logoEN
ދުނިޔެ

ހަމާސްއާ ދެކޮޅަށް ހަނގުރާމަކުރުމަށް ޣައްޒާގެ ބައެއް އާއިލާތައް ނެރެނީ

އާމިނަތު ސަފާއާމިނަތު ސަފާ

06 ޖޫން 2025 - 06:34

ޣައްޒާގައި ހަމާސްއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެހީތެރިވުމުގެ ގޮތުން އިސްރާއީލުން ހަތިޔާރު ދީފައިވާ ފަލަސްތީނުގެ ގޭންގުތަކެއް ބޭނުންކުރަމުންދާ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އިޢުތިރާފުވެއްޖެއެވެ.

ޣައްޒާގެ އާއްމުންނާ ދެކޮޅަށް ދޭތެރެ ދޭތެރެއިން އިސްރާއީލުން ދެމުންދާ ހަމަލާތަކުގެ ތެރެއިން އެންމެ ފަހުން ދިން ހަމަލާގައި 52 އާއްމު ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ.

ނަތަންޔާހޫ ބުނެފައިވަނީ އިސްރާއީލުގެ ޖާސޫސީ މައި އިދާރާ މޮސާޑުގެ ލަފާގެ މަތިން ޣައްޒާގެ ނުފޫޒު ގަދަ ޢާއިލާތަކެއް ހަމާސްއާއި ޣައްޒާގެ އާއްމުންނާ ދެކޮޅަށް ހަމަލާދިނުމަށް އެކުލަވާލާފައިވާކަމަށެވެ.

ޣައްޒާގެ ނުފޫޒު ގަދަ ޢާއިލާތަކަކަށް ފައިސާއާއި ހަތިޔާރު ދީގެން ހަމާސްއާ ދެކޮޅަށް ހަމަލާތައް ދެމުންދާކަމަށް ފުރަތަމަ ފަހަރަށް ޔަހޫދީން އިއުތިރާފުވެފައިވާއިރު ބަދަލުގައި ޣައްޒާގައި ފެތުރެމުންދާ ބަނޑުހައިހޫނުކަމުގެ ތެރެއިން އެހީގެ ޓްރަކުތައް ލޫޓުވުމުގެ ހުއްދަ މިފަދަ ގޭންގުތަކަށް ވަނީ ދީފައެވެ.

މިގޮތަށް ޔަހޫދީން ހަތިޔާރުދީގެން މުސްލިމުންނާ ދެކޮޅަށް މުސްލިމުން ބޭނުންކުރަމުންދާއިރު ނަތަންޔާހޫ ބޭނުންކުރާ މިފަދަ ގްރޫޕްތަކުގެ ތެރޭގައި ރަފަހުގެ ޔާސިރު އަބޫ ޝަބާބް އިސްކޮށް ހުންނަ ޕޮޕިއުލަރ ފޯސަސް ކިޔާ ޖަމާއަތް މިހާތަނަށް ފާހަގަވެފައިވާކަމަށް އަލްޖަޒީރާއިން ރިޕޯޓުކުރެއެވެ.

ޣައްޒާގެ މަޞްދަރުތަކުން ބުނެފައިވަނީ މި ގްރޫޕްތަކުގައި ގާތްގަނޑަކަށް 100 ހަތިޔާރުއެޅި ގައްޒާގެ މުސްލިމުން ބައިވެރިވަމުންދާކަމަށާއި އެމީހުން ހަރަކާތްތެރިވަނީ އިސްރާއީލުގެ ސިފައިންނާއެކު އާއްމުންނާއި އެމީހުންފަދަ އެހެން މުސްލިމުންނާއި ހަމާސްއާ ދެކޮޅަށް ހަމާލާތައް ދިނުމަށްކަމަށެވެ.

އެމެރިކާއާއި އިސްރާއީލު ކޮންޓްރޯކުރާ ކާބޯތަކެތި ބަހާ ޖީއެޗްއެފްގެ މަރުކަޒުތަކުންވެސް ކާބޯތަކެތި ބެހުމުގައި މިފަދަ ގުރޫޕުތަކަށް އިސްކަންދޭކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ނަތަންޔާހޫ ބުނީ ޣައްޒާގެ މުސްލިމުން ހަމާސްއާ ދެކޮޅަށް ބޭނުންކުރުމަކީ އެންމެ މޮޅު ގޮތްކަމަށާއި މިރޮނގުން ހަމާސް ބަލިކޮށްލެވިދާނެކަމަށެވެ.

މިކަމާ ގުޅިގެން ޣައްޒާގެ ހާލަތު އިތުރަށް ގޯސްވެ، އާންމުންނަށް އެހީ ފޯރުކޮށްދިނުމަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން ދަނީ ފާޅުކުރަމުންނެވެ.

މުސްލިމުންނާ ކާފަރުންނާ ދެމެދު ހިނގާ ހަނގުރާމައެއްގައި ކާފަރުންނަށް އެހީތެރިވުމަކީ މާތް ﷲ ނަހީކުރައްވާފައިވާކަމެކެވެ.

"އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ޔަހޫދީންނާއި، ނަޞާރާއިން (އެއީ) އެކުވެރިން ކަމުގައި ނުބަލާށެވެ! އެއުރެންގެ ތެރެއިން އެއްބަޔަކީ އަނެއްބަޔެއްގެ އެކުވެރިންނެވެ. ތިޔަބައިމީހުންގެ ތެރެއިން އެއުރެން އެކުވެރިން ކަމުގައި ބަލައިފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެއީ، އެއުރެންގެ ތެރެއިންވާ މީހެކެވެ. ހަމަކަށަވަރުން، އަނިޔާވެރި ބަޔަކަށް ﷲ ތެދުމަގެއް ނުދައްކަވާނެތެވެ." އަލްމާއިދާ 51 "

ކޮމެންޓް

871x217_placeholder