ޣައްޒާގެ މުސްލިމުން އަމިއްލަ ވަޒަނުން ބޭރުކޮށް ސަހަރާތެރެއަށް ނެރެނީ
3 ޖޫން 2025 - 07:39

ޣައްޒާގެ މުސްލިމުން އަމިއްލަ ވަޒަނުން ބޭރުކޮށް ސަހަރާތެރެއަށް ނެރުމުގެ މަސައްކަތް ޔަހޫދީން ފަށައިފިއެވެ.
ޚާން ޔޫނިސްގެ ބައެއް ސަރަހައްދުތަކުން ގަދަކަމުން މި ހަފްތާގައިވެސް ޣައްޒާގެ މުސްލިމުން ނެރެފައިވާއިރު މިހާރު ޣައްޒާގެ 80 އިންސައްތަ ސަރަހައްދަކީ އިސްރާއީލުގެ ސިފައިންގެ ބާރުގެ ދަށުގައިވާ ނުވަތަ މީހުން ނެރުމަށް އަމުރުކޮށްފައިވާ ސަރަހައްދުތަކެވެ. ޣައްޒާގެ 2.3 މިލިއަން މީހުން މިހާރު ނެރެފައިވަނީ މިޞްރުގެ ބޯޑަރު ކައިރީގައިވާ ދެކުނު ޣައްޒާގެ ސަހަރާއަކަށެވެ.

Ad by Hajj Corporation
ޣައްޒާގެ އާބާދީ އެމީހުންގެ ވަޒަނުން ބޭރުކުރުމުގެ މަސައްކަތް ޔަހުދީން މިހާރު ކުރަމުންދަނީ ފާޅުގައި އެއްވެސް ފޮރުވުމެއްނެތިއެވެ.
މީގެ އިތުރުން އެމެރިކާއާއި އިސްރާއީލު ކޮންޓްރޯކުރާ ޖީއެޗްއެފްގެ މަރުކަޒަކަށް އެހީ ބަލާދާ މީހުންނަށް ދޭ ހަމަލާތައް އިތުރުވަމުން އަންނާތީ އެކަމުގެ މިނިވަން ތަހުގީގެއްކުރުމަށް އދ. އިންވަނީ ގޮވާލާފައެވެ.
ޖީއެޗްއެފްއިން ބަހާ އެހީ ބަލާ ދިޔަ މީހުންގެ ތެރެއިން 27 މީހަކު މިއަދުވެސް ވަނީ ޝަހީދުކޮށްލާފައެވެ.
ބަނޑުހައިހޫނުކަމާ ގުޅުންހުރި ސަބަބުތަކާ ހުރެ އެތައްހާސްތަކެއް ކުޑަކުދިން މަރުވުމުގެ ނުރައްކަލާ ކުރިމަތިވެފައިވާއިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަނޑުހައިހޫނުކަމުގެ ސަބަބުން 51 މުސްލިމުންވަނީ ޝަހީދުވެފައެވެ.
އުތުރު ޣައްޒާގެ ޖަބަލިޔާގެ ގެއަކަށް ހަމަލާދީ 14 މީހުން ޝަހީދުކޮށްލާފައިވާއިރު އޭގެ ތެރޭގައި 7 ކުޑަކުދިން ހިމެނެއެވެ.
މި ހަނގުރާމައިގެ ސަބަބުން މިހާތަނަށް މަރުވެފައިވާ މީހުންގެ އަދަދު 54،418 އަށް އަރާކަމަށް ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނެއެވެ. އަދި 124،190 މީހުން ވަނީ ޒަޚަމްވެފައެވެ.


