ބިދޭސީންގެ ފީއާއި ޖޫރިމަނާގެ ގޮތުގައި 2 ބިލިޔަނަށް ވުރެ ގިނަ ރުފިޔާ ހޯދައިފި
22 އޯގަސްޓު 2025 - 07:41

ބިދޭސީންގެ ފީއާއި ޖޫރިމަނާގެ ފައިސާގެ ގޮތުގައި 2 ބިލިޔަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ވުޒާރާއިންވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ބިދޭސީންގެ ފީއާއި ޖޫރިމަނާގެ ފައިސާގެ ގޮތުގައި ލިބިފައިވާ ފައިސާގެ އަދާހަމަ މެންދުރަށް ހިއްސާކޮށްފައެވެ. މި މައުލޫމާތުގައިވާގޮތުން މި މުއްދަތުގެ ތެރޭގައި ބިދޭސީންގެ ވޯކް ޕާމިޓް ފީގެ ގޮތުގައި 1.2 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. ސާރވިސް ފީގެ ގޮތުގައި 1.8 މިލިޔަން ރުފިޔާ، ކޯޓާ ފީގެ ގޮތުގައި 794 މިލިޔަން ރުފިޔާ، ޖޫރިމަނާ ފައިސާގެ ގޮތުގައި 6.3 މިލިޔަން ރުފިޔާ، ޖުމްލަ 2.03 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު ބިދޭސީންގެ ފީއާއި ޖޫރިމަނާގެ ފައިސާގެ ގޮތުގައި ލިބެންޖެހޭ 967 މިލިޔަން ރުފިޔާ ނުލިބިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ވޯކް ޕާމިޓް ފީގެ ގޮތުގައި 799 މިލިޔަން ރުފިޔާއާއި ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ 10 މިލިޔަން ރުފިޔާގެ އިތުރުން ކޯޓާ ފީގެ ގޮތުގައި ލިބެންޖެހޭ 156 މިލިޔަން ރުފިޔާއެވެ.

Ad by Hajj Corporation
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަން 'އޮޕަރޭޝަން ކުރަނގީ'ގެ ދަށުން މިހާތަނަށް 174،000 އަށްވުރެ ގިނަ ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު ވަނީ އެއްކޮށްފައެވެ.
ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށް، ނިޒާމީ ގޮތުން މިމައްސަލަ ހައްލުކުރުމަށް ދިމާވެފައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
ބިދޭސީން ރާޢްޖެ ގެނެސް އެ މީހުންގެ ވިސާ ފީ ނުދައްކާ ކުންފުނިތަކުގެ ނަންތައް ހާމަކުރި ހިސާބުން ދައުލަތަށް ނުލިބި ހުރި ބިލިއަނެއްހާ ފައިސާ މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ހޯދާފައިވާ ކަމަށް ވަޒީރު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.