އަލްސަންގެ އާއިލާއަށް ރައީސް މުއިއްޒުގެ ތަޢުޒިޔާ
14 ޖުލައި 2025 - 04:23

ރޭ ހިނގި އެކްސިޑެންޓުގައި ނިޔާވި ޔޫސުފް އަލްސަން މުޙައްމަދުގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.
ސޯޝަލް މީޑިއާގައި ރައީސުލްޖުމްހޫރިއްޔާ ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެ ބޮޑުތަކުރުފާނު މަގުގައި ހިނގާދިޔަ ނުރައްކާތެރި އެކްސިޑެންޓުގައި ޔޫސުފް އަލްސަން މުޙައްމަދު ނިޔާވި ޚަބަރު އެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށާއި އަދި މަރްޙޫމްގެ ލޮބުވެތި ޢާއިލާއަށް އިޚްލާސްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާ ކަމަށެވެ.
މަރުޙޫމް ޔޫސުފް އަލްސަން މުޙައްމަދުގެ ފުރާނަ ޖަންނަތުލް ފިރުދައުސްގައި ލެއްވުމަށާއި ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުމަށްއެދި އެމަނިކުފާނުވަނީ ދުޢާ ދަންނަވާފައެވެ.
މީގެ އިތުރުން މި އެކްސިޑެންޓުގައި އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުން އެދި ދުޢާ ދަންނަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރޭ މާލޭ މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ޒިބްރާ ކްރޮސްމަތިން މަގު ހުރަސްކުރި މީހެއްގެ ގައިގަ އާއި އެވަގުތު ދުއްވާފައި ދިޔަ ޕިކަޕެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި ދެން އަނިޔާވީ 40 އަހަރުގެ މީހަކަށާއި 16 އަހަރުގެ ކުއްޖަކަށެވެ. ރޭގެ އެކްސިޑެންޓުގައި އަނިޔާވެ ފަރުވާދެމުން އަންނަ 16 އަހަރުގެ ކުއްޖާއާއި 40 އަހަރުގެ މީހާގެ ހާލުވެސް ސީރިއަސްކަމަށް ފުލުހުން ވަނީ ބުނެފައެވެ.