ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގެންނެވީ ވެރިކަމުގެ އައު ރެކޯޑަކާއެކު
25 ޖުލައި 2025 - 05:49

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންެނެވިއިރު އެމަނިކުފާނު މިވަނީ ވެރިކަމުގެ އައު ރެކޯޑެއް ގާއިމުކުރައްވާފައެވެ.
އެމަނިކުފާނު ވެވަޑައިގެންފައިވަނީ އިންޑިއާގެ ޖުމްހޫރިއްޔަތުގެ ތާރީހްގައި ދެވަނައަށް އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ބޮޑުވަޒީރަށެވެ.
މޯދީގެ ބޮޑުވަޒީރުކަމުގައި މިއަދާ ހަމައަށް އެމަނިކުފާނުވަނީ 4,078 ދުވަސް ފުރިހަމަކުރައްވައިފައެވެ. މި ކާމިޔާބީއާއެކު، އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީ، 1966 ވަނަ އަހަރުގެ ޖެނުއަރީ 24 އިން 1977 ވަނަ އަހަރުގެ މާރޗް 24 އަށް ބޮޑުވަޒީރުކަމުގެ މަޤާމުގައި ހުންނެވި 4,077 ދުވަހުގެ ރެކޯޑު، ބޮޑުވަޒީރު މޯދީ ވަނީ މުގުރާލައްވާފައެވެ.
އިންޑިއާގެ ޖުމްހޫރިއްޔަތުގެ ތާރީހްގައި ދެވަނައަށް އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ބޮޑުވަޒީރަކަށް މޯދީ ވެވަޑައިގެންނެވިއިރު އިންޑިއާގައި އެންމެ ގިނަދުވަހު ވެރިކަން ކުރެއްވި ބޮޑުވަޒީރަކީ އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހިރު ލާލް ނެހުރޫއެވެ. ޖަވާހިރު ލާލް ނެހުރޫވަނީ އިންޑިއާގެ ބޮޑުވަޒީރުކަން 6130 ދުވަހު ކުރައްވާފައެވެ.
މީގެ އިތުރުން މޯދީ ވެވަޑައިގަތްފައިވަނީ އިންޑިއާގެ ފުރުތަމަ ބޮޑުވަޒީރު ޖަވާހިރު ލާލް ނެހުރޫގެ ފަހުން އިންޑިއާގައި ޖެހިޖެހިގެން 3 ފަހަރު ވެރިކަން ކުރައްވާ ބޮޑުވަޒީރުގެ ގޮތުގައެވެ.
މޯދީ ލީޑަރަކަށް ހުންނަވައިގެން ބާރަތިޔާ ޖަނަތާޕާޓީން އިންޑިއާގެ އާއްމު އިންތިހާބު ޖެހިޖެހިގެން ތިން ވަނަ ފަހަރަަށް ވަނީ ކާމިޔާބުކޮށްފައެވެ.
އިންޑިއާގެ ސިޔާސީ ޕާޓީއެއްގެ ލީޑަރެއްގެ ހައިސިއްޔަތުން ވިދިވިދިގެން ތިން އިންތިޚާބު (2014، 2019، 2024 ގެ ލޯކް ސަބާ އިންތިޚާބު) ކާމިޔާބު ކުރެއްވި ހަމައެކަނި ބޮޑުވަޒީރަކީ ވެސް އެމަނިކުފާނެވެ.
އިންޑިއާގެ ބޮޑުވަޒީރުންގެ ތެރެއިން ވިދިވިދިގެން ހަ އިންތިޚާބު ކާމިޔާބު ކުރެއްވި ހަމައެކަނި ލީޑަރަކީ ވެސް މޯދީއެވެ. އެއީ ގުޖުރާތުގައި 2002، 2007، 2012 އަދި ލޯކް ސަބާ އިންތިޚާބުތަކުގައި 2014، 2019، 2024 ގައި ހޯއްދެވި ކާމިޔާބީތަކެވެ.
މޯދީގެ ވެރިކަމުގައި އިންޑިއާއަކީ މުޅި ދުނިޔޭގައި ބަސްކިޔާ ގައުމަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ.
އިގުތިސާދީ ގޮތުން އިންޑިއާ ހޯދަމުން އަންނަ ކުރިއެރުންތަކަށް ބަލާއިރު މިދިޔަ 10 އަހަރު ވެސް އެގައުމުގެ އިގުތިސާދީ ކުރިއެރުން ހުރީ ދުނިޔޭގެ އެވަރޭޖަށް ވުރެ މަތީގައެވެ. ޖީޑީޕީ 3.7 ޓްރިލިއަންގައި ހުރި އިރު ބޮލަކަށް ޖެހޭ ނިސްބަތް ހުރީ 2612 ޑޮލަރުގަ އެވެ. އެ ގައުމަކީ މިހާރު ދުނިޔޭގެ ފަަސްވަނަ އަށް އެންމެ ބޮޑު އިގުތިސާދެވެ.
ބޮޑު ވަޒީރުގެ މި ދަތުރުފުޅާއެކު ރާއްޖެ- އިންޑިއާގެ ގުޅުން އިތުރު ހަރުފަތަކަށް ކުރިއަށް ޖެހިފައިވާއިރު ސަރަހައްދުގެ އެންމެ ނުފޫޒުގަދަ ލީޑަރުގެ މި ދަތުރުފުޅުގެ ސަބަބުން ގައުމަށް ބޮޑެތި މަންފާތަކެއްކުރާނެކަމަށް ބެލެވެއެވެ.