ޝަމްއާން ވަހީދު ކުރެއްވި ކޮރަޕްޝަންގެ ތުހުމަތުތައް ރައީސް ޑރ. މުއިއްޒު ދޮގުކުރައްވައިފި
9 ޖޫން 2026 - 12:52

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުޙައްމަދު ޝަމްއާން ވަހީދު ކުރެއްވި ކޮރަޕްޝަންގެ ތުހުމަތުތައް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ދޮގުކުރައްވައިފިއެވެ.
ޝަމްއާން ވަނީ މިއަދު މީޑީއާގައި ވާހަކަދައްކަމުން، ދާޚީލީ ވަޒީރު ޢަލީ އިޙްސާންގެ މައްޗަށް ކޯޓާތަކުން ފައިސާ ނަގާ ކަމަށް ވިދާޅުވެ ތުހުމަތުތަކެއްކުރައްވާފައެވެ. އަދި މިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ މިދިޔަ އަހަރު ޖަނަވަރީ މަހު ހިއްސާ ކުރެއްވި ކަމަށް ވިދާޅުވިިއެވެ.

Ad by Hajj Corporation
ނަމަވެސް އެސްޓޯނިޔާގައި ހުންނަވާ އެމަނިކުފާނު ދެއްވި ޖަވާބުގައި ވަޒީރާއި ދެކޮޅަށް ޝަމްއާން މަސައްކަތް ކުރާކަމަށް ރައީސް ތުހުމަތު ކުރެއްވި ކަމަށް ޝަމްއާން ވިދާޅުވެފައިވެއެވެ.
މިކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ޙުސެއިން ޝަރީފް ވިދާޅުވީ، ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް މިއަދު މީޑިޔާގައި ދައްކަވާފައިވަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.
ޝަމްޢާން މީޑިއާގައި ވާހަކަދައްކަވާފައިވާއިރު ދައުލަތުން އޭނާގެ މައްޗަށް، އުފުލާފައިވާ ތިން ދައުވާ ވެސް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު މިވަނީ ޙުކުމްކޮށްފައެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއާއި، މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާއެވެ.
ކޮންޓްރޯލަރ ޖެނެރަލްގެ މަޤާމުން ވަކިކޮށް ޝަމްޢާން އޭރު ހައްޔަރުކޮށްފައިވަނީ، މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެންނެވެ.


