- އަމާން ދޯދި 1، 2، 3، 4، 12، 13، 14 ވަނަ ޓަވަރު - ޖެނުއަރީ ފަހު ހަފުތާގައި.
- އަމާން ދޯދި 15 އަދި 16 ވަނަ ޓަވަރު، ޖެނުއަރީ 2 ވަނަ ހަފުތާގައި.
- އަމާން ދޯދި 5، 6، 7، 8، 9، 10 އަދި 11 ގެ ޓަވަރުތައް ޖެނުއަރީ ފަހު ހަފުތާގައި.
މި މަޝްރޫޢުގައި ހިމެނެނީ 2 ކޮޓަރީގެ ޔުނިޓްތަކާއި 3 ކޮޓަރީގެ ޔުނިޓްތަކެވެ. ދެ ކޮޓަރީގެ ފްލެޓުތަކަށް މެއިންޓެނަންސް ފީއާ އެކު 8،000 ރުފިޔާ މަހަކު ދައްކަން ޖެހޭއިރު ތިން ކޮޓަރީގެ ފްލެޓަށް މެއިންޓެނަންސް ފީއާ އެކު ދައްކަންޖެހެނީ 11،500 ރުފިޔާ އެވެ.
އެ މަޝްރޫއުގައި ހިމެނޭ 17އާއި 18 ބުރީގެ 32 ޓަވަރުގެ މަސައްކަތް އެއްކޮށް ނިމި މިހާރު ކުރިއަށް ދަނީ ފިނިޝިންގެ މަސައްކަތެވެ.


