ބ. އަތޮޅުގައި އާރްޓީއެލް ފެރީ ދަތުރުކުރާ އަގުތައް އާންމުކޮށްފި
30 ޖުލައި 2025 - 12:45
.webp&w=3840&q=75)
އާރްޓީއެލް ފެރީގެ ހިދުމަތް ބ. އަތޮޅުގައި ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަގުތައް އާއްމުކޮށްފިއެވެ.
ބ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ފެރީ ދަތުރުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަގުތައް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން އާއްމުކޮށްފައިވާއިރު އާރްޓީއެލް ފެރީގެ ހިދުމަތް ބ. އަތޮޅުގައިފެށީ މި މަހުގެ 28 ވަނަ ދުވަހުއެވެ.
ބ. އަތޮޅުގެ ފެރީގެ އަގުތައް އާންމު ކޮށްފައިވާއިރު، މި އަގުތައް ދިވެހި ސަރުކާރުގެ ގެޒެޓުގެ އިތުރުން އާރްޓީއެލް މޯބައިލް އެޕްލިކޭޝަން އާއި ވެބް ޕޯޓަލުން ފެންނާނެއެވެ.
އަންނަ އޮގަސްޓް މަހުގެ 04 ވަނަ ދުވަހުގެ ނިޔަލަށް ބ. އަތޮޅުގައި އަލަށް ފެށި އާރްޓީއެލްގެ ހިދުމަތުން ހިލޭ ދަތުރު ކުރެވޭނެއެވެ.
ޓިކެޓް ބައްލަވާލައްވަން ބޭނުންވާ ބޭފުޅުންނަށް އަންނަ އޮގަސްޓް މަހުގެ 01 ވަނަ ދުވަހުން ފެށިގެން، އާރްޓީއެލްގެ ވެބްސައިޓާއި މޯބައިލް އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ޓިކެޓް ބައްލަވައިގަތުމުގެ އިންތިޒާމް ވަނީ ހަމަޖެހިފަކަން މިނިސްޓްރީން ފާހަގަކުރެއެވެ. އަދި، ޒޯން 2 ގެ ބ. އަތޮޅުގެ އާރްޓީއެލް ފެރީގެ ހިދުމަތް ހަފްތާ އަކު 06 ދުވަހު އާރްޓީއެލްގެ ސްޕީޑް ފެރީ މެދުވެރިކޮށް 03 ރޫޓަކުން ލިބޭނެއެވެ.
ބ. އަތޮޅުގައި މި ހިދުމަތް ފެށުމާއެކު، ރާއްޖޭގެ 11 އަތޮޅެއްގައި އާރްޓީއެލް ފެރީގެ ހިދުމަތް ކުރިއަށްދާނެއެވެ. މިއީ ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަށްޓަކައި ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަޝްރޫއެކެވެ.