އެހީ ބެހުމުގެ ނަމުގައި ހިންގަނީ ޖަރީމާ: މިއަދުވެސް 27 މީހުން ޝަހީދުކޮށްލައިފި


03 ޖޫން 2025 - 14:09
ފަލަސްޠީނުގެ ޣައްޒާގައި ކާބޯތަކެތި ބަހަމުން ދިޔަ މަރުކަޒެއް ކައިރިއަށް ޖަމާވި ގިނަ އަދަދެއްގެ ޢާންމުންނަށް ޙަމަލާދީ، އޭގެ ތެރެއިން 27 މީހުން ޝަހީދު ކޮށްލައިފިއެވެ.
ޖީއެޗްއެފުން ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތި ބެހުމުގެ ނަމުގައި ޖަރީމާތައް ހިންގަން ފަށާފައި ވަނީ މޭ 26ވަނަ ދުވަހުއެވެ. ކާބޯތަކެތި ބެހުމުގެ ނަމުގައި ޖީއެޗްއެފުން އެ ޖަމުޢިއްޔާގެ މަރުކަޒުތައް ކައިރިއަށް އެތަކެއް ސަތޭކަ ބަޔަކު ޖަމާ ކުރުމުން ޔަހޫދީ ފައުޖުން ދަނީ އެ މީހުންނަށް އަމާޒުކޮށް ނިރުބަވެރި ޙަމަލާތައް ދެމުންނެވެ. ރަފަޙްގައި އެންމެ ފަހުން ދީފައިވާ މި ފަދަ ޙަމަލާތަކުގައި 27 މީހުން ޝަހީދު ކޮށްލާފައިވާއިރު، މިއީ ޔަހޫދީ ފައުޖާއި ޖީއެޗްއެފް ގުޅިގެން މި ފަދަ ޖަރީމާތަކެއް ހިންގާފައިވާ ޖެހިޖެހިގެން ތިންވަނަ ދުވަހެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރުހުމާއި އެއްބާރުލުމާ އެކު ޤާއިމު ކޮށްފައިވާ ޖީއެޗްއެފުން ވެސް ވަނީ އެހީ ހޯދުމަށް ޖަމާވާ މީހުންނަށް ޙަމަލާދީ ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުން ބަރިއްޔަވުމަށް މަސައްކަތް ކޮށްފައެވެ. އަދި، އެ ޖަމުޢިއްޔާއިން އެހީ ބަހަމުން ދިޔަ މަރުކަޒެއް ކައިރީގައި ބަޑިޖެހުމުގެ ޖަރީމާއެއް ހިންގާފައި ނުވާ ކަމަށް ބުނެ، ކަމުގެ ޙަޤީޤަތް ފޮރުވުމަށް މަސައްކަތް ކޮށްފައެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ޖީއެޗްއެފަކީ ޣައްޒާގެ އިތުރު ރައްޔިތުންތަކެއް ޝަހީދު ކޮށްލުމުގައި ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުން ކުރުމަށް ޔަހޫދީންނާއި ރައީސް ޓްރަމްޕް ގުޅިގެން އުފައްދާފައިވާ ޖަމުޢިއްޔާއެއް ކަމުގައެވެ.
ޔަހޫދީ ފައުޖުން ނިރުބަވެރި ޙަމަލާތަކެއްދީ ޝަހީދު ކޮށްލާފައި ވަނީ ޣައްޒާގެ އެންމެ ދެކުނުގައި އޮތް ރަފަޙްގައި ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފު)ން އެހީ ބަހަމުން ދިޔަ މަރުކަޒެއް ކައިރިއަށް ޖަމާވި ބަޔެކެވެ. ޖީއެޗްއެފަކީ ޣައްޒާގައި ހައިހޫނުުގައި ޖައްސާފައިވާ 2.1 މިލިޔަނެއްހާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް ޔަހޫދީންގެ އަތްދަށަށް ގެންދިޔުމަށް އެމެރިކާއާ ގުޅިގެން އުފައްދާފައިވާ ޖަމުޢިއްޔާއެކެވެ.
އދގެ އިދާރާތަކުން ބުނީ، ޣައްޒާގެ ކޮންމެ ފަސް މީހަކުން އެކަކަށް މި ވަގުތު ބަނޑުފުރާނަ މުއްތިކުރެވޭ މިންވަރަށް ކާބޯތަކެތި ލިބޭނެ ގޮތެއް ނެތް ކަމުގައެވެ. އަދި، ޣައްޒާގެ އާބާދީގެ %100 މީހުން ހައިހޫނު ކަން ތަހައްމަލު ކުރަން މަޖުބޫރު ކުރުވާފައިވާ ކަމުގައެވެ.
އިތުރު ލިޔުންތައް

ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެއެއްބަސްވުން ކުރިއަށް ދަނިކޮށް 40 މީހުން ޝަހީދު ކޮއްލައިފި
5 މަސް ކުރިން
ހުޅަނގު އައްސޭރީގައި ހިންގަމުންދާ ޤަތުލުޢާންމު ފުޅާކުރަން އަމުރުކޮށްފި
4 މަސް ކުރިން
އެހީގެ ތަކެތި ޣައްޒާއަށް ވެއްދުން ޔަހޫދީން ހުއްޓުވައިފި
4 މަސް ކުރިން