logoEN
ޚަބަރު

ރާއްޖެއާއި ލަންކާގެ ޒަމާންވީ ގުޅުން ކުލަގަދަކޮށް ފާހަގަ ކުރަނީ

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

10 ޖޫން 2025 - 08:35

ދިވެހިރާއްޖެއާއި ސްރީލަންކާގެ ޚާރީޖީ ގުޅުމަށް 60 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައިވާކަމަށް ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު ޢިމާދު ވިދާޅުވެއްޖެއެވެ. ސަފީރު މިފަދައިން ވިދާޅުވީ، ސްރީލަންކާގައި ހުންނަވާ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.

ސަފީރު ވިދާޅުވީ، މި އަހަރަކީ ދެ ޤައުމުގެ ގުޅުމަށްވެސް މުހިންމު ތާރީޚީ އަހަރެއްކަމުން، އެކަން ފާހަގަކުރުމަށްޓަކާ ހައިކޮމިޝަނުން އިސްނަގައިގެން ލަންކާގައި ދިރިއުޅޭ ދިވެހިންނާގުޅިގެން ކުލަގަދަ ހަރަކާތްތަކެއް ރާވަމުންދާކަމަށެވެ.

އަދި މި ހަރަކާތްތަކަކީ ދެ ޤައުމުގެ ގުޅުމުގެ މުހިންމުކަން ރަމްޒުކޮށްދޭނެ ހަރަކާތްތަކެއްކަމަށާއި، މި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ލަންކާގެ ސަރުކާރުގެ އިސްވެރިންނާއި، ޑިޕްލޮމެޓުންނަށް ދަޢުވަތު އަރުވާނެކަމަށް ސަފީރު ވިދާޅުވިއެވެ.

އަވަށްޓެރި ސްރީލަންކާއަކީ އެކި ބޭނުންތަކަށް ގިނަ އަދަދެއްގެ ދިވެހިން ދަތުރުކުރާ އެއް ޤައުމެވެ. އަދި ދިވެހިންގެ ބޮޑު އާބާދީއެއްވެސް ދިރިއުޅެމުންދާ ޤައުމެކެވެ. ރާއްޖެއަށް އިނގިރޭސީންގެ ޚިމާޔަތުން ނެއްޓި ފުރިހަމަ މިނިވަންކަން ލިބުމާއެކު ރަސްމީ ސިފައެއްގައި ޚާރިޖީގުޅުން އެންމެ ފުރަތަމަ ޤާއިމުކުރި ޤައުމުތަކުގެ ތެރޭގައި ލަންކާ ހިމެނެއެވެ. އެގޮތުން މިއަހަރަކީ ރާއްޖޭގެ މިނިވަންކަމުގެ އިތުރުން ރާއްޖެއާއި ލަންކާގެ ޚާރިޖީގުޅުމަށްވެސް 60 އަހަރު ފުރޭ އަހަރެވެ. ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު ޢިމާދު ވިދާޅުވީ، ރާއްޖެއާއި ލަންކާއަކީ ވަރަށް ޒަމާންވީ ގާތްގުޅުމެއް އޮތް ދެ ޤައުމުކަމަށާއި، ވިޔަފާރިއާއި އެނޫން ގޮތްގޮތުންވެސް މުއްސަނދި ތާރީޚެއް ހިއްސާކުރާ ދެ ޤައުމުކަމަށެވެ.

އަދި މި އަހަރަކީ ދެ ޤައުމުގެ ޚާރިޖީގުޅުމަށް 60 އަހަރުފުރޭ އަހަރުކަމުން، މިނިވަން ދުވަހުގެ ހަރަކާތްތަކާއެކު އެކީގައި ދެ ޤައުމުގެ ގުޅުމަށް 60 އަހަރު ފުރުން ދިވެހި ހައިކޮމިޝަންގެ ފަރާތުން ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމާފައިވާކަމަށް ސަފީރު ވިދާޅުވިއެވެ.

ކޮމެންޓް

871x217_placeholder