logo
E-Platinum
ޚަބަރު

ރައީސް އިނގިރޭސިވިލާތުގައި: ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް

އާމިނަތު ޝަފާ
18 ޖުލައި 2025 - 06:58
ރައީސް، އިނގިރޭސި ރަސްގެފާނާ ބައްދަލުކުރެއްވުން// ފޮޓޯ: ރައީސް އޮފީސް
ރައީސް، އިނގިރޭސި ރަސްގެފާނާ ބައްދަލުކުރެއްވުން// ފޮޓޯ: ރައީސް އޮފީސް

މަތީ ފަންތީގެ ބައްދަލުކުރެއްވުންތަކަކާއި ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތައް ވަޑައިގެންނެވީ މި މަހުގެ 15 ވަނަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތުގެ ލަންޑަނަށް ވަޑައިގެންނެވުމުން އެ ޤައުމުގެ ރަސްގެފާނުގެ ޚާއްސަ މަންދޫބާއި ދައުލަތުގެ ބައެއް އިސް ފަރާތްތަކުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައެވެ.

އެގޮތުން، އިނގިރޭސިވިލާތުގެ ރަސްގެފާނުގެ ޚާއްސަ މަންދޫބު ޑެޕިއުޓީ ލުޓެނެންޓް އޮފް ގްރޭޓަރ ލަންޑަން، މޭޖަރ ޖެރެމީ ފަރން ޓީ.ޑީ އާއި ސެކްރެޓަރީ އޮފް ސްޓޭޓް ފޯރ ފޮރިން، ކޮމަންވެލްތު އެންޑް ޑެވެލޮޕްމަންޓް އެފެއަރސްގެ ޚާއްސަ މަންދޫބު ގޯޑަން ވެދެރަލް ސީއެމްޖީއާއި އިނގިރޭސިވިލާތުން ރާއްޖެއާއި އަޔަރލެންޑަށް ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވިއެވެ.

މި ދަތުރުފުޅުގައު އިނގިރޭސިވިލާތުގެ ސްޕީކަރ އޮފް ދަ ހައުސް އޮފް ކޮމަންސް، ރައިޓް ލިންޑްޒޭ ހޮޔިލް އެމް.ޕީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް ވަނީ އިޙްތިރާމްގެ ޒިޔާރަތެއްކުރައްވާފައެވެ. މި ބައްދަލުކުރެއްވުން އޮތީ، ސްޕީކަރ އޮފް ދަ ހައުސް އޮފް ކޮމަންސްގެ ރަސްމީ ގެކޮޅު ކަމުގައިވާ، ލަންޑަންގެ ވެސްޓްމިންސްޓަރ ޕެލަސްގައި ހުންނަ، ސްޕީކަރޒް ހައުސްގައެވެ.

ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައި ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިވެފައި އޮތްކަން ފާހަގަކުރައްވައި، ޚާއްޞަކޮށް ތިމާވެށި ޙިމާޔަތްކުރުމާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، މަސްވެރިކަމާއި، ޑިމޮކްރެޓިކް ވެރިކަން ކުރިއެރުވުން ފަދަ ދާއިރާތަކުން، ދޭދޭ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން، މި ބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ޢިއްޒަތްތެރީން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. އެއަށްފަހު، އެމަނިކުފާނު ވަނީ ޕެލަސް އޮފް ވެސްޓްމިންސްޓަރ ބައްލަވާލައްވާފައެވެ.

މި ބައްދަލުކުރެއްވުމަކީ ޑިޕްލޮމެޓިކް ގުޅުން އިތުރަށް ބަދަހިކޮށް، މުހިންމު ދާއިރާތަކުން ގުޅުން ޤާއިމުކުރުމަށް ދެޤައުމުން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެކަން ކަށަވަރުކޮށްދޭ ބައްދަލުވުމެކެވެ.

 

407291_5305bb53-0_ (1).jpg

ދަތުރުފުޅުގެ ތެރެއިން އިނގިރޭސިވިލާތާއި ދިވެހިރާއްޖޭގެ ޤާނޫނު ހަދާ މަޖިލިހުގެ މެންބަރުންގެ މައްޗަށް އެކުލަވާލާފައިވާ އޯލް ޕާޓީ ޕާލިމެންޓަރީ ގްރޫޕް (އޭ.ޕީ.ޕީ.ޖީ)ގެ ބައްދަލުކުރެއްވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތުގެ ޒަމާންވީ ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ.

އޭ.ޕީ.ޕީ.ޖީގެ ކޯ-ޗެއަރ، ޔާސްމީން ޤުރެއިޝީ އެމް.ޕީ، ބައްދަލުވުން ފައްޓަވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމަށް ބައިނަލްއަޤްވާމީ ފަރާތްތަކަށް އޮތް ޒިންމާގެ މައްޗަށާއި، އެފަދަ ޤައުމުތަކަށް ފޯރުކޮށްދޭންވާ މާލީ އަދި ފަންނީ އެހީތެރިކަމާއި، ބައިނަލްއަޤްވާމީ އެއްބާރުލުމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައިވެއެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދެޤައުމުގެ މެދުގައި އޮތް ބަދަހި ގުޅުމަކީ އިޙްތިރާމާއި، އުޞޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަމަށާއި، މިގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން އިސްކަންދެއްވާނޭކަމުގައި ވިދާޅުވިއެވެ.

އަދި، ދިވެހިރާއްޖޭގެ ޢަދުލު އިންސާފުގެ ދާއިރާއާއި، ޑިމޮކްރަސީ ހަރުދަނާކުރުމާއި، މޫސުމީ ބަދަލުތަކަށް ވިލުންތެރިވުމާއި، ދިފާޢީ ދާއިރާ ހަރުދަނާކުރުމާއި، މިދާއިރާތަކުން ކެޕޭސިޓީ އިތުރުކުރުމުގައި އިނގިރޭސިވިލާތުން ފޯރުކޮށްދެމުން އަންނަ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވިއެވެ.

މީގެ އިތުރުން، ތަޢުލީމާއި ސަގާފީ ރޮގުން ދެޤައުމުގެ މެދުގައި އުފެދިފައިވާ ގުޅުމުގެ މައްޗަށްވެސް އެމަނިކުފާނު ބައްލަވާލައްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމުގައި އޭ.ޕީ.ޕީ.ޖީ.އިން އަދާކުރަމުންދާ ދައުރަށް ފުރިހަމަ އިތުބާރުއޮތް ކަމަށްވެސް ވިދާޅުވިއެވެ.

ބައްދަލުވުން އިފްތިތާހު ކުރުމުގެ ވާހަކަފުޅުތަކަށްފަހު، ދެޤައުމުގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ވަނީ މުހިންމު ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއި މެދު މަޝްވަރާ ކުރައްވާފައެވެ.

407294_0deaa07d-c_ (1).jpg

އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތް އެންޑް ޑިވެލޮޕްމަންޓް އެފެއާޒްގެ ސެކްރެޓަރީ އޮފް ސްޓޭޓް، ރައިޓް އޮނަރަބަލް ޑޭވިޑް ލެމީ އެމް.ޕީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްކުރެއްވީ މި މަހުގެ 16 ވަނަ ދުވަހުއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ، ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައި ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިކުރުމާއި އަދި ހަރުދަނާކުރުމާ ބެހޭގޮތުންނެވެ. މީގެ އިތުރުން މަސްވެރިކަމުގެ ދާއިރާއާއި، މޫސުމަށް އަންނަ ބަދަލުތަކަށް އެކަށީގެންވާ ގޮތެއްގައި ހޭނުމުގެ މަސައްކަތްތަކުގައާއި، އިއާދަކުރަނިވި ހަކަތަ އިތުރުކުރުމުގައާއި، ތަޢުލީމާއި ސްކޮލަރޝިޕްގެ ފުރުޞަތުތައް އިތުރުކޮށްދިނުމުގައި، އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން މިއަދުގެ ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ. މިނޫންވެސް މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ދެބޭފުޅުން ވަނީ ވާހަކަފުޅުދައްކަވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ، ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައި އޮތް ގާތް ގުޅުން، އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

407352_2a25ff33-9_ (1).jpeg

ހާއްސަ ކަމެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާވަނީ މި ދަތުރުފުޅުގައި އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާލްސް ތިން ވަނައާވެސް ބައްދަލުކުރައްވާފައެވެ. އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނަ އާއި ބައްދަލުކުރެއްވީ ވިންޑްސަރ ކާސްލްގައެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައިވާ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
ދެބޭފުޅުންގެ މި ބައްދަލުވުން ކުރިއަށްދިޔައީ ޤައުމުތަކުގެ އެންމެ އިސްވެރިންނާއި އެކު ޚާއްޞަ ބައްދަލުވުން ބާއްވަވާ ޕްރައިވެޓް އޯޑިއެންސް ރޫމްގައެވެ.
ރައީސުލްޖުމުހޫރިއްޔާ، އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނަ އާއި އެކު ޕްރައިވެޓް އޯޑިއެންސް އެއް މި ބޭއްވެވީ ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ޚާރިޖީ ގުޅުން ޤާއިމްވިތާ 60 އަހަރު ފުރޭ މުނާސަބަތާވެސް ދިމާކޮށެވެ.

