މަތީ ތަޢުލީމަށް ދޫކުރާ ލޯނުތަކުން ނަގާ އެޑިމިނިސްޓްރޭޓިވް ފީ އުނިކުރަން ނިންމައިފި
28 މާރިޗު 2025 - 06:13

ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމާއި ތަމްރީން ހޯދަން ދޫކުރާ ލޯނާއެކު ހިމެނިފައިވާ އެއް އިނަސައްތަ އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި ނަގަމުންދާ އަދަދު އެއްކޮށް އުނިކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒޔ ނިންމަވަިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓުން ޙިއްޞާކުރެއްވި ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވީ، ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމާއި ތަމްރީން ހޯދަން ދޫކުރާ އަދި ދޫ ކޮށްފައިވާ ލޯނު ތަކަކީ، އިސްލާމީ ހަމަތަކަށް ފެތޭ، "ޝަރީޢާ ކޮމްޕްލަޔަންޓް" ލޯނުތަކަކަށް ހެދުމަށް ބައެއް ކަންކަން ތަންފީޒު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް މިއަދު ދަންނަވާފައިވާނެ ކަމަށެވެ.
އެގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ދޫކުރާ ލޯނު ޝަރީޢާ ކޮމްޕްލަޔަންޓް ކުރުމުގެ ގޮތުން:
1. ރާއްޖެއާ ރާއްޖޭން ބޭރުން ތަޢުލީމާ ތަމްރީނު ހޯދުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ދޫކުރާ ލޯނު ޝަރީޢާ ކޮމްޕްލަޔަންޓް ލޯނެއްގެ ގޮތުގައި ހަމަޖެއްސުމުގެ ގޮތުން ލޯނާއެކު ހިމެނިފައިވާ އެއް އިންސައްތަ އެޑްމިނިސްޓްރޭޓިވް ފީ ގެ ގޮތުގައި ނަގަމުންދާ އަދަދު އެއްކޮށް އުނިކުރުން.އަދި، ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް މިންވަރެއް އިތުރަށް ޗާޖް ނުކުރުން.
2. އަދި، ކުރިން ލޯނު ނަގައިފައިވާ ފަރާތްތަކުން ދައްކަން ހުންނަ ފައިސާއިންވެސް، އެޑްމިނިސްޓްރޭޓިވް ފީ އުނިކޮށް އެދަރިވަރުންގެ ލޯނު އަދަދުތައް އަލުން އެޖަސްޓްކުރުން.
ރާއްޖޭގެ ތަޢުލީމީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރުން ދަނީ އެކި މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން އިތުރަށް ދިރާސާކުރުމާއި ފިކުރީ މުދާ އުފެއްދުމުގެ ފުރުޞަތުތައް ފުޅާކުރުމަށްޓަކައި ޤައުމީ ފެންވަރުގެ ރިސާޗް ގްރާންޓްފަންޑެއް މިހާރު ވާނީ ޤާއިމުކޮށްފައެވެ. ހަމައެއާއެކު ރިސާޗްކައުންސިލެއް އުފައްދައި، ރިސާޗް ގްރާންޓް ދޫކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ވަނީ ފަށައިފައެވެ. އަދި ރާއްޖޭން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންގެ ކާޑު ލިމިޓު 1200 އެމެރިކާ ޑޮލަރަށް ވެސ ވަނީ އިތުރުކުރެވިފައެވެ.