ސީބީއެމްއިން ޔޫނިއަންޕޭ ކާޑު އިފްތިތާހުކޮށްފި
ސީބީއެމްއިން ޔޫނިއަންޕޭ ކާޑު އިފްތިތާހުކުރި ރަސްމިއްޔާތުގެތެރެއިން---ފޮޓޯ/މެންދުރުޓީވީ
26 ނޮވެމްބަރު 2024 - 10:00
ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް)އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޔޫނިއަން ޕޭ ކާޑު ތައާރަފުކޮށްފިއެވެ.
މިކަމާ ގުޅިގެން ސީބީއެމްއިން ބުނީ، މިކަމުގެ ސަބަބުން ރާއްޖޭގައި އުޅޭ ދަތުރުވެރިންނަށް އިންޓަނޭޝަނަލް ޓްރާންސެކްޝަންތައް ކުރަން ފަސޭހަވަނެކަމަށެވެ. އަދި މި ކާޑުގެ ސަބަބުން ރައްކާތެރިކަމާއެކު ފަސޭހަ ގޮތެއްގައި ފައިސާގެ މުއާމަލާތްތައް ކުރެވޭނެ ކަމަށެވެ.
ޔޫނިއަންޕޭ ކާޑުތައް ކަމަށްވާ ޑެބިޓް ޕްލެޓިނަމް، ކްރެޑިޓް ޕްލެޓިނަމް އަދި ކްރެޑިޓް ކްލެސިކް 180 އަށް ވުރެ ގިނަ ގައުމުތަކުގައި ބަލައިގަނެފައިވާއިރު އޭގެ ތެރޭގައި އެމެރިކާ، އިނގިރޭސިވިލާތް، އޮސްޓްރޭލިއާ އަދި އީޔޫ ފަދަ މުހިންމު މަންޒިލްތައް ހިމެނެ އެވެ. ސީބީއެމްއިން ބުނީ، މި ކާޑުތައް އަދި ބޭނުން ކުރެވޭނީ ބައިނަލްއަގުވާމީ ބޭނުންތަކަށް އެކަނި ކަމަށެވެ.
ބައިނަލްއަގުވާމީ ދުނިޔޭގައި ޔޫނިއަން ޕޭކާޑުގެ މަގުބޫލުކަން ދަނީ އިތުރުވަމުންނެވެ. ސީބީއެމްއިން ބުނީ ރާއްޖެއަށް މި ކާޑު ތައާރަފުކުރި މައިގަނޑު ސަބަބަކީ އެއީ ކަމަށެވެ.
ޔޫނިއަންޕޭ ކާޑުތަކުން ލިބޭފަސޭހަތަކުގެ ތެރޭގައި:
- ދުނިޔޭގެ ގިނަ ގައުމުތަކުން މި ކާޑު ބަލައިގަތުން: ދުނިޔޭގެ އެކި ކަންކޮޅުތަކުން 183 ގައުމެއްގައި ޔޫނިއަން ޕޭކާޑު ބަލައިގަންނާނެއެވެ. އެހެންކަމުން މި ކާޑު މެދުވެރިކޮށް ޑިއުޓީ ފްރީ ފިހާރަތަކުންނާއި، ހޮޓެލް، ރެސްތޯރަންޓް އަދި ރީޓެއިލް ފިހާރަތަކުގައި ވިޔަފާރީގެ މުއާމަލާތްތައް ކުރަން ފަސޭހަ ވާނެއެވެ.
- ފަތުރުކުރުމުގައި ލިބޭ ފައިދާތައް: ކާޑު ގެންގުޅޭ ފަރާތްތަކަށް ޚާއްސަކޮށް ކުރިއަށްގެންދާ ޑިސްކައުންޓުތަކާއި ޕްރޮމޯޝަންތަކުގެ ސަބަބުން ދަތުރުވެރިންގެ ތަޖުރިބާ ފުރިހަމަ ކޮށްދޭނެއެވެ.
- ބޭނުންކުރަން ފަސޭހަވުން: އޮންލައިންކޮށާއި އޮފްލައިންކޮށް ފައިސާގެ މުއާމަލާތްތައް ކުރުމުގެ ފުރުސަތު މި ކާޑުން ފޯރުކޮށްދިނުމަކީ މި ކާޑު ގެންގުޅޭ ފަރާތްތަކަށް ލިބޭނެ އިތުރު ފަސޭހައެކެވެ.
- ސެކިއުރިޓީ ކަށަވަރުވުން: މަކަރާއި ހީލަތުން ފައިސާ ހޯދުން ފަދަ ކަންކަމުން ކަސްޓަމަރުން ސަލާމަތްކޮށްދިނުމަށް މި ކާޑުގައި ވަނީ އެޑްވާންސް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.
- 24 ގަޑިއިރުގެ ކަސްޓަމާ ސަޕޯޓް: އެހީތެރިކަން ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައި ކާޑު ގެންގުޅޭ ފަރާތްތަކަށް ކަސްޓަމާ ކެއާގެ ޚިދުމަތް ލިބޭނެެއެވެ.
މީގެ ސަބަބުން ސީބީއެމްގެ ހިދުމަތްތައް އިތުރުވެ، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއި ރައްކާތެރިކަމާ އެކު ބައިނަލްއަގުވާމީ ޕޭމަންޓްތައް މެނޭޖް ކުރުމަށް މަގުފަހިވެގެން ދެ އެވެ.