އިންސާނީ ވަސީލަތް ބޭނުންވާ މިންވަރު ދެނެގަތުމަށް ކުރިއަށްގެންދިޔަ ގައުމީ ސާވޭގެ ރިޕޯޓު ނެރެފި
17 ޖޫން 2025 - 10:15

އިންސާނީ ވަސީލަތް ބޭނުންވާ މިންވަރު ދެނެގަތުމަށް ކުރިއަށްގެންދިޔަ ގައުމީ ސާވޭގެ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ނެރެދެއްވައިފިއެވެ.
އެ ރިޕޯޓު އެމަނިކުފާނު ނެރެދެއްވީ ޤައުމީ ޔުނިވާސިޓީގައި މިއަދު ބޭއްވި ޚާއްސަ ރަަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ ވަޒީފާއެއް ނެތް ދިވެއްސަކު ނުހުންނާނޭ މިންވަރަށް މި ޤައުމުގައި 5 އަހަރުގެ ތެރޭގައި އައު ވަޒީފާތައް އުފެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްގެ އިތުރުން، އެމަނިކުފާނުގެ މެނިފެސްޓޯގެ އަސާސީ ބައެއްކަމުގައި ފާހަގަކުރައްވާފައެވެ. އަދި އެއަމާޒަށް ވާޞިލްވުމުގައި ވޭތުވެދިޔަ 18 މަސްދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ފެށިފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން ފެށިފައިވާ މަސައްކަތްތަކުގެ ތެރޭގައި، ދިވެހީންނަށް ނޫނީ ވަޒީފާ އަދާ ނުކުރެވޭނެ ދާއިރާތަކެއް ވަޒީރުންގެ މަޖިލީހުން އެކަށައަޅުއްވައި ނިންމެވުމާއި، ޞިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާ ފަދަ ދިވެހީންގެ ޚިދުމަތް މުހިންމު ދާއިރާތަކުން ދިވެހީން އިތުރުކުރުމަށް ޚާއްޞަ އިނާޔަތްތައް ތަޢާރަފްކުރެއްވުމުގެ މަސައްކަތް ފެއްޓެވުމާއި، ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގެ އިތުރުން ޚާއްޞަ އިޤްތިޞާދީ މަޝްރޫޢުތައް ފެށިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
އަދި ދިވެހިރާއްޖެއަކީ އިޤްތިޞާދީގޮތުން ވަރުގަދަ އަދި ފުދުންތެރި ދައުލަތެއްގެ ގޮތުގައި ބިނާކޮށް، އާރާސްތުކުރުމަކީ އެންމެހައި ދިވެހިންގެ ޒިންމާއެއް ކަމަށާއި އެހެންކަމުން އެމަސައްކަތުގައި ޝާމިލްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިލްތިމާސްކުރެއްވިއެވެ. އަދި، ސަރުކާރުން މި ފަހިކޮށްދޭ އާމުދަނީ ހޯދުމާއި ވަޒީފާގެ ފުރުޞަތުތަކުގެ ބޭނުން އޭގެ އެންމެ ފުރިހަމަގޮތުގައި ހިފުމަށްވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.
ނެޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމަންޓް ސާވޭ ރިޕޯޓަކީ މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އާއި ވޯލްޑް ބޭންކު ގުޅިގެން ކުރިއަށް ގެންދިޔަ ދިރާސާއެކެވެ. ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ހިރާސްތަކާއި އެކި ވަޒީފާތަކަށް ބޭނުންވާ ހުނަރުތަކާއި ދިވެހި ޒުވާނުންނަށް ވަޒީފާގެ މާޙައުލުގައި ކުރިމަތިވާ ގޮންޖެހުންތައް ދެނެގަތުމަށް ކުރިއަށް ގެންދިޔަ މި ދިރާސާއިން، ކުރު އަދި ދިގު ރާސްތާގެ ސްޓްރެޓެޖީތައް އެކުލަވާލެވި، ސަރުކާރުގެ މެނިފެސްޓޯގެ އަމާޒުތަކަށް ވާޞިލްވުމަށް އެހީތެރިކަން ލިބިގެންދާނެއެވެ.