gwdswatwuaatwdb-876x584.jpg

ދިވެހިރާއްޖޭގެ، އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމްކުރައްވައިގެން، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކުރިއަށްގެންދަވާ ސިލްސިލާ ފޯރަމްގެ 8 ވަނަ ބައްދަލުވުމުގައިވެސް ރައީސް ވަނީ ބައިވެރިވަޑައިގަންނަވާފައެވެ.

ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިނގިރޭސިވިލާތުގެ ވިޔަފާރިތަކުން ދިވެހިރާއްޖޭގައި ވުނަކުރެވިދާނެ މައިގަނޑު ފަސް އިސްތިރާޖީ ދާއިރާއެއްގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެ ފަސް ދާއިރާއަކީ، އުފެއްދުންތެރިކަމާއި ޘަޤާފަތާއި ފިކުރީ މުދަލުގެ މައްޗަށް އެކުލެވޭ ކްރިއޭޓިވް އިކޮނޮމީގެ ދާއިރާ، ޑިޖިޓަލް ޓްރާންސްފޯރމޭޝަން، އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ، މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކުން އީޖާދީ ބޭނުން ހިފުމުގެ ދާއިރާ އަދި ފަތުރުވެރިކަމުގެ ބިނާރުގެ ދާއިރާއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގައި ވުނަކުރުމުގެ މާޙައުލު އިތުރަށް ހަރުދަނާކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރޭގައި، ފޮރިން އިންވެސްޓްމަންޓްގެ އާ ޤާނޫނެއް ތަންފީޒުކުރެއްވުމާއި، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުތަކުގެ ހަރަކާތްތައް އަލުން ހިންގަވަން ފެއްޓެވުން ހިމެނޭކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

"އިންވެސްޓިންގް އިން ދަ ފިއުޗަރ: އަ ޑަޔަލޮގް އޮން މޯލްޑިވްސް އިކޮނޮމިކް ވިޜަން" – މި ޝިޢާރުގެ ދަށުން މިއަދުގެ ފޯރަމްގައި، މަތީ ފަންތީގެ ޕެނަލް ޑިސްކަޝަނެއްވެސް ވަނީ ކުރިއަށްގެންދަވާފައެވެ. މި ސެޝަންގެ ބައިވެރިންނަށް، ރާއްޖޭގެ ވަފުދާއެކު މަޢުލޫމާތު ބަދަލުކުރުމުގެ ފުރުޞަތު ލިބިފައިވެއެވެ. އަދި ފަތުރުވެރިކަމާއި މަސްވެރިކަމާއި އިޔާދަކުރަނިވި ހަކަތަ އާއި ކުނި މެނޭޖްކުރުމާއި ފައިނޭންސިންގ ފަދަ މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ހުރި ފުރުޞަތުތަކުގެ މައުލޫމާތު ބައިވެރިންނާއެކު ޙިއްޞާކުރެވިފައިވެއެވެ.

WhatsApp Image 2025-07-17 at 22.10.42.jpeg

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ސަބަބުން، އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިޙުތިރާމާއި އިތުބާރުގެ ތަރަހައިގެ މަތީގައި ބިނާކޮށްފައިވާ، ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތުގެ ގުޅުން، އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރެވެއެވެ.

ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ރަސްމީ ސިފައެއްގައި ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުގައެވެ. މި އަހަރަކީ، ދެ ޤައުމުގެ ޚާރިޖީ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރާ އަހަރެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފިޚަބަރު | ދުވަހެއް ކުރިންރައީސް، އިނގިރޭސިވިލާތުން އެނބުރި ރާއްޖެ ވަޑައިގެންފިޚަބަރު | ދުވަހެއް ކުރިން''އާ ޓާމިނަލް ފިނިހަކަ ދުވެލިން ރޮކެޓް ދުވެއްޔަށް ބަދަލުކޮށް ނިންމައި އިގްތިސޯދީ އައު ބާބަކަށް''ރިޕޯޓް | 2 ދުވަސް ކުރިންރައީސް އިނގިރޭސިވިލާތުގައި: ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށްޚަބަރު | 2 ދުވަސް ކުރިން