logoEN
ޚަބަރު

ޞައްޙަ ނޫން ލިޔެކިޔުންތަކެއް ޝަރީޢަތަށް ހުށަހަޅާފައިވާތީ ޖިނާއީ ދައުވާކުރަނީ

އާމިނަތު ސަފާއާމިނަތު ސަފާ

22 މޭ 2025 - 13:25

ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ދައުލަތުގެ އިދާރާތަކަށް ފޯރުކޮށްދީފައިވާ ކަމަށް ބުނާ ޚިދުމަތްތަކަށް ފައިސާ ހޯދުމަށް އެދި ދިވެހި ދައުލަތުގެ މައްޗަށް ރައްދުވާ ގޮތަށް ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބައްލަވާފައިވާ މައްސަލަތަކުގެ ތެރެއިން 2 މައްސަލައެއްގައި ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސިވިލް ކޯޓަށް ޞައްޙަ ނޫން ލިޔެކިޔުންތަކެއް ހުށަހަޅާފައިވާ ކަމަށް ޤަބޫލުކުރެވޭތީ، މި މައްސަލަ ތަޙްޤީޤްކޮށްދެއްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި ބަންޑާރަނައިބުގެ އޮފީހުގެ ފަރާތުން އެދެފިއެވެ.

އެ އޮފީހުން ބުނީ ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން 2006 ވަނަ އަހަރާއި 2008 ވަނަ އަހަރު ފޯރުކޮށްދީފައިވާ ކަމަށް ބުނާ ޚިދުމަތްތަކަށް ފައިސާ ހޯދުމުގެ ގޮތުން ދިވެހި ދައުލަތަށް ރައްދުވާ ގޮތަށް ޖުމްލަ 3 މައްސަލައެއް މިހާތަނަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ. އެއީ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށް ސަޕްލައިކޮށްދީފައިވާ ކަމަށް ބުނާ ކަޅުހަންތަކަކާ ގުޅޭ 1 މައްސަލައާއި، ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސްއަށް ސަޕްލައިކުރި ކަމަށް ބުނާ މެޑިކަލް އިކުއިޕްމަންޓްތަކަކާ ގުޅޭ 2 މައްސަލައެކެވެ.

އެގޮތުން، ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ދިވެހި ދައުލަތުގެ މައްޗަށް ރައްދުވާ ގޮތަށް ހުށަހަޅާފައިވާ މައްސަލަތަކުގައި، ދައުލަތާއި އެކުންފުންޏާ ދެމެދު ކޮށްފައިވާކަމަށް އެ ކުންފުނިން ބުނާ މުޢާމަލާތްތައް ހިނގާފައިވާކަން ސާބިތުކުރުމަށް އެ ކުންފުނިން ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކާމެދު ސުވާލު އުފެދޭތީ، ދައުލަތުން އެ ކުންފުންޏަށް އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭކަމަށް ކަނޑައަޅުއްވައިދެއްވުމަށް މި މައްސަލަތަކުގައި ދައުލަތުން ހުށަހެޅި ޖަވާބުތަކުގައި އެދިފައިވާނެއެވެ. އަދި މި މުޢާމަލާތްތަކާ ގުޅޭ މައްސަލަތަކާ ގުޅިގެން ސިވިލް ކޯޓުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ ނިންމެވުންތައް ދައުލަތުން ވަނީ އިސްތިއުނާފުކޮށްފައެވެ.

ހަމައެއާއެކު، މި މައްސަލަތަކާ ގުޅިގެން ދައުލަތުގެ ހުރި ކަންބޮޑުވުންތައް އޮޑިޓަރ ޖެނެރަލްގެ އޮފީހާ ޙިއްޞާކޮށް، ކުރެވުނު މަޝްވަރާތަކުގައި މި މައްސަލަތަކާ ގުޅޭ ޚާއްޞަ އޮޑިޓެއް ތައްޔާރުކޮށްދެއްވުމަށް މި އޮފީހުން އެދުމުން، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކުރިއަށްގެންދަވާ ޚާއްޞަ އޮޑިޓްގައި އެ އޮފީހަށް މިހާތަނަށް ފާހަގަކުރެވިފައިވާ ކަންކަން ހިމެނޭ ޕްރިލިމިނަރީ ރިޕޯޓެއް މި އޮފީހާ ޙިއްޞާކުރައްވާފައިވެއެވެ.

އެގޮތުން، ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް ޞައްޙަ ނޫން އިންވޮއިސްއެއް ހުށަހަޅާފައިވާ ކަމާއި، ދިވެހިރާއްޖެ އެތެރެކޮށްފައިނުވާ ބައެއް މެޑިކަލް އިކުއިޕްމަންޓްތައް ޑިޕާޓްމަންޓް އޮފް މެޑިކަލް ސަރވިސަސްއަށް ސަޕްލައިކޮށްދީފައިވާ ކަމަށް އެ ކުންފުނިން ހުށަހަޅާފައިވާ ޑެލިވަރީ ނޯޓުތަކާއި އިންވޮއިސްތަކުގައި ބަޔާންކޮށްފައިވާކަން އެ އޮޑިޓުން މިހާތަނަށް ފާހަގަކުރެވިފައިވާ ކަމާއި، މި މައްސަލަތަކާ ގުޅިގެން ޖިނާއީ ތަޙުޤީޤެއް ކަމާގުޅުންހުރި އިދާރާތައް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް ފެނިވަޑައިގަންނަވާ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ލަފާދެއްވާފައިވެއެވެ.

އެހެންކަމުން، މި މައްސަލަތަކާ ގުޅިގެން ޖިނާއީ ތަޙުޤީޤެއްކުރުން މުހިއްމު ކަމަށް މި އޮފީހަށް ވެސް ފެންނާތީ، ވީ އެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި މި މައްސަލަ ތަޙުޤީޤުކޮށްދެއްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި ޕީޖީން ވަނީ އެދެފައެވެ.

ކޮމެންޓް

871x217_placeholder