ސަލާޙު ފާޅުކަންބޮޑުގޮތެއްގައި ލިވަޕޫލަށް ފާޑުކިޔުމާގުޅިގެން ކުލަބުގެ މެޗްޑޭ ސްކޮޑުން ބޭރުކޮށްފި
9 ޑިސެމްބަރު 2025 - 19:08

ލިވަޕޫލްގެ ތަރި މުޙައްމަދު ޞަލާޙް، އޭނާގެ ކޯޗު އާރން ސްލޮޓް އަދި ކުލަބާ އަމާޒުކޮށް މީޑިއާތަކަށް ދިން އިންޓަވިއުއާ ގުޅިގެން ޓީމުން ބާކީކޮށްފިއެވެ. އެގޮތުން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގެ 6 ވަނަ މެޗުކަމަށްވާ އިންޓަރ މިލާނާ ދެކޮޅަށް ކުޅުނު މެޗުގެ ލިވަޕޫލްގެ ސްކޮޑުން ޞަލާޙް ވަނީ ބާކީކުރެވިފައެވެ. ސިލްސިލާކޮށް ތިން މެޗުގައި ބެންޗުން ފެށުމަށްފަހު، މިހާރު މުޅި ސްކޮޑުން ބާކީކުރުމަކީ އާދައިގެ ރޮޓޭޝަނަކަށްވުރެ މާ ބޮޑު ކަމެއްކަން ހާމަވެއެވެ.
މި ނާޒުކު ހާލަތު އުފެދެން ދިމާވީ ނޮވެމްބަރު 30 ގައި ވެސްޓް ހަމްއާ ދެކޮޅަށް ކުޅުނު މެޗުގައި ސްލޮޓް ޞަލާޙް ބެންޗުކުރުމުންނެވެ. ޑިސެމްބަރު 4 ގައި ސަންޑަރލޭންޑް މެޗުގައި އޭނާ ދެވަނަ ހާފުގައި ކުޅެން ނުކުތް ނަމަވެސް، އޭނާގެ ނުރުހުން ފާޅުވާން ފެށިއެވެ. ޑިސެމްބަރު 7 ގައި ލީޑްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ސްކޮޑުގައި ހިމެނުނު ނަމަވެސް، ޞަލާޙަށް ކުޅުމުގެ ފުރުސަތެއް ނުލިބުނެވެ.

Ad by Hajj Corporation
އެ މެޗަށްފަހު، މިކަން ބޮޑުވެގެން ދިޔައީ ޞަލާޙް މިކްސްޑް ޒޯނުގައި ވާހަކަ ދައްކަމުން ކްލަބަށާއި ކޯޗަށް ވަރަށް ބޮޑަށް ފާޑުކިޔުމުންނެވެ. އޭނާ ބުނީ، "ސިލްސިލާކޮށް ތިން މެޗުގައި އަހަރެން ބެންޗުން ފެށީ. ކްލަބަށް އަހަރެން ވަރަށް ގިނަ ކަންތައްތައް ކޮށްދީފައިވާ އިރުވެސް، މިދިޔަ ސަމަރގައި ވެފައިވާ ވައުދުތަކެއް ނުފުއްދާ. ކޮންމެވެސް މީހަކު އަހަރެންނަށް އަމާޒުކުރަނީ،" އެވެ. އޭނާ އިތުރަށް ބުނީ ސްލޮޓާ އޭނާއާ ދެމެދު އޮތް ގުޅުން ކަނޑިފައިވާ ކަމަށާއި، ޓީމުން އޭނާއަށް ހިމާޔަތެއް ނުލިބޭ ކަމަށެވެ. އަދި "ފަސް މަސްދުވަސް ކުރިން އަހަރެން އެވޯޑުތައް ހޯދީ. މިހާރު ހުރިހާ ފާޑުކިޔުމެއް އަމާޒުވަނީ އަހަރެންނަށް،" ކަމަށް ވެސް ޞަލާޙް ބުންޏެވެ.
ޞަލާޙްގެ މި އިންޓަވިއުއާ ގުޅިގެން ސަޕޯޓަރުންގެ މެދުގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ. ބްރިޓިޝް އައުޓްލެޓް ޓީމްޓޯކް ރިޕޯޓްކުރި ގޮތުގައި ލިވަޕޫލްގެ ބޯޑު ވަނީ ސަލާޙުގެ އިންޓަވިއުއާއި ގުޅިގެން "އިންތިހާއަށް ނުރުހުން" ފާޅުކޮށްފައެވެ. އަދި ކްލަބުން ދަނީ ރަސްމީކޮށް މާފަށް އެދުމަށް ޞަލާޙްގެ ކިބައިން އެދެމުންނެވެ. ކްލަބުގެ ތެރޭގައި މިހާރު ތާއީދު އޮތީ ކޯޗު ސްލޮޓްގެ ފަރާތަށެވެ. ލިވަޕޫލްގެ ލެޖެންޑުން ކަމަށްވާ ޖޭމީ ކެރެގަރާއި ކްރިސް ސަޓަން ވެސް ވަނީ ޞަލާޙްގެ މި އަމަލު ކުށްވެރިކޮށް، އޭނާ އަމިއްލަ ނަފްސަށް އިސްކަންދޭ ކަމަށް ތުހުމަތުކޮށްފައެވެ.
ޗެމްޕިއަންސް ލީގު ސްކޮޑުން ޞަލާޙް ބާކީކުރުމާއެކު، އޭނާ ލިވަޕޫލްގައި ކުޅުނު އެންމެ ފަހު މެޗު ކުޅެވުނީކަމާ މެދު މިހާރުވަނީ ސުވާލު އުފެދިފައެވެ. އޭނާގެ ފޯމު ދަށްވެފައިވާ މި ދަނޑިވަޅުގައި، މިކަމުގެ ސަބަބުން ލިވަޕޫލްގައި ޞަލާޙްގެ މުސްތަގުބަލަށް ބޮޑެތި ނުރަނގަޅު އަސަރުތަކެއް ކުރާނެ ކަމަށް ބެލެވެއެވެ. މީގެކުރިން ދިން އިންޓަވިއުގައި ސަލާޙު ބުނެފައިވަނީ ދެން އެންމެ އަވަހަށް އެންފީލްޑްގައި ކުޅޭ މެޗަކީ އޭނާ ލިވަޕޫލު ޖޯޒީގައި ފެންނާނެ އެންމެ ފަހު މެޗަށް ވުން ގާތް ކަމަށެވެ.


