ބައެއް ރިސޯޓުތަކުން ރުފިޔާއިން މުސާރަ ދޭތީ، އެކަން ހުއްޓުވުމަށް ޓީމް އިން ގޮވާލައިފި

17 ޖެނުއަރީ 2025 - 12:00
ޓޫރިސްޓު ރިސޯޓް ހޮޓާ ތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޑޮލަރުން ދެމުންދިޔަ މުސާރަ އަދި ސާވިސްޗާޖް ދިވެހި ރުފިޔާއިން ދިނުމަށް ބައެއް ރިސޯޓް ތަކުން ނިންމަމުން ދާތީ އެކަން ހުއްޓުވުމަށް ޓޫރިޒަމް އެމްޕްލޮއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ސަރުކާރަށް ގޮވާލައިފި އެވެ.
ޓީމް އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ފަތުރުވެރިކަމުގެ ދާއިރަގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރައާއި ސާވިސްޗާޖް މިހާތަނަށް ދެމުން އައީ ޑޮލަރުން ކަމަށެވެ. ސަރުކާރުގެ ބައެއް ހަރަދުތައް ފޫބެއްދުމަށާއި ލޯނުތައް ދެއްކުަމށް ބޭނުންވާ ޑޯލަރު ލިބުމުގައި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށްބުނެ ޑަލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކަށް ޑޮލަރު މާރުކުރުމަށް މަޖުބޫރު ކުރުމާއި ގުޅިގެން ރިސޯޓް ހިންގާ ފަރާތްތަކުން ބައެއް ރިސޯޓުތަކުގައި މުސާރައާއި ސާވިސްޗާޖު ދިވެހި ރުފިޔާއިން ދިނުމަށް ނިންމާފައިވުމުން އެކަން ކުއްވެރިކުރާ ކަމަށް ޓިމް އިން ބުނެ އެވެ.
ޑޮލަރުން ދެމުން އައި މުސާރަ ދިވެހިރުފިޔާއިން ދިނުމަށް ލާޒިމުކުރާ އެއްވެސް ގާނޫނީ ހަމައެއް އޮތްކަމަށް ގަބޫލު ނުކުރެވޭއިރު މިބަދަލު ގެނައުމުން ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް 3000 ނުވަތަ 5000 ރުފިޔާގެ މާލީ ގެއްލުމެއް ނުވަތަ އާމްދަނީ ދައްވުމަކާ ކުރިމަތިލާންޖެހޭ ކަމަށް ޓިމް އިން ބުނެ އެވެ. މިފަދަ ބޮޑު އަދަދެއް އާމްދަނީ އިން ކުއްލިއަކަށް ދައްވުމަކީ އެ މުވައްޒަފުންނަށް ތަހައްމަލް ކުރެވޭނެ ބުރައެއް ނޫން ކަމަށްވެސް އެ ޖަމިއްޔާއިން ބުނެ އެވެ.
ޑޮލަރު ރޭޓު 15.42 ގައި ހިފެހެއްޓު އާންމު ބޭނުންތަކަށް ދަތިކަމެއ ްނެތި ޑޮލަރު ލިބޭ ހާލަތަށް މާލީ ހާލަތު ބަދަލުވެ ތަކެތީގެ އަގު ދައްވެ އެއްހަމައެއްގައި ހިފެހެއްޓޭނަމަ މިފަދަ ބަދަލްތަކަށް މަރުހަބާ ކިޔާނެ ކަމަށްވެސް ޓީމް އިން ބުނެ އެވެ.
މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައް މަސައްކަތްކުރާ އެއްވެސް މުފައްޒަފަކު ދިވެހި ރުފިޔާއިން މުސާރަ ނުނެގުމަށް ގޮވާލާ ކަމަށާ ވަޒީފާގެ އެއްބަސްވުން ބަދަލުކޮށް އެފަދަ އެއްބަސްވުމެއްގައި ސޮއި ނުކުރުމަށްވެސް ފަތުރުވެރިކަމުގެ ދާއިރަގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޓީމް އިން ވަނީ ގޮވާލާފަ އެވެ.
ޑޮލަރުން މުސާރަ ދެމުންއައި ރިސޯޓުތަކުން ދިވެހި ރުފިޔާއަށް ބަދަލު ކުރުން ހުއްޓުވުމަށް ޓީމްގެ ފަރާތުން ސަރުކާރަށް ވަނީ ގޮވާލާފަ އެވެ.
ވިޔަފާރިތަކުން ރާއްޖެއަށް ވަންނަ ޑޮލަރު ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މާރުކުރަން ލާޒިމްވާ ގޮތަށް އެކުލަވައިލި، ބޭރު ފައިސާއާ ބެހޭ ގާނޫނަށް މި މަހުގެ އެއް ވަނަ ދުވަހު ވަނީ އަމަލު ކުރަން ފަށާފަ އެވެ.
މި ގާނޫނުގެ މައިގަނޑު މަޤްޞަދަކީ، ދިވެހިރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭނެ މުޢާމަލާތްތައް ކަނޑައަޅައި، ބޭރު ފައިސާ އެތެރެކޮށް ބޭނުންކުރުމާއި ގެންގުޅުމާއި އަދި ޖަމާކޮށް މާރުކުރުމާއި ގުޅޭ އުސޫލުތައް ކަނޑައަޅައި ހިންގުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމެވެ.