އުއްތަމަފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ރިޓަޔާ ކުރައްވަނީ
20 ޖުލައި 2025 - 11:58

ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން، 21 ޖުލައި 2025 ވަނަ ދުވަހުން ފެށިގެން ފަނޑިޔާރުކަމުން ޝަރަފުވެރިކަމާއެކު ރިޓަޔަރކޮށްދިނުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
އުއްތަމަފަނޑިޔާރު އޮނަރަބަލް އަޙްމަދު މުޢުތަޞިމް ޢަދުނާން ވަނީ ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރުގެ ހައިސިއްޔަތުން އަދި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން 09 އަހަރާއި 07 މަހާއި 12 ދުވަހު ޝަރުޢީ ދާއިރާއަށް ޚިދުމަތް ކުރައްވާފައެވެ.
ސުޕްރީމްކޯޓުގައި ފަނޑިޔާރެއްގެގޮތުން މުއުތަސިމް އަދުނާން އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ 10 އޮގަސްޓު 2010 އިން 2014 ވަނަ އަހަރުގެ ނިޔަލަށެވެ. ދެވަނަ ފަހަރަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަންކުރައްވާ އުއްތަމަ ފަނޑިޔާރުކަމުގެ ހުވާ ކުރެއްވީ 8 ޑިސެމްބަރު 2019 ގައެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާ ކުރެއްވުމާއެކު، އެ މަނިކުފާނު ވެވަޑައިގަންނަވާނީ ރާއްޖޭގައި ޝަރަފްވެރިކަމާ އެކު މަގާމުން ރިޓަޔާ ކުރައްވާ ފުރަތަމަ އުއްތަމަ ފަނޑިޔާރަށެވެ.