އެންމެ އިސްކަން ދޭނީ ދިވެހިންގެ ވިންދާއި އިހްސާސްތައް އިއްވުމަށް: ރައީސް

21 ސެޕްޓެމްބަރު 2024 - 18:54

އދ. ގައި ކުރަށްވާ ބަހުސްތަކުގައި އެންމެ އިސްކަން ދެއްވާނީ ދިވެހިންގެ އަޑާއި، ވިންދާއި އިހްސާސްތައް އިއްވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެއަށް އދ. ގެ މެންބަރުކަން ލިބުނުތާ 59 އަހަރު ފުރޭދުވަސް ފާހަގަކުރުމުގެ ގޮތުން ދެއްވި ވީޑިއޯ މެސެޖެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ އދ. ގައި ރާއްޖެ އަދާކޮށްފައިވާ މުހިންމު ދައުރަށް އަލިއަޅުވާލައްވައި، ކުރިއަށް އޮތްތަނުގައިވެސް އިތުރު މުހިންމު މަސްއޫލިއްޔަތުތައް ޒިންމާދާރުކަމާއެކު އަދާކުރަމުން ޤައުމު ކުރިއަށްގެންދަން ބޭނުންވާކަން ވިދާޅުވެފައެވެ.
މިމެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިއަށްއޮތް އދ. ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވާނީ ދިވެހިރާއްޖެއާމެދު ދެކިވަޑައިގަންނަވާ ތަޞައްވަރު ހާމަކުރެއްވުމަށްކަމުގައި ވިދާޅުވެފައެވެ.
"އަޅުގަނޑު އދ. އަށް ޒިޔާރަތްކޮށް، އެންމެ އިސްކަން ދޭނެކަމަކީ ދިވެހިރާއްޖެއާ މެދު އަޅުގަނޑު ދެކޭ ތަޞައްވަރު ހާމަކުރުން. ދިވެހިންގެ އަޑު، ދިވެހިންގެ ވިންދުގެ އަޑު، ދިވެހިންގެ އިޙުސާސްތައް އިއްވުމަށް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި މެސެޖުގައި ވަނީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރެއްވުމުގައި އަދި ހިންގެވުމުގައި އަބަދުވެސް އެންމެ އިސްކަން ދެއްވާނީ ދިވެހިރައްޔިތުންގެ މަޞްލަޙަތު ޙިމާޔަތްކުރުމަށްކަމުގައި އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރަށްވާފައެވެ.