ކޯޑް އޮފް ކޮންޑަކްޓް – މެންދުރު ޓީވީ
1. އިންޓެގްރިޓީ އާއި އެކިއުރެސީ
- މެންދުރު ޓީވީ/އޮންލައިން ގެ އެންމެހާ މަންސަތަކުގައި ފޯރުކޮށްދޭ މައުލޫމާތަކީ ތެދުކަން ކަށަވަރުކުރެވިފައިވާ، ސައްހަ، އެ ޝާއިއުކުރެވިފައިވާ މައުލޫމާތަކަށް ޒިންމާވެވޭ ފަދަ އެއްޗަކަށް ވާންޖެހޭނެއެވެ.
- ގަސްތުގައި ދޮގު މައުލޫމާތު ފަތުރައި، ފިތުނަ ފަސާދަ އުފެއްދުމުގައި އެއްވެސް މައުލޫމާތެއް މެންދުރު ޓީވީ/ އޮންލައިންގެ އެއްވެސް މަންސައެއްގައި ފެތުރުމަކީ ހަރުކަށި ފިޔަވަޅު އެޅޭނެ، ކަނޑައެޅިގެން މަނާކަމެކެވެ.
2. ހަމަހަމަކަމާއި އިޚްތިރާމް
- އެކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، މައުލޫމާތު ހޯދުމަށް ގުޅާ ފަރާތްތަކާއި އެކިއެކި ކަންކަމުގައި ސްޓޭޝަނަށް އަންނަ ފަރާތްތަކަށް އަދި ޖުމްލަ ގޮތެއްގައި ހުރިހާ އެންމެނާ މެދުގައި ވެސް އަދުލުވެރިކަމާއި ހަމަހަމަ ކަމާއެކު އިހްތިރާމް ދީގެން މުއާމަލާތްކުރަން ޖެހޭނެއެވެ.
- އެއްވެސް ނިޔަތެއްގައި އެއްވެސް މީހަކަށް ތަފާތުކުރުމާއި، ފުރައްސާރަކުރުމާއި، ބުލީ ކުރުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެފަދަ ކަމެއް ފާހަގަވެއްޖެނަމަ އެ އަމަލެއް ކުރި މީހަކާ މެދު ހަރުކަށި ފިޔަވަޅު އެޅޭނެއެވެ.
3. ޕްރޮފެޝަނަލް ކޮންޑަކްޓް
- ވަޒީފާ އަދާކުރާ ތަނުގައި އާއި އާންމު ތަންތަނުގައި ވެސް އަދި ސޯޝަލް މީޑިއާގެ މަންސަތަކުގައި ވެސް ޕްރޮފެޝަނަލިޒަމް ދަމަހައްޓަން ވާނެއެވެ.
- އަމިއްލައަށް ފާޅުކުރާ ޚިޔާލާއި ދެކޭ ގޮތުގެ ސަބަބުން، މަސައްކަތްކުރާ ތަނުގެ ނިއުޓްރަލިޓީއާއި ތަނުގެ ރެޕިއުޓޭޝަނަށް އުނިކަމެއް އައިސްގެން ނުވާނެއެވެ.
4. ސިއްރު ހިފެހެއްޓުން
- ކޮންމެ ހާލަތެއްގައި ވެސް، ތަނުގެ އެތެރޭގެ ސިއްރުތައް ހިފަހައްޓަން ޖެހޭނެއެވެ. ލިބިފައިވާ ހުއްދައަކާއެކުގައި މެނުވީ ތަނުގެ އެތެރޭގެ އެއްވެސް ވާހަކައެއް އިތުރު ބަޔަކާ ހިއްސާކުރެވިގެން ނުވާނެއެވެ.
5. ކޮންފްލިކްޓް އޮފް އިންޓަރެސްޓް
- އަމިއްލަ ދިރިއުޅުމުގައި ވެސް އަދި މާލީ ގޮތުން ވިޔަސް އަދި ސިޔާސީ ފިކުރުގެ ގޮތުން ވިޔަސް، އަދާކުރާ ވަޒީފާގެ މަސްއޫލިއްޔަތަށް އެއިން އަސަރުކޮށްފާނެ އެންމެހާ ކަމަކުން ދުރުހެލިވާން ވާނެއެވެ.
- ތިމާ ޝާއިއުކުރާ ލިޔުމެއް، ވީޑިއޯއެއް ނުވަތަ ޕްރޮގްރާމެއްގައި ދަމަހައްޓަންޖެހޭ ހަމަހަމަ ކަމާއި، ވަކި ކޮޅަކަށް ނުޖެހުމުގެ ސިޔާސަތައް އެއްވެސް އަސަރެއްކޮށްފާނެ ފަދަ އެއްވެސް ހަދިޔާއެއް ނުވަތަ ފައިދާއެއް ނުވަތަ މަންފާއެއް ލިބިގަނެގެން ނުވާނެއެވެ.
6. ޤާނޫނަށް ތަބާވުން
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއަށާއި މެންދުރު ޓީވީގެ އެންމެހާ ގަވައިދުތަކާ އެއްގޮތަށް ފުރިހަމައަށް އަމަލުކުރަން ޖެހޭނެއެވެ.
7. ޒިންމާވުން
- މުވައްޒަފު ކުރާ ކޮންމެ ކަމަކާއި ނިންމާ ކޮންމެ ނިންމުމަކާ ގުޅިގެން އަންނަ ކޮންމެ ކަމަކަށް ޒިންމާވާން ޖެހޭނީ މުވައްޒަފެވެ.
- މެންދުރު ޓީވީގެ ކޯޑް އޮފް ކޮންޑަކްޓުގެ ބަޔާންކޮށްފައިވާ އެއްވެސް ކަމަކާ ޚިލާފުވެއްޖެނަމަ، އެ ކަމަކާ ޚިލާފުވި މުވައްޒަފަށް، އެންމެ ހަރުކަށި ފިޔަވަޅު އެޅުމުގެ އިޚްތިޔާރާއި ބާރު މެންދުރު ޓީވީގެ މެނޭޖްމަންޓަށް ލިބިގެން ވެއެވެ.

