ކިހާ މޯލްޑިވްސް ރިސޯޓަށް ފަތުރުވެރިން ގެންދިއުން ހުއްޓާލަން އަންގައިފި
29 އޯގަސްޓު 2025 - 04:48

ބ.ކިހާދުއްފަރުގައި ތަރައްޤީކޮށްފައިވާ ޓޫރިސްޓް ރިޒޯޓު (ކިހާ މޯލްޑިވްސް) އަކީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު އަދި ވުޒާރާއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ހިންގަމުން ދިޔަ ރިޒޯޓެއް ކަމަށްނުވާތީ އެ ރަށަށް ފަތުރުވެރިން ގެންދިއުން ހުއްޓާލަން އަންގައިފިއެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނީ ބ.ކިހާދުއްފަރު (ކިހާ މޯލްޑިވްސް) އަކީ ވުޒާރާއާ އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް ކުއްޔަށްދީފައިވާ ރަށެއްކަމަށެވެ.

Ad by Hajj Corporation
މި ރަށުގައި ތަރައްޤީކޮށްފައިވާ ޓޫރިސްޓް ރިޒޯޓު (ކިހާ މޯލްޑިވްސް) އަކީ ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު އަދި ވުޒާރާއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ހިންގަމުން ދިޔަ ރިޒޯޓެއް ކަމަށްނުވާތީ، ވުޒާރާގެ ފަރާތުން ތަކުރާރުކޮށް ފުރުޞަތުދީ ވަކި ޝަރުޠުތަކެއްގެ މަތިން އެންމެ ފަހުން ރިޒޯޓު ހިންގުމަށް އެ ކުންފުންޏަށް ދީފައިވާ ވަގުތީ އޮޕަރޭޓިންގ ލައިސަންސުގެ މުއްދަތު 27 ސެޕްޓެންބަރު 2024 ގެ ނިޔަލަށް ހަމަވުމާ ހަމައަށްވެސް އެ ކަންކަން އެކުންފުނިން ރަނގަޅުކޮށްފައެއްނުވާކަމަށް ވުޒާރާއިން ވަނީ ބުނެފައެވެ. އަދި، އެ މުއްދަތުގެ ފަހުން އެ ކުންފުންޏަށް ރިޒޯޓު ހިންގުމަށް ވުޒާރާއިން އިތުރު އޮޕަރޭޓިންގ ލައިސަންސެއް ދީފައެއްނުވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ. ރިޒޯޓު އޮޕަރޭޓިންގ ލައިސަންސް ނެތި ޓޫރިސްޓް ރިޒޯޓު ހިންގުމަކީ ޤާނޫނާ ޚިލާފުކަމެއް ކަމަށްވާތީއާއި އަދި އެ ކުންފުނިން ހުއްދަ ނެތި އެ ރަށުގައި ފަތުރުވެރިން ބައިތިއްބާތީ، ދެ ފަހަރެއްގެ މަތިން ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އެކުންފުނި ޖޫރިމަނާކުރެވިފައިވެއެވެ.
ވުޒާރާއިން ބުނީ ބ.ކިހާދުއްފަރުގައި ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް ވުޒާރާއާ އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމާ، އެ ކުންފުނިން ތަކުރާރުކޮށް ޚިލާފުވެފައިވާތީ އަދި ޤާނޫނާ ޚިލާފަށް އެރަށުގައި ޓޫރިސްޓުންނަށް ޚިދުމަތް ދެމުން ގެންދާތީ، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނާ، އެ ރަށް ކުއްޔަށްދިނުމަށް ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެމަތިން އެ އެއްބަސްވުމުގެ ދަށުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް ވުޒާރާއިން ގެންދަނީ ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އަޅަމުންކަމަށެވެ. އެހެންކަމުން، ކިހާ މޯލްޑިވްސް ރިޒޯޓަށް ޓޫރިސްޓުން ގެންދިއުމަށް އެއްވެސް މުޢާމަލާތެއް އެއްވެސް ސިފައެއްގައި އެއްވެސް ފަރާތަކުން ނުކުރެއްވުމަށް އެންމެހާ ފަރާތްތަކަށް ވުޒާރާއިންވަނީ އިލްތިމާސްކޮށްފައެވެ.


