ހުޅުމާލެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކޮށް ހުޅުވައިފި

16 ނޮވެމްބަރު 2024 - 14:36

ޓަރޝަރީ ފެންވަރަށް ޚިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި ހުޅުމާލެ ހޮސްޕިޓަލް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ހުޅުއްވައިދެއްވައިފިއެވެ.
އަލަށް ތަޢާރަފްކުރެވޭ ޚިދުމަތްތަކާއެކު، ހުޅުމާލެ ހޮސްޕިޓަލް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައި ބަނީ މިއަދު ހަވީރު އެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހުޅުމާލެ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސް، އައި.ސީ.ޔޫ.، އެން.އައި.ސީ.ޔޫ. އަދި ސީ.އެސް.ޑީ ޚިދުމަތްތަކާއެކު އެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ޚިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި ހުޅުއްވައިދެއްވާފައެވެ.
މި ޚިދުމަތްތަކާއެކު ހޮސްޕިޓަލް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ހޮސްޕިޓަލުގައި އަލަށް ތަޢާރަފް ކުރި ޚިދުމަތްތަކާބެހޭ ވީޑިއޯ ރިޕޯޓު ބައްލަވާލައްވައި، އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސް، އައި.ސީ.ޔޫ. އެން.އައި.ސީ.ޔޫ. އަދި ސީ.އެސް.ޑީ ބައްލަވާލައްވައި، އެތަންތަނުން ދޭ ޚިދުމަތްތަކާބެހޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.
މި ރަސްމިއްޔާތުގައި ހުޅުމާލެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރުގައި ހިންގުމުގެ ރެޖިސްޓްރޭޝަން އަދި އޮޕަރޭޓިންގ ލައިސަންސް އެ ހޮސްޕިޓަލާ ހަވާލުކުރައްވާފައިވެއެވެ.