މުދައްރިސުން ތަމްރީން ކުރުމަށް މީގެކުރިން އެކަށީގެންވާ ގޮތަށް މަސައްކަތް ކޮށްފައެއް ނުވޭ: ވަޒީރު ޝަފީއު
7 އޯގަސްޓު 2025 - 05:04

މުދައްރިސުން ތަމްރީނުކުރުމަށް ގައުމީ ފެންވަރުގައި އެކަށީގެންވާ މަސައްކަތެއް ފާއިތުވެދިޔަ ކައިރި މާޒީގައިކޮށްފައި ނުވާ ކަމަށް ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
ވަޒީރު ޝަފީއު މިހެން ވިދާޅުވީ މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއް ގައެވެ. އެގޮތުން ވަޒީރު ވިދާޅުވީ ފާއިތުވެ ދިޔަ ތަނުގައި މުދައްރިސުންގެ ދުޅަހެޔޮކަމަށާއި ވަޒީފާގެ ރައްކާތެރިކަމަކަށް ފަރުވާލެއް ނުބެހެއްޓުމުގެ އިތުރަށް، އައު މުދައްރިސުން ތަމްރީނުކުރުމަށް ގައުމީ ފެންވަރުގައި އެކަށީގެންވާ މަސައްކަތެއް ފާއިތުވެދިޔަ ކައިރި މާޒީގައިކޮށްފައި ނުވާކަމަށެވެ.

Ad by Hajj Corporation
އެގޮތުން މުދައްރިސުންގެ މި ދަތިކަމުގެ ސަބަބުން، ހާއްސަކޮށް އުނގެނުމުގައި ހާއްސަ އެހީތެރިކަމަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމަށް ބޭނުންވާ 600 އަށް ވުރެ ގިނަ މުދައްރިސުން ނެތި، 2023 ވަނަ އަހަރު ނިމުނުއިރު އެ ދަރިވަރުން ތިބީ ބިކަވެފައިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން ދިވެހިރާއްޖެއަށް ކުރިމަތިވެފައިވަނީ ޓީޗަރުން ނުލިބުމުގެ ކާރިސާއެއް ކަމަށް ވަޒީރު ޝަފީއު ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން މާލޭގައި ދިރިއުޅުމުގެ އަގުބޮޑުވުމާއި، ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި، ރަށްތައް އެތުރިފައިވާ ގޮތަށް ރިއާޔަތްކޮށް މުދައްރިސްކަން ފަސޭހައިން ކިޔެވޭގޮތަށް ކަންކަން ފަހިކޮށްފައި ނުވާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. މި ދާއިރާއަށް ސްކޫލްތަކުން ނުކުންނަ ދަރިވަރުން ކިޔެވުމަށް ބާރުއަޅާފައިވާ މިންވަރު ކުޑަކަންވެސް ފާހަގަކުރެވިފައިވާ ކަމަށް ވަޒީރު ވިދާޅުވެފައި ވެއެވެ.
މުދައްރިސުންގެ ދަތިކަން ހައްލުކުރުމަށްޓަކައި، އެއްވެސް ތަމްރީނެއް ލިބިފައިނެތް ފަރާތްތަކެއް ހާއްސަ އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމަށް ބޭނުން ކުރުމަށްވުރެ، އެ ދާއިރާއިން އެއް އަހަރު ދުވަހުގެ ޑިޕްލޮމާއަކާއެކު ތަމްރީނުވެ ތައުލީމީ ދާއިރާއަށް ވަންނަ މުދައްރިސުން ގަބޫލުކުރުން ރަނގަޅުވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެފަރާތްތަކަށް ޑިގްރީ ފުރިހަމަ ކުރުމަށް ބާރުއަޅައި އިތުރަށް އެހީތެރިކަން ދިނުމަށް ވެސް ގޮވާލެއްވިއެވެ.
ވަޒީރު ވިދާޅުވީ އެއް އަހަރު ޑިޕްލޮމާ އަކާއެކު ޓީޗިންގ ކެރިއަރ ފެށި އެތައް މުދައްރިސުންނަކާއި ފަންނީ އެތައް ބަޔަކު މި ގައުމުގައި ތިބޭނެކަމަށާއި، އެމީހުނަކީ ދަށް ބައެކޭ ނުބުނެވޭ ވަރުގެ މޮޅު މުދައްރިސުންގެ ގޮތުގައި ފާހަގަކުރެވުނު ކަމަށެވެ.
މުދައްރިސެއްގެ އަތުގައި ފުރަތަމަ ޑިގްރީގެ ސަނަދެއް އޮތުން މުހިއްމު ވީނަމަވެސް، އިސްކޫލެއްގައި ކިޔަވައިދެވޭނީ ހަމައެކަނި 3 ނުވަތަ 4 އަހަރުގެ ސަނަދެއް ހޯދުމަށްފަހު ކަމުގައި ހެދުމަކީ ރާއްޖޭގެ މިހާރުގެ ހާލަތު ތަންދޭ ކަމެއްނޫން ކަމަށް ވަޒީރު ޝަފީއު ވިދާޅުވިއެވެ. އަދި މިއީ މުދައްރިސުން ލިބުމުގައި ދިމާވެފައިވާ ގޮންޖެހުންތަކާއި ހެދި ބައެއް ގައުމުތަކުގައި އަމަލުކުރާގޮތެއްވެސް ނޫންކަން ފާހަގަކުރެއްވިއެވެ. މި ވިސްނުމަށް އަމަލުކޮށްގެން ދުވަހަކުވެސް ރާއްޖޭގައި މިއޮތް މުދައްރިސުން މަދުވުމުގެ ހާލަތު ބަދަލެއް ނުވާނެ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ މުދައްރިސުން ލިބުމުގެ ދަތިކަން ފިލުވުމަށް ތަފާތު މަގުތައް ތައާރަފްކޮށް، މުދައްރިސުންނަށް މުޖުތަމައުގައި ދެވޭ އިހުތިރާމާއި ގަދަރު ދޭންޖެހޭ ކަމަށް ވަޒީރު ޝަފީއު ވިދާޅުވިއެވެ.
މީގެ އިތުރުން މުދައްރިސުންދެކެ ލޯބިވާ މުޖުތަމައެއް އުފަންވާންޖެހޭ ކަމަށާއި، ޑިޕްލޮމާ ސެޓުފިކެޓަކާއެކުވެސް މިދާއިރާއަށް ވަނުމަށް ހިތްވަރުދީ، ދާއިރާއިން ކުރިއަށްދިއުމަށް ބާރުއަޅާ، ސާބަސް ދޭންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ ސިޔާސީ ގޭސް އެނބުރުމަށްވުރެ ހައްސާސީ ކަމެއް ކަމަށް މިނިސްޓަރު ވަޒީރު ޝަފީއު ވަނީ ފާހަގަ ކުރައްވާފައެވެ.