ޢީދާ ދިމާކޮށް އުޅަނދުތަކުގެ ސަލާމަތީކަންކަން ބެލުމަށް އޮޕަރޭޝަނެއް ފަށައިފި!
24 މޭ 2026 - 11:47

ޢީދު ޗުއްޓީއާއި ދިމާކޮށް ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ކަނޑު އުޅަނދުތަކުގެ ސަލާމަތީ ކަންކަން ހުރި ނެތްގޮތް ބެލުމަށް ޚާއްސަ އޮޕަރޭޝަނެއް ފަށާއިފިއެވެ.
ޢީދު ބަންދާ ދިމާކޮށް އަތޮޅުތަކުގެ ރަށްރަށަށް ގިނަ ބަޔަކު ދަތުރުކުރަމުންދާއިރު މިދުވަސްވަރަކީ މުޅިރާއްޖެއަށްވެސް މޫސުން ގޯސް ދުވަސްވަރެކެވެ. އެހެންކަމުން މިދުވަސްވަރު ޢީދު ފާހަގަކުރުމަށް އަތޮޅުތަކަށް ދަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށް ކަމާބެހޭ ފަރާތްތަކުންދަނީ އިލްތިމާސްކުރައްވަމުންނެވެ.
ޢިދު ޗުއްޓީއާއި ދިމާކޮށް އެކި ސަރަޙައްދުތަކުގައި ކުރިއަށްގެންދާ މޫދު ކުޅިވަރުތަކުގައިވެސް ކަނޑުމައްޗަށް އަރާއިރު ސަލާމަތީ ކަންކަމަށް ބަލަންޖެހޭކަމަށް އެމްއެންޑީއެފްއިން އިލްތިމާސްކުރައްވައެވެ. އަދި އާއިލާއާއެކު މޫދަށް ދާއިރުވެސް ކުޑަކުދިން ތިބޭނަމަ، ގޮނޑުދޮށުގައިވެސް ކުދިންގެ ސަލާމަތަށް ވިސްނުމަށާއި، ކަނޑުދަތުރުކުރާއިރުވެސް ލައިފްޖެކެޓު ބޭނުންކުރުމަށްވަނީ އިލްތިމާސްކުރައްވާފައެވެ.
އެމްއެންޑީއެފްއިންވަނީ މުދާ އުފުލާ އުޅަނދުތަކުންވެސް މިދުވަސްވަރު ދަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ. ގިނަ އުޅަނދުތަކުގައި ކެޕްޓެންގެ އިތުރުން ބިދޭސީން ތިބޭއިރު، ރޭގަނޑު ދޯނީގެ ހުންގާނު އެމީހުންނަށް ދޫކޮށްލެވޭ ފަހަރުތަކުގައި ފަރަށް އެރުމުގެ ޙާދިސާތައް ހިނގާކަން އެމްއެންޑީއެފްއިން ފާހަގަކުރައްވައެވެ.

Ad by Hajj Corporation
އެހެންކަމުން މޫސުން ގޯސްކޮށް އޮންނަ ދުވަސްވަރުތަކުގައި ރޭގަނޑު ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށާއި، ދަތުރުކުރާއިރު ޚާއްސަ ސަމާލުކަމެއް ރައްކާތެރިކަމެއް ދިނުމަށްވަނީ އިލްތިމާސްކުރައްވާފައެވެ.


