ބިދޭސީންގެ ފީގެ ގޮތުގައި ނުލިބިހުރި 1.2 ބިލިޔަން ރުފިޔާ ހޯދައިފި
3 ސެޕްޓެމްބަރު 2025 - 12:43
.webp&w=3840&q=75)
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ފީގެ ގޮތުގައި މިހާތަނަށް ދައުލަތަށް ނުލިބި ހުރި ފައިސާގެ ތެރެއިން މި ދައުރުގެ ތެރޭގައި 1.2 ބިލިޔަން ރުފިޔާ ދައުލަތަށް ހޯދާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު އިބްރާހިމް ވިދާޅުވީ އައު ސަރުކާރު ވެރިކަމާ ހަވާލުވީއިރު ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިން ގެންނަ ބައެއް ފަރާތްތަކުން ގަވާއިދުން ފައިސާ ނުދައްކާ ކަމަށެވެ. ބިދޭސީންގެ ފީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ވުޒާރާއިން ފެށިއިރު ދައުލަތަށް ނުލިބި 1.7 ބިލިޔަން ރުފިޔާ އޮތްކަމަށާއި ނަމަވެސް މިހާރު ތެރެއިން 1.2 ބިލިޔަން ރުފިޔާ އަނބުރާ ދައުލަތަށް ހޯދިފައިވާކަމަށް އަބްދުލްމަޖީދު ވިދާޅުވިއެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ad by Hajj Corporation
ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަން 'އޮޕަރޭޝަން ކުރަނގީ'ގެ ދަށުން މިހާތަނަށް 174،000 އަށްވުރެ ގިނަ ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު ވަނީ އެއްކޮށްފައެވެ.
ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށް، ނިޒާމީ ގޮތުން މިމައްސަލަ ހައްލުކުރުމަށް ދިމާވެފައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
ބިދޭސީން ރާޢްޖެ ގެނެސް އެ މީހުންގެ ވިސާ ފީ ނުދައްކާ ކުންފުނިތަކުގެ ނަންތައް ހާމަކުރި ހިސާބުން ދައުލަތަށް ނުލިބި ހުރި ބިލިއަނެއްހާ ފައިސާ މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ހޯދާފައިވާ ކަމަށް ވަޒީރު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.