5 އަތޮޅެއްގައި އާރުޓީއެލްގެ ޚިދުމަތް ފަށަން ބޭނުންވާ ދިރާސާތަކުގެ މަސައްކަތް މިމަހު ފަށަނީ
3 ސެޕްޓެމްބަރު 2025 - 05:36

ފަސް އަތޮޅެއްގައި ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރުޓީއެލް) ފެރީގެ ޚިދުމަތް ފެށުމަށްޓަކައި ހަދަންޖެހޭ ދިރާސާތަކުގެ މަސައްކަތް މިމަހު ފެށުމަށް ހަމަޖެހިފައިވާކަން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން ބުނީ، އާރު.ޓީ.އެލް ޕްރޮޖެކްޓްގެ ދަށުން ޒޯން 4 ގައި ދަތުރުފަތުރުގެ ނިޒާމު ގާއިމު ކުރުމަށް އެހީތެރިކަން ދިނުމުގެ ގޮތުން ކުރަން ހަމަޖެހިފައިވާ ދިރާސާތައް ކުރުމަށްޓަކައި، ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެސިސްޓެންސް (ޖައިކާ) ގެ ކޮންސަލްޓަންޓުންނާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއާއި ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

Ad by Hajj Corporation
މިބައްދަލުވުމުގައި ޖައިކާގެ ފަރާތުން، މިހިނގާ ސެޕްޓެމްބަރު އަދި އޮކްޓޯބަރު މަހު ކުރުމަށް ހަމަޖެހިފައިވާ ބޭސްލައިން ސާވޭއާ ބެހޭ މައުލޫމާތު އަދި އެ ސާވޭތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޓައިމްލައިން ވުޒާރާއާ ހިއްސާކޮށްފައިވާކަމަށް ވެސް ވުޒާރާއިން ބުނެފައިވެއެވެ.
އާރު.ޓީ.އެލް ޕްރޮޖެކްޓްގެ ދަށުން ޒޯން 4 ގައި ހިމެނޭ އަތޮޅު ތަކަކީ މ،ފ،ދ،ތ އަދި ލ އަތޮޅެވެ.
އާރުޓީއެލްގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީ ގުޅިގެންނެވެ. މި ޚިދުމަތް ދެނީ އެމްޓީސީސީ މެދުވެރިކޮށެވެ.
އިތުރު އަތޮޅުތަކުގައި އާރުޓީއެލްގެ ޚިދުމަތް ފެށުމަށްޓަކައި 56 އުޅަނދު ބޭނުންވާކަމަށާއި އެ އުޅަނދުތައް ބަނުމަށް މިހާރު ހަވާލުކޮށްފައިވާކަމަށް އެމްޓީސީސީން ބުނެއެވެ. އާރްޓީއެލްގެ ފެރީތަކެއް ބަނުމަށް އަވަށްޓެރި އިންޑިއާއިން 100 މިލިޔަން ރުފިޔާގެ ހިލޭ އެހީއެއް ވަނީ ދީފައެވެ.
މިހާރު އާރުޓީއެލްގެ ޚިދުމަތް ޤާއިމުކޮށްފައިވަނީ 11 އަތޮޅެއްގައެވެ. ޒޯން 4ގައި ހިމެނޭ އަތޮޅުތަކުގައި ޚިދުމަތް ފެށުމުން ބާކީ އޮންނާނީ 4 އަތޮޅެވެ. އާރުޓީއެލްގެ ޚިދުމަތް ސަރުކާރުން އެންމެފަހުން ފަށާފައި ވަނީ ބ. އަތޮޅުގައެވެ. ޖުލައި މަހުގެ ތެރޭޭގައި ބ. އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.