ޙަސަން ޞާބިރު ރަސްމީ އިއްޒަތުގައި ފަސްދާނުލައިފި
28 ޖުލައި 2025 - 14:08

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރު ރަސްމީ އިއްޒަތުގައި ފަސްދާނުލައިފިއެވެ.
އެމަނިކުފާނުގެ ޖަނާޒާ ބާއްވާފައިވަނީ މިއަދު އަސްރު ނަމާދަށްފަހުއެވެ.
މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާގެ ޝަރަފު އެރުވި ޙަސަން ޞާބިރު އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އަވަހާރަވިއިރު، ޢުމުރުފުޅަކީ 73 އަހަރެވެ.
ޙަސަން ޞާބިރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ. މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޙަސަން ޞާބިރު އަވަހާރަވި ޚަބަރު އަޑުއެއްސެވީ ނުހަނު ފުންހިތާމައާ އެކު ކަމަށެވެ. އަދި މަރުޙޫމުގެ ފުރާޅަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ރައީސް ދުޢާ ދެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފާއި ކުރީގެ ރައީސުންނާއި ދައުލަތުގެ އިސްވެރިންނާއި ސިޔާސީ ވެރިންވެސް ވަނީ ތަޢުޒިޔާ ވިދާޅުވެފައެވެ.
ޙަސަން ޞާބިރު ވަނީ ދިވެހި ދައުލަތަށް 38 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައެވެ. ޞާބިރު ވަނީ ދަނޑުވެރިކަމާއި ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގެ ވަޒީރުކަން ކުރައްވާފައެވެ.