ހައިކޯޓުގެ ފަނޑިޔާރު ނިޔާޒު ރިޓަޔާކުރައްވައިފި
9 ޑިސެމްބަރު 2025 - 16:18

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު، ފަނޑިޔާރުކަމުން ރިޓަޔާކުރައްވައިފިއެވެ.
ހައިކޯޓުގައި ހުންނެވި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު ނިޔާޒު ފަނޑިޔާރުކަމުން ރިޓަޔާރަކުރައްވާފައި ވަނީ މިއަދުން ފެށިގެން ޝަރަފުވެރިކަމާއެކުގައެވެ. އެހެންކަމުން، މިއަދަކީ ފަނޑިޔާރު ނިޔާޒު ހައިކޯޓުގައި ފަނޑިޔާރެއްގެ ގޮތުން މަސައްކަތްޕުޅު ކުރެއްވި އެންމެ ފަހު ދުވަހެވެ.

Ad by Hajj Corporation
ހައިކޯޓުގެ ފަނޑިޔާރަކު ރިޓަޔާކުރައްވަން ބޭނުންފުޅުވެއްޖެ ހިނދެއްގައި އެކަމަށް އެދި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅަަންޖެހެއެވެ. މަގާމުން ރިޓަޔާކުރެއްވޭނީ ޖޭއެސްސީގެ އިޖާބަ ލިބިވަޑައިގަތުމުންނެވެ.
ފަނޑިޔާރު ނިޔާޒު ރިޓަޔާކުރައްވަން ހުށަހަޅުއްވީ މިދިޔަ މަހުގެ ތެރޭގައެވެ. ފަނޑިޔާރުގެ އެ ހުށަހެޅުއްވުން ބަލައި، ރިޓަޔާމަންޓް ގަބޫލުކުރަން ޖޭއެސްސީން ނިންމެވީއެވެ.
ފަނޑިޔާރު ނިޔާޒު ރިޓަޔާކުރައްވަން ހުށަހެޅުއްވި ސަބަބެއް ހާމަކުރައްވާފައެއް ނުވެއެވެ.
ނިޔާޒު ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނު ކޮށްފައި ވަނީ ޖެނުވަރީ 25، 2018 ގައެވެ. އޭގެ ކުރިން ވަނީ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމާއި، ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓްކަން ވެސް ކުރައްވާފައެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ޖަސްޓިސްގެ ލީގަލް އެސިސްޓެންޓްކަން ވެސް ކުރައްވާފައިވެއެވެ.
ޖޭއެސްސީގެ ނާއިބު ރައީސް ކަމަށް ނިޔާޒު އައްޔަނު ކުރީ މިދިޔަ އަހަރުގެ މާޗު މަހުއެވެ. މިދިޔަ މަހުގެ 22 ގައި މަގާމުން ވަނީ އިސްތިއުފާދެއްވާފައެވެ.
ފަނޑިޔާރު ނިޔާޒު ރިޓަޔާކުރައްވާފައި ވަނީ ޝަރުއީ ދާއިރާގައި 23 އަހަރު މަސައްކަތްޕުޅު ކުރެއްވުމަށްފަހުއެވެ.


