ބާސެލޯނާ ކޭމްޕްނޫ އަށް އެނބުރި އައުން އަނެއްކާވެސް ލަސްވެއްޖެ
18 ޖުލައި 2025 - 13:19

ބާސެލޯނާގެ ސްޓޭޑިއަމް އަށް އެނބުރިއައުން އަނެއްކާވެސް ލަސްވެއްޖެއެވެ. މީގެކުރިން ދެފަހަރެއްގެ މަތިން ކޭމްޕް ނޫއަށް އެނބުރި އަންނާނެ ތާރީޚުތަކެއް ބާސެލޯނާއިން އިޢުލާން ކުރިނަމަވެސް އެކިސަބަބުތަކާހުރެ ބާސެެލޯނާގެ ދަނޑަށް އެނބުރި އައުން ވަނީ ފަސްކުރަންޖެހިފައެވެ.
އެންމެފަހުން ކުލަބުން އިޢުލާން ކޮށްފައިއޮތީ އަންނަ އޮގަސްޓް 10 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ގެމްޕަރ ޓްރޮފީ ކޭމްޕް ނޫގައި ކުޅޭށެވެ. ނަމަވެސް މިމެޗު މިހާރު ޔޯހާން ކްރޯއިފް ސްޓޭޑިއަމަށް ބަދަލުކުރަން ޖެހިދާނެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. ބާސެލޯނާއިން މިފަހަރު ބޭނުންވާ ތާރީހަށް ސްޓޭޑިއަމް ހުޅުވުން ލަސްވެފައިވަނީ ބާސެލޯނާ ސިޓީ ކައުންސިލުން ބޭނުންވާ އޮކިއުޕެންސީ ލައިސަންސް ވަގުތަށް ނުލިބޭނެތީއެވެ. މިކަން މިއަދު ބާސެލޯނާއިސް ރަސްމީކޮށް އިޢުލާން ކުރާނެކަމަށް ބެލެވެއެވެ.
ބުރާސްފަތި ދުވަހު ކައުންސިލުން ބުނެފައިވަނީ ސްޓޭޑިއަމްގެ މަސައްކަތް ނިމެންދެން ލައިސަންސް ދިނުމާ މެދު ގޮތެއް ނިންމަން ނުފެށޭނެ ކަމަށެވެ. މިހާރު ކްލަބުން އަމާޒު ހިފާފައިވަނީ ލަ ލީގާގައި ވެލެންސިއާ އާ ކުޅޭ މެޗު އޮންނަ ސެޕްޓެމްބަރު 14 އަށް ސްޓޭޑިއަމް އަލުން ހުޅުވުމަށެވެ.
ކްލަބުގެ ފަރާތުން ސްޕޯޓަށް މައުލޫމާތު ދީފައިވާ ގޮތުން، އެ ތާރީޚަށް ހުރިހާ ހުއްދަތަކެއް ލިބޭނެ ކަމަށް ބެލެވޭތީ، އެއީ "ވާނެ ކަމެއް" ކަމަށް ދެކެއެވެ. ކްލަބުން ވިސްނާފައިވަނީ 30,000 އިން 32,000 އަށް މީހުންނަށް ސްޓޭޑިއަމް އެއްކޮށް ހުޅުވުމަށެވެ. ނަމަވެސް އިށީނދެ ތިބޭ ސަރަހައްދުތަކުގެ މަސައްކަތް ނުނިމި ހުރުމާއި، ވަދެ ނިކުމެވުމުގެ މައްސަލަތައް ހައްލު ނުވެ ހުރުމާއެކު ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ.
ޗެމްޕިއަންސް ލީގުގެ ފުރަތަމަ ގްރޫޕް މަރުހަލާގެ މެޗު ސެޕްޓެމްބަރު 16-18 އަށް ހަމަޖެހިފައިވާއިރު، ޔުއެފާގެ ގަވާއިދުތަކުން ލާޒިމްކުރާ ގޮތުން ކުރިއާލާ ވެނިއު ކަނޑައަޅަން ޖެހެއެވެ. ޔުއޭފާއިން ކަނޑައަޅާފައިޥާ ތާރީޚަށް ހުއްދަ ނުލިބިއްޖެނަމަ ބާސެލޯނާއިން ޗެންޕިއަންސް ލީގުގެ ފުރަތަމަ 8 މެޗު ކޭމްޕް ނޫގައި ނުކުޅެވޭނެއެވެ.
ބާސެލޯނާ ސިޓީ ކައުންސިލުން މި މައްސަލައިގައި މިއަދު ގޮތެއް ނިންމާނެކަމަށް ބެލެވެއެވެ.