ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓަށް ހުށަހަަޅަނީ
15 ޖެނުއަރީ 2025 - 14:37
ޙަލީމަތު ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ހައިކޯޓަށް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ
މޭރީ ގްރޭސް އޮނެޑް ޕިނެޑާގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލި މައްސަލަ ނުބަލަން ހައި ކޯޓުން ނިންމި ނިންމުން ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ނިންމައި, އެ މައްސަލަ ބަލަން އެ ކޯޓުން އަންގާފައިވާ ކަމަށާއި، އެގޮތުން މި މައްސަލަ 10 ދުވަސްތެރޭގައި ހުށައަޅައިފިނަމަ މައްސަލަ ބަލައިގަތުމަށް ހައިކޯޓަށް އަންގާފައިވާކަންވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
މޭރީގެ މަރުގެ މައްސަލައާ ގުޅިގެން ދައުލަތުން ވަނީ ތިން ދައުވާއެއް ލަމްހާގެ މައްޗަށް ކޮށްފައެވެ. އެއީ އެއީ އެނގި ހުރެ މީހަކު މެރުގައި ބައިވެރިވުން، އެހެން މީހެއްގެ މުދަލުގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުން އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާއެވެ.
އެ ދައުވާތަކާ ގުޅިގެން ކުރިމިނަލް ކޯޓުން ވަނީ 2021 ވަަނަ އަހަރު ތެރެއިގައި ލަމްހާ ޝަރީއަތް ނިމެންދެން ބަންދުގައ ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.
ނަމަވެސް 2023 ނޮވެމްބަރު 23 ގައި ކުރިމިނަލް ކޯޓުން އަމުރުކުރީ ޝަރުތުތަކަކާއެކު ލަމްހާ ބަންދުން ދޫކޮށްލުމަށެވެ. އެ އަމުރު ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައި ކޯޓުން ހުކުމްކުރީ ލަމްހާ އަލުން ބަންދު ކުރުމަށެވެ. ހައި ކޯޓުގެ ހުކުމާ އެއްގޮތަށް ލަމްހާ ބަންދުކޮށްފައި ހުއްޓާ އޭނާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 12 ގައި ހަ ޝަރުތެއް ކުރުމަށްފަހު އެވެ.
މޭރީ ގްރޭސް އަކީ އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސް ނަރުހެކެވެ. ލަމްހާގެ އިތުރުން މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި މޭރީގެ ފިރިމީހާ މާވިން އެސްވައިގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރެއެވެ.