މުޢިއްޒު ފަދަ އިޚްލާސްތެރި ދީންދެކެ ލޯބިފުޅުވާ ވެރިޔަކު ލިބުނީތީ ދިވެހިން އުފާކޮށް ޝުކުރުވެރިވާންޖެހޭ: މުހައްމަދު އިސްމާއީލް

23 ސެޕްޓެމްބަރު 2024 - 10:07

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ފަދަ އިޚްލާސްތެރި ދީންދެކެ ލޯބިފުޅުވާ ވެރިޔަކު ލިބުނީތީ ދިވެހިން އުފާކޮށް ޝުކުރުވެރިވާންޖެހޭކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
މެމްބަރު މުހައްމަދު އިސްމާއީލް މިހެން ވިދާޅުވީ، އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މިހާރު އެމެރިކާއަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ސެޝަނެއްގައި ބައިވެރިވެވަޑައިގަންނަވާ ފޮޓޯ އެކްސްގައި ހިއްސާކުރަށްވަމުން ކުރެއްވި ޕޯސްޓެއްގައެވެ.
މި ޕޯސްޓްގައި މުހައްމަދު އިސްމާއީލް ވިދާޅުވީ، ޤައުމެއްގެ ޙަޔާތުގައި އެންމެ މުހިންމު އެއްކަމަކީ ޤައުމަށާއި ރައްޔިތުންގެ ކުރިއެރުމާއި ލާބައަށް އިޚްލާސްތެރިކަމާއި ތެދުވެރިކަމާއެކު މަސައްކަތްކޮށްދޭނެ ވެރިޔަކު ލިބުން ކަމަށެވެ.
އެހެންކަމުން އެފަދަ ވެރިއެއްގެ ގޮތުގައި ރައީސް މުޢިއްޒު ދިވެހިންނަށް ލިބުނީތީ މިއަދު ދިވެހި ޤައުމަށާއި ކުޑަބޮޑު އެންމެހާ ރައްޔިތުންނަށް އުފާކޮށް ޝުކުރުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"ރައީސް ޑޮކްޓަރ މުޢިއްޒު ފަދަ އިޚްލާސްތެރި، މަޑުމައިތިރި، އިސްލާމްދީނަށް ލޯބިފުޅުވާ ވެރިޔަކާ ދިވެހި ޤައުމުގެ ހުންގާނު ޙަވާލުކުރެވުނު ކަމަށްޓަކައި އަޅުގަނޑުމެން އެންމެން އުފާކުރަންޖެހޭ،" މުޙައްމަދު އިސްމާޢީލް ވިދާޅުވިއެވެ.
އިތުރަށް އޭނާ ވިދާޅުވީ، ރައީސް ޑރ. މުޢިއްޒުގެ ލީޑަރޝިޕްގެ ދަށުން ދިވެހިރާއްޖެ އިތުރު ކުރިއެރުންތަކެއް ޙާޞިލުކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތްކުރުމުގައި އާ ސަރުކާރަށް އެއްބާރުލުން ދިނުމަށް އެންމެހާ ރައްޔިތުންނަށް އޭނާ ވަނީ ގޮވާލައްވާފައެވެ.