ކުރިނބީ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް އެމްޓީސީސީ އަށް
27 އޯގަސްޓު 2025 - 04:52

ހދ. ކުރިނބީ ސިއްހީ މަރުކަޒުގެ އައު އިމާރާތް އެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ, ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު, ހދ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި, ކުރިނބީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިންނެވެ.

Ad by Hajj Corporation
ކުރިނބީ ސިއްހީ މަރުކަޒުގެ އައު އިމާރާތް އެޅުމުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމްއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ، ޑީސީޕީ(ރިޓަޔާޓް) އަޙްމަދު ސައުދީއެވެ.
ކުރިނބީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ސިއްހީ މަރުކަޒުގެ އައު އިމާރާތުގައި ލެބޯޓްރީއާއި ވޯޑާއި ޕްރޮސީޖަރ ރޫމެއްގެ އިތުރުން ނާސިން ސްޓޭޝަނާއި ގަރާޖަކާއި ސްޓޯރޭޖް އޭރިއާއެއް އަދި ޕަބްލިކް ހެލްތު ޔުނިޓެއް ގާއިމުކޮށްދެއްވާނެ ކަމަށެވެ. އަދި އައު އިމާރާތް ނިމުމުން 24 ގަޑިއިރު ސިއްހީ ހިދުމަތް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ސިއްހީ މަރުކަޒުގެ އައު އިމާރާތް އެއްކޮށް ނިމުމުން 24 ގަޑިއިރަށް ބަދަލުކުރާއިރު، މިހާރު ހުރި ވަސީލަތްތައް އިތުރުކޮށް، އަންނަ އަހަރުގެ ތެރޭގައި 16 ގަޑިއިރަށް ހިދުމަތް ދިނުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ އެ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ކުރިނބީ ސިއްހީ މަރުކަރުގެ މަސައްކަތް ބަޖެޓު ކުރެވި ވަސީލަތްތައް އިތުރު ކުރެވިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން 4,600 އަކަފޫޓުގެ ސަރަހައްދެއްގައި ބިންގަނޑު ކޮނުމާއި، މޭ ޝަނަރީ، ކޮންކްރީޓް މަސައްކަތް ކުރުމާއި، ޓައިލްސް ޖެހުމާއި، ދޮރާއި ކުޑަދޮރު ހަރުކުރުމާއި، ދަވާދު ލުމާއި، ދަގަނޑު މަސައްކަތްތަކާއި، ހައިޑްރޯލިކްސް އަދި ޑްރެއިނޭޖް މަސައްކަތްތައް ކުރުމަށް އެމްޓީސީސީއާ ވަނީ ޙަވާލުކޮށްފައެވެ. އަދި ކަރަންޓު ވަޔަރު ކުރުމާއި، މެޑިކަލް ގޭސް ސިސްޓަމެއް ހަރުކުރުމާއި، އެއަރ ކޮންޑިޝަން ސިސްޓަމެއް ހަރުކުރުމުގެ އިތުރުން އަލިފާން ނިއްވާ ނިޒާމެއް ހަރުކުރުމުގެ މަސައްކަތްވެސް ކުރެވޭނެއެވެ.
ކުރިނބީ ސިއްހީ މަރުކަޒުގެ މަޝްރޫއަކީ 12.53 މިލިއަން ރުފިޔާއަށް، 300 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.