އެމްބުއިމޯގެ ސޮއިހޯދުމަށް ޔުނައިޓެޑާއި ބްރެންޑްފޯޑާއި ދެމެދު އެއްބަސްވުމަކަށް އައިސްފި
18 ޖުލައި 2025 - 12:58

މެންޗެސްޓަރ ޔުނައިޓެޑުން ބްރެންޓްފޯޑްގެ ކެމަރޫން ވިންގަރ ބްރަޔަން އެމްބިއުމޯ ގަތުމަށް ހުށަހެޅި 65 މިލިއަން ޕައުންޑުގެ އޮފަރ ބްރެންޓްފޯޑުން ބަލައިގަނެފިއެވެ. މި އަގު އިތުރު އެޑް-އޮންސް ތަކާއެކު 70 މިލިއަން ޕައުންޑަށް އަރާނެ ކަމަށް ބެލެވެއެވެ.
25 އަހަރުގެ މްބިއުމޯ އަކީ މި ސީޒަންގައި ޔުނައިޓެޑަށް ސޮއިކުރާ ތިންވަނަ ކުޅުންތެރިޔާ އަށް ވާނެއެވެ. މީގެ ކުރިން މަތިއުސް ކޫނިޔާ އަދި ޑިއެގޯ ލިއޯން ވަނީ ޔުނައިޓެޑާ ގުޅިފައެވެ. ރޫބެން އަމޮރިމްގެ ޓީމު އަންގާރަ ދުވަހު ޕްރީ ސީޒަން ޓުއަރަށް އެމެރިކާއަށް ފުރުމުގެ ކުރިން މްބިއުމޯގެ މެޑިކަލް ޓެސްޓް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
އެމްބިއުމޯ ގަތުމަށް ޔުނައިޓެޑުން ފުރަތަމަ ހުށަހެޅީ ޖޫން މަހުގައި 55 މިލިއަން ޕައުންޑުގެ ހުށަހެޅުމެކެވެ. އޭގެ ފަހުން އެ މަހުގެ ފަހު ކޮޅު 62.5 މިލިއަން ޕައުންޑުގެ ދެވަނަ ހުށަހެޅުމެއް ހުށަހެޅި ނަމަވެސް އެ ހުށަހެޅުންވެސް ބްރެންޓްފޯޑުން ވަނީ ދޫކޮށްލާފައެވެ.
2019 ވަނަ އަހަރު ފްރާންސްގެ ޓްރޯއިސް އިން ބްރެންޓްފޯޑަށް ބަދަލުވި އެމްބިއުމޯ މިހާރު ވަނީ ބްރެންޓްފޯޑްގެ ތާރީހުގައި އެންމެ ބޮޑު އަގެއްގައި ވިއްކާލާ ކުޅުންތެރިޔާގެ ރެކޯޑު އަތުލާފައެވެ.
މި ޓްރާންސްފަރ ފުރިހަމަވުމުން އެމްބިއުމޯ އަކީ މި ސީޒަންގައި ޔުނައިޓެޑަށް ގެނެވޭ އެންމެ އަގުބޮޑު ކުޅުންތެރިޔާ އަށްވެސް ވެގެންދާނެއެވެ